މެކްސިކޯއިން އެމެރިކާއަށް މީހުން އެތެރެވިޔަ ނުދިނުމަށް ދެގައުމުގެ ދެމެދުގައި ބިނާކުރަން ރައީސު ޓްރަމްޕު ނިންމަވާފައިވާ ފާރު ފަދައިން، އެފްރިކާއިން ހިޖުރަކުރާ މީހުންނަ ޔޫރަޕަށް، އަދި ވަކިން ޚާއްސަކޮށް ސްޕޭނަށް، ދިއުމަށް ހުރަސްއެޅުމުގެ ގޮތުން އެފްރިކާގެ ސަހަރާ ހުރަސްކޮށް ބޮޑު ފާރެއް ބިނާކުުރުމަށް ޓްރަމްޕް ސްޕޭނަށް މަޝްވަރާދެއްވައިފިއެވެ. ރައީސު ޓްރަމްޕް މި މަޝްވަރާ ދެއްވާފައި ވަނީ ސްޕޭންގެ ޚާރިޖީ ވަޒީރު ޖޯސެޕް ބޮރެލްއަށެވެ.
ބްރެލް ވިދާޅުވި ގޮތުގައި، ރަތް ކަނޑުން އެޓްލާންޓިކް ކަނޑަށް 4800 ކިލޯ މީޓަރަށް ސަހަރާ ދެމިގެންވާ އިރު އެތަން ހުރަސްކޮށް ފާރެއް ބިނާކުރެވިދާނެކަމާ މެދު ސުވާލު އުފެއްދެވުމުން ޓްރަމްޕް އެއީ މާ ބޮޑު ކަމަކަށް ނެހެއްދެވިއެވެ.
"ސަހަަރާ ހުރަސްކޮށް ފާރެއް ބިނާކޮށްލީމަ ނިމުނީ" ޓްރަމްޕް ޚާރިޖީ ވަޒީރު ބޮރެލްއަށް ވިދާޅުވުމުން "އެކަމަކު ސަހަރާ އަކީ ކިހާބޮޑުތަނެއްކަން މަނިކުފާނަށް އެނގިވަޑައިގަންނަވާތޯ؟" އޭނާ ޓްރަމްޕަށް ދެންނެވި ކަމަށްވެއެވެ.
"ބަނދަރުތައް ބަންދުކުރުމަކީ ހައްލެެއް ނޫން. އަދި ސަހަރާ ހުރަސްކޮށް ފާރެއް ބިނާކުރުމަކީވެސް ހައްލެއް ނޫން." ރައީސު ޓްރަމްޕުގެ މި މަޝްވަރާއާ ގުޅިގެން ސްޕޭންގެ ޚާރިޖީވަޒީރު ވިދާޅުވި ކަމަށްވެއެވެ.
ސްޕޭންގް ޚާރިޖީ ވަޒީރަށް ރައީސު ޓްރަމްޕުގެ މި ނަސޭހަތް އައިސްފައި މިވަނީ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމުތަކުން އެ ގައުމުތަަކަށް އެފްރިކާއިން ހިޖުރަކުރާ މީހުންގެ މައްސަލައާ މެދު ވާހަަކަދެއްކުމަށް އޮސްޓްރިޔާގެ ސާލްޒްބާގްގައި ބައްދަލުކުރަމުންދާ ވަގުތެއްގައެވެ.
މީގެ ކުރިން ޔޫރަޕަށް އެފްރިކާއިން ހިޖުރަކުރާ މީހުން އެންމެ ގިނައިން ވަންނަނީ އިޓަލީގެ މަގުން ކަމަށް ވިޔަސް މިހާރު އެންމެ ގިނަ މީހުން ދަނީ ސްޕޭނަށެވެ. އެފްރިކާގެ ސަހަރާ ހުރަސްކޮށް މޮރޮކޯ ތެރެއަށް ވަދެގެން މޮކޮރޯއާ އިންވެގެން އޮންނަ ސްޕޭންގެ ދެ ސަރަހައްދު ކަމަށްވާ ސެއުޓާއާއި މަލީލާއަށް ވަންނަނިއެވެ. މި ދެ ސަރަހައްދުގެ އިމުގައި ލާފައިވާ އުސް ފެންސުގެ މަތިން ފުންމާލައިގެން ހުރަސްކުރާ މީހުން ދަނީ ގިނަވަމުންެނެވެ.
އެމެރިކާއާއި މެކްސިކޯއާއި ދެމެދުގައިވާ 3200 ކިލޯމީޓަރު ދިގު ސަރައްދީ ރޮނގުގެ އެއްކޮޅުން އަނެއްކޮޅަށް ރައީސު ޓްރަމްޕް ބިނާކުރައްވަން އުޅުއްވާ ފާރަށް 20 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ބައެއް ފަރާތްތަކުން އަންދާޒާކުރެއެވެ.