ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޮވިވަޑައިގެންފި ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ސްޓޭޑިއަމް ސަރަހައްދުގައި ބާއްވަމުން ގެންދަވާ ގިނަ މީހުން ބައިވެރިވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝައިނީ އެހެން ވިދާޅުވީ ޖަލްސާއަށް އައިސް ތިބި މީހުންގެ ގިނަކަމުންނެވެ.
ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިކަން އެތަނަށް ހާޒިރުވެ ތިބި މީހުންގެ އަދަދުން ވެސް ދައްކުވައިދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ މިހާރުވެސް އިދިކޮޅުން ބަލި ގަބޫލުކޮށްފި ކަމަށެވެ. ބަލި ގަބޫލުކޮށްފައިވާ ނުވަތަ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ބަޔަކު ދައްކަވާނެ ހުރިހާ ވާހަކައެއް އިދިކޮޅުން ދައްކަން ފަށައިފި ކަމަށެވެ.
ދިވެހިރައްޔިތުންގެ ގާތަށް ގޮސް ކެމްޕޭން ކުރެއްވުމުގެ ބަދަލުގައި އިދިކޮޅުން ދަނީ އެކުވެރި ގައުމުތައް ކަމަށްވާ ވިލާތުގެ އެކިގައުމުތަކަށް ކަމަށެވެ. ރާއްޖޭގައި ސިފައިން ބޭތިއްބިދާނެ ކަމަށް އެމީހުން ބުނާކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރަށް އިސްލާމްދީން ނޫން ދީންތަކަށް ވެސް ފުރުސަތު ދެވޭނެ ކަމަށް ވެސް އެމީހުން ބުނާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިބޫގެ ސިޔާސަތަކީ ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވާ ގޮތަށް ނަޝީދުގެ ސިޔާސަތު ކަމަށްވެސް ވިދާޅުވިއެވެ. އިދިކޮޅުފަރާތްތަކުން ރާއްޖޭގައި ޔަހޫދީ ދީންވެސް ކިޔަވައި ދޭންއުޅުނު ކަމަށާއި އެކަމަށްޓަކައި ވެސް އެމްޑީޕީއަށް ވޯޓު ނުދިނުމަށް ޝައިނީ ގޮވައިލެއްވިއެވެ.
ޝައިނީ ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވައިފި ކަމަށްވާނަމަ އެމަނިކުފާނު ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ އިސްލާމްދީނާއި ގައުމުގެ ސަލާމަތަށްޓަކައި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރައްވަންޖެހޭ ކަމަށެވެ.
މިނިސްޓަރ ޝަރީފް ވިދާޅުވީ ބޭރުގެ ފަރާތްތަކާ ޑީލްހަދައިގެން ތިބި ބަޔަކަށް ރާއްޖޭގެ ސިޔާދަތެއް ނުހިފެހެއްޓޭނެ ކަމަށެވެ. އެމީހުންނަކީ ޕަޕެޓުތަކެއް ކަމަށް ވެސް ސިފަ ކުރެއްވިއެވެ.
މިޖަލްސާގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައިދު ވިދާޅުވީ ރައީސް ޔާމީން އިންތިޚާބު ކުރުމަށްޓަކައި ކޮންމެ މީހަކަށް އިތުރު 5 މީހުން ހޮވުމަށް އެންމެން މިރޭ ވައުދުވާންޖެހޭ ކަމަށެވެ.