މިއަދަކީ އެތައް އުފަލެއް ލިބުނު އީދެއް: ރައީސް

މިއަދަކީ އެތައް އުފަލެއް ލިބިވަޑައިގެންނެވި އުފާވެރި އީދުދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ހުޅުވުމާއި ދިވެހިގައުމީ ފުޓުބޯޅަ ޓީމަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްގޭ ގައުމީ ފުޓުބޯޅަ ތަށި ދެވަނަފަހަރަށް ރާއްޖެ ހޯދުމާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ހުޅުވެގެންދިޔުމަކީ އެއްފަހަރާ އައި ދެއދު ކަމަށެވެ. އެކަމަށްޓަކައި ވަރަށް އުފާފުޅު ކުރައްވާ ކަމަށާއި ދިވެހި ޒުވާން ގައުމީޓީމް ގެނައި ތަށި އުފުލާލުމުގެ ޝަރަފް ލިބިވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ޚާއްސަ އުފަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ﷲ ކަންކަމުގައި ބައެއް ފަހަރު އިއްތުފާގު ވެސް މެދުވެރި ކުރައްވާ ކަމަށެވެ. އެގިތޮތުން އައު ރަންވޭ ހުޅުވުމާއި ސާފުގެ ތަށި ހޯދިޓީމް އެދުވަހު އެރަންވޭއަށް ފުރަތަމަ ޖެއްސި ބޯޓުން އައުމާއި އެބޯޓު ދުއްވަން ދިވެއްސެއް ކަމަށްވާ އަލީ އަހުސަން އިންނެވުން ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރަށް 2008 ވަނަ އަހަރު ރާއްޖެ ތަށިހޯދިއިރު ޓީމުގެ ކެޕްޓަނަކީ އައްސަދު އަބްދުލް ޣަނީ ކަމަށާއި އޭރު ރާއްޖޭގެ ވެރިއަކަށް ހުނެވީ ރައީސް މައުމޫނަކީ ރައީސް ޔާމީންގެ ބޭބޭފުޅު ކަމަށް ވިދާޅުވިއެވެ. މިފަހަރު ރާއްޖެއިން ތަށިހޯދިއިރު ޓީމުގެ ކެޕްޓަނަކީ އައްސަދުގެ ކޮއްކޮ އަކުރަމް ކަމަށާއި ރާއްޖޭގެ ވެރިއަކަށް ހުންނެވި އެމަނިކުފާނު ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގުޅިގެން އެންމެން ހިތްވަރާއެކު މަސައްކަތް ކޮށްފިކަމަށްވާނަމަ ސާފުގެ ތަށިވެސް ލިބިދާނެކަން ދިވެހި ޓީމުން ހާމަކޮށްދެއްވައިފި ކަމަށާއި އިތުރު ކާމިޔާބީ ހޯދުމަށްޓަކައި ދިވެހި ކުޅުންތެރިން އެހެން ލެވެލްއަކަށް ދިއުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.