ތަރައްގީގެ މަގުގައި އަޅުގަނޑާ އެއްހަމައެއް ނުކުރެވޭނެ: ރައީސް

ރާއްޖެއަށް ގެނެސް ދެއްވަމުން ގެންދަވާ ތަރައްގީގެ މަގުގައި އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީނާ އެއްހަމައެއްގައި ފައިތިލަ ހަމަ ނުކުރެވޭނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމީދޫގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސުވާލުތަކެއް ކުރައްވައިފައެވެ. "ތަރައްގީއާއެކު ވަޑައިގަންނަވާ ކަމަށްވާނަމަ ތަރައްގީ ތަޖުރިބާ ކުރައްވައިފިންތޯއޭ؟ ތަރައްގީ ތަޖުރިބާ ކުރެއްވިއްޔާ ތަޖުރިބާ ކުރެއްވީ ކާކާއެކީތޯއޭ؟" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާ ޓީމަކީ ވަރަށް އިޚްލާސްތެރިކަމާއެކީ ރައްޔިތުންނަށް މަސައްކަތް ކޮށްދެއްވާ ގާބިލްޓީމެއް ކަމަށެވެ. އެހެންނަމަވެސް އެބޭފުޅުންނާ މެދުވެސް އެއްވެސް މައްސަލައެއްއޮތް ކަމަށްވާނަމަ އެކަމެއް ކޯޓުތަކަށް ހުށަހަޅުއްވައިގެން އެބޭފުޅުންގެ މައްޗަށް ސާބިތު ކުރެއްވުމަށް އިދިކޮޅު ފަރާތްތަކަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.

"އަޅުގަނޑުމެންގެ މައްޗަށްހުރި މައްސަލައެއް ވިއްޔާ އެބޭފުޅުން (އިދިކޮޅު ބޭފުޅުން) ކޯޓުތަކަށް ވަޑައިގެން ސާބިތު ކުރައްވާ. އެކަމަކު ދަންނަވަންތޯ އެއިން ބޭފުޅަކަށް އެއިންކަމެއް ނުކުރެއްވޭނެ. އެއީ އަޅުގަނޑުމެންނަކީ އެއަށްވުރެ މާ ތާހިރުކޮށް ކަންކޮށްފައި ނިންމާފައިވާބައެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ވެސް މައްސަލަތައް ހުރިނަމަ ހުރީ އިދިކޮޅު ބޭފުޅުން ވަޒީރުކަމުގައި ތިއްބެވިއިރު ހުރި މައްސަލަތަކެއް ކަމަށެވެ. "މިއަދު ވެސް މައްސަލަތައް ހުރިއްޔާ މައްސަލަތައްހުރީ އެބޭބޭފުޅުން ވަޒީރުކަމުގައި ތިއްބެވިއިރު އެބޭފުޅުންގެ މައްސަލަތައް. އެހެންވީމާ މިކަހަލަ ކަންކަމުގައި ރައީސް ޔާމީން ފަހާ ކަމަށްވަންޏާ ހަމަ ތިބެންޖެހޭނީ ފަހަފަހާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ބޭފުޅުންނަށް ތަރައްގީގެ މަގުގައި އެމަނިކުފާނާ އަރާހަނަ ނުކުރެވޭނެ ކަމަށެވެ. އެކަން އެގޮތަށްވަނީ އެބޭފުޅުންގެ އެ ޚިޔާލާއި ފިކުރާއި އިޚްލާސްތެރިކަން ނެތުމުން ކަމަށް ވިދާޅުވިއެވެ. "އިރާދަ ކުރެއްވިއްޔާ ތަރައްގީގެ މަގުގައި އަޅުގަނޑާ ފައިތިލަ ހަމަކުރާކަށް މިބޭފުޅުންނަށް ވަޑައެއް ނުގަނެވޭނެ. ވަޑައިނުގަނެވޭނެ ސަބަބަކީ އެބޭފުޅުންގެ ޚިޔާލުވެސްނެތީ، އެބޭފުޅުންގެ އެ ފިކުރުވެސްނެތީ، އެބޭފުޅުންގެ އަތުގައި އެ ކެޕޭސިޓީވެސް ނެތީ، އެބޭފުޅުންގެ އިޚުލާސްތެރިކަމެއްވެސްނެތީ،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.