ކޮމަންވެލްތަށްވުރެ ކުރިން ރައީސް އެމީހުންނާމެދު ފިޔަވަޅު އެޅި: ޑރ. ޝަހީމް

ދިވެހިރާއްޖެއާ މެދު ކޮމަންވެލްތުން ފިޔަވަޅުއަޅާނެ ކަމުގެ ވާހަކަ ދައްކަ ދައްކައި ތިއްބައި ރައީސް ޔާމީން އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުއްވި ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ޒައާމަތުގައި އަބަދުވެސް ހުންނަވަންވާނީ ކެރޭ ބޭފުޅެއް ކަމަށެވެ. ރައީސް ޔާމީނަކީ އެފަދަ ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މީގެ ކުރިން ރާއްކޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާ ވެފައިނުވާ މިންވަރަށް ރާއްޖޭގެ މުސްތަގިއްލު ކަމާއި، މިނިވަން ސިޔާސަތެއް ރައީސް ޔާމީން ވަނީ ގާއިމް ކޮށްދެއްވައިފައި ކަމަށެވެ.

"ބޭރުގެ އެކިއެކި ޖަމާއަތްކުން އަޅުގަނޑުމެންގެ މައްޗަށް އިއްވާ ވަސިއްޔަތަކަށް އަޅުގަނޑޫމެން އަމަލު ނުކުރުމަކުން އެއީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އެކަހެރިވެގެން ދިޔަ ދިޔުމެއްނޫން. އޭގެ މާނައަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ ވަރުގަދަވީއޭ. ކޮމަންވެލްތުން ވެސް ރާއްޖޭގެ މައްޗަށް ވަރަށްގިނަ ފިޔަވަޅުތައް އަޅަން އުޅުނު. އެމީހުން ފިޔަވަޅު އެޅުމުގެ ކުރިން އެމީހުންނާ މެދުގައި ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅު އަޅުއްވައިފި،" ޝަހީމް ވިދާޅުވިއެވެ. ޝަހީމް އެހެން އެވިދާޅުވީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅައިފާނެ ކަމުގެ އިންޒާރު ކޮމަންވެލްތުން ދޭން ފެށުމުން ސަރުކާރުން އެޖަމާއަތާ ވަކިވުމުންނެވެ.

ރާއްޖޭގެ ވެރިކަމަށް ބޭނުންވަނީ ހަމައެކަނި ސާލިހު ބޭފުޅެއް ނޫންކަމަށާއި ވެރިކަމަށް ބޭނުންވަނީ ވަރުގަދަ ސާލިހު ބޭފުޅެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އެމީހަކީ ކިތަންމެ ސާލިހު ބޭފުޅަކަށް ވިޔަސް އެމީހާގެ ކިބައިގައި ވަރުގަދަކަމާއި ކެރުންތެރިކަން ނެތްކަމަށް ވާނަމަ ގައުމުދާނީ އޮޔާ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. ރާއްޖޭގެ ވެއްޓަށް ބަލާއިރު ރާއްޖޭގައި މިވަގުތު "ސިޔާސީ ފަޒާގެ ތެރެއިން ނުފެނޭ ރައީސް ޔާމީން ފަދަ ވަރުގަދަ ޝަޚުސިއްޔަތެއް." ޝަހީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.