ހއ. މުރައިދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރައްވައިފިއެވެ. އެ މަސައްކަތް ހަވާލު ކުރައްވައިފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓާއެވެ. މަސައްކަތުގެ އަގަކީ 25.6 މިލިއަން ރުފިޔާއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގައެވެ. މިރޭ މަޣުރިބު ނަމާދަށްފަހު ބޭއްވި މި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ތާރިގު އިބްރާހީމެވެ. އަލްޓެކްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ އިބްރާހީމް ނަސީމެވެ.
މިމަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިއަދުން ފެށިގެން އެއްއަހަރު ތެރޭގައި ނިންމާ ގޮތަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތާރިގު ވިދާޅުވީ އެރަށުގައި ގާއިމްކުރައްވަނީ ފުރިހަމަ ނަރުދަމާ ނިޒާމެއްކަމަށެވެ. ނަރުދަމާ އަޅައިދިނުމުގެ އިތުރަށް އެ ބެލެހެއްޓުމަށް މީހުން ތަމްރީން ކުރުމަށްވެސް އެކުންފުންޏާ ވަނީ ހަވާލު ކުރައްވައިފައި ކަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި މަސައްކަތް ކުރާފަރާތަށް ރަށު ކައުންސިލުންނާއި ރައްޔިތުން އެއްބާރުލުން ދީފި ކަމަށްވާނަމަ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް ގެންދިޔުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިފަދަ ޕްރޮޖެކްޓްތަކުގެ ސަބަބުން ރައްޔިތުންގެ ސިއްހަތަށާއި، ރަށުގެ ތަރައްގީއަށް ބޮޑެތި ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. މިފަދަ އެތައް ކަމެއް ރައީސް ޔާމީންގެ ދެވަނަ ދައުރުގައި ފެނިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިހާތަނަށްއައިރު އެއްވެސް ވަރަކަށް ނަރުދަމާގެ މަސައްކަތް ނުކުރެވި ރާއްޖޭގައިއޮތީ ގާތްގަނޑަކަށް 64 ރަށް ކަމަށެވެ. މި ރަށްރަށުގައި ނަރުދަމާގެ ނިޒާމްގާއިމްކޮށް ނިންމަވާނެ ކަމަށް ރައީސް ޔާމީންގެ މިފަހަރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށް މިނިސްޓަރވިދާޅުވިއެވެ.