ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މިހާރު ފެންނަމުންދާ ތަރައްގީގެ ބާނީއަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމު ކަމަށާއި، އެއާޕޯޓަކީ އެމަނިކުފާނުގެ ދުރު ވިސްނުމުގެ ނަމޫނާއެއް ކަމަށް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންޑިރެކްޓަރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެއާޕޯޓުގެ އައު ރަންވޭ ހުޅުވުމާއި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް މަރުހަބާ ދެންނެވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މިސަރުކާރުން ނޫނީ އެއާޕޯޓުގެ ތަރައްގީއަށް ކުރު މުއްދަތެއްގައި މިހާބޮޑު ހޭދައެއް ނުކުރައްވާ ކަމަށެވެ. "މިސަރުކާރުން ނޫނީ އެއާޕޯޓުގެ ތަރައްގީއަށް މިހާކުރު މުއްދަތެއްގައި މިހާބޮޑު ހޭދައެއް ކޮށްފައިނުވާނެ. މި އެއާޕޯޓުގެ އުމުރުން 52 އަހަރުވީއިރު ޓޫރިޒަމަށްއައި ބޮޑު ކުރިއެރުމާ ހަމަކުރެވޭ ވަރުގެ ތަރައްގީއެއް އެއާޕޯޓަށް ނައީ ކީއްވެގެންތޯ ސުވާލުކޮށްލަންޖެހޭ. ކުރީގެ ސަރުކާރުތަކުން އެއާޕޯޓު ތަރައްގީކުރަން އެކި ފޭސްތަކަށް ހޭދަކޮށްފައިވަނީ އެންމެ ނުވަދިހަ ފަސް މިލިއަންޑޮލަރު. މިއަދު އަޅުގަނޑުމެން މިހެކިވަނީ އެއްބިލިއަންޑޮލަރުގެ މަޝްރޫއުގެ އެއްބައި ނިންމުން،" އާދިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަންވޭ ހަދާފައިވަނީ ދުނިޔޭގެ ކުރިއަރައިފައިވާ ގައުމުތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން ކަމަށެވެ. އެހެން ކަމުން ރަންވޭގެ ކޮލިޓީއާ ދޭތެރޭ އެއްވެސް ސުވާލެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެއާޕޯޓުގެ މުޅި ތަރައްގީ ކުރިއަށް ގެންދަނީ އެކޮލިޓީ ކަށަވަރުކޮށް ދުރުމުސްތަގުބަލަށް ބިނާކޮށް ކަމަށްވެސް އާދިލް ވިދާޅުވިއެވެ.
"މިބޮޑޫ މަޝްރޫއު ނިމޭއިރު ރައީސް ޔާމީންގެ ވިސްނުފުޅަކީ ރާއްޖެއަށް މިހާރު ޒިޔާރަތްކުރާ 1.5 މިލިއަން ޓޫރިސްޓުންގެ އަދަދު 7.5 މިލިއަން ޓޫރިސްޓުންނަށް ވެގެންދިއުން. އެވަރުގެ އަދަދެއްގެ ދަތުރުވެރިންނަށް ޚިދުމަތްކުރަން ފުރަތަމަ އަހަރު 3000 އަށްވުރެ ގިނަ ވަޒީފާ މި އެއާޕޯޓުގައި އުފެދޭނެ،" އާދިލް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ ރާއްޖެފަދަ ގައުމެއްގެ އެއާޕޯޓަށް ދުނިޔޭގެ ކޮމާޝަލް ވައިގެ ދަތުރުތަކުގައި ބޭނުންކުރާ އޭ-380 މަރުކާގެ ބޯޓެއް ޖެއްސި މަންޒަރު ފެނުމަކީ ހުވަފެނެއްނޫން ކަމަށެވެ. "ދެންމެ އަޅުގަނޑުމެންނަށް ފެނުނު މަންޒަރަކީ ހަމަޔަގީނުންވެސް ހުވަފެނެއްނޫން. ދުނިޔޭގެ ކޮމާޝަލް ވައިގެން ދަތުރުފަތުރުގައި ބޭނުންކުރާ އެންމެބޮޑު ބޯޓު އޭ-380 އެޖެއްސީ މި އެއާޕޯޓަށް. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައިހެދި ރަންވޭއަށް. މިއީ ކުޑަކަމެއްނޫން. މިއީ އާދައިގެ ދުވަހެއްނޫން. މިއީ ރާއްޖޭގެ ތާރީޚީ ދުވަހެއް. ދިވެހިން ފަޚުރުވެރިވާނޭ ދުވަހެއް. އިއްތިހާދު އެއާލައިންބޯޓު ޖެއްސުމާއެކު އަޅުގަނޑު އަޅުގަނޑު މެން މިއެއާޕޯޓުގެ ތާރީޚު އަލުންމިއޮތީ ލިޔަންޖެހިފައި،" އޭނާ ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ ތާރީޚީ މި ހަރަކާތް އެގޮތަށް ފެނުނީ ޖީއެމްއާރުއަތުން އެއާޕޯޓުނަގައި އެމްއެލްސީއަށް ހިންގަން ހަވާލުކުރުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކުރީގެ ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓު ދިންއިރު އައު ރަންވޭއެއް ހަދަން އެގްރީމެންޓުގައި ޝަރުތުކޮށްފައެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ. "އެ އެގުރިމެންޓުގެ ދަށުން ހަދަންޖެހޭ ޓާމިނަލް އިމާރާތުގައި ޖީއެމްއާރުން ތަނބުޖެހީ ހުޅުލޭގެ އިރުމަތީފަރާތުގައި އެއީ އަޅުގަނޑުމެންނަށް މިފެންނަ ހިތްގައިމު އައު ރަންވޭގެ އެއްބައި. މި އެއާޕޯޓުގައި އަބަދުވެސް ދިމާވަމުންދިޔަ އެންމެބޮޑު ގޮންޖެހުމަކީ ރަންވޭ ބާވެ މިޒަމާނަށް ނުފެތުން. އަދި އެންމެ ރަންވޭއެއް އެއާޕޯޓުގައި އޮޕަރޭޓް ކުރުމަކީ އިގްތިސާދަށް ވެސް އޭގެ ގެއްލުން ބޮޑުކަމެއް. އެ ހުރިހާކަމެއް އަޅުގަނޑުމެން ތަޖުރިބާ ކޮށްފީމު. އެހެންވެ އާރަންވޭއެއް ނާޅައި އެއީ އެއާޕޯޓު ތަރައްގީ ކުރުމެކޭ ނުކިޔޭނެ. އެކަމަކު ޖީއެމްއާރުން ޓާމިނަލް ހެދިނަމަ އާ ރަންވޭއެއް އަޅާނެ ޖާގައެއް މި އެއާޕޯޓުން ނުލިބުނީސް،" އާދިލް ވިދާޅުވިއެވެ.
ޖީއެމްއާރު އަތުން އެއާޕޯޓުނަގައި އަލުން ސަރުކާރުން ހިންގާ ގޮތަށް ހަމަޖައްސަވައި އެމްއޭސީއެލް އިން ހިންގާގޮތަށް ހަވާލު ކުރުމަކީ ދިވެހިންނަށް ލިބުނު ގައުމީ ކާމިޔާބެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "މިކާމިޔާބީގެ ކުޑަ މިސާލެއް ދަންނަވާލަނަން. ޖީއެމްއާރަށް އެއާޕޯޓުދިން ފުރަތަމަ އަހަރު އެމްއޭސީއެލް އަށް ލިބުލީ އެންމެ ފަނަރަ މިލިއަން ދިވެހިރުފިޔާ. އެކަމަކު އެމްއޭސީއެލްގެ ފައިދާއަކަށް މިހާރު އަހަރަކު އެއްބިލިއަން ރުފިޔާއަށްވުރެ އިތުރަށް ލިބޭކަމަށް ފާހަގަކުރަން،" އާދިލް ވިދާޅުވިއެވެ.
މިފަދަ ބޮޑެތި މަޝްރޫއުތައް ރައީސް ޔާމީން ހިނގަވަނީ ގައުމަށްވާނެ ފައިދާ ވިސްނޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އާ ރަންވޭއަކީ އިގްތިސާދަށް ރައީސް އަޅުއްވައިދެއްވި ފާލަމެއް ކަމަށްވެސް އާދިލް މޫސާ ވިދާޅުވިއެވެ.