ޒުވާނުންނަކީ ތިބި ބައެއްކަން އަންގައިދިނީ މިސަރުކާރުން: ރައީސް

ޒުވާނުންނަކީ ތިބި ބައެއްކަން އަންގައިދިނީ މިސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޒުވާނުންނަކީ ދިވެހި މުޖުތަމަޢު އާރާސްތުކުރުމުގައި ދައުރެއް އޮތް ބައެއްކަމަށެވެ.
ޒުވާނުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކާބެހޭ ގޮތުން ރައީސް ވިދާޅުވީ މިސަރުކާރުން ޒުވާނުންގެ ތަރައްޤީއަށްޓަކައި ފަހިކޮށްދެއްވަމުންދާ "ގެޓްސެޓް ލޯން ސްކީމް" ފަދަ ކަންކަން ފުޅާކޮށް ދެއްވާނެ ކަމަށެވެ.

އެ ލޯން ސްކީމް ގެ ދަށުން 70 ވިޔަފާރިއަށް މިހާތަނަށް ލޯނު ދޫކުރައްވާފައިވާކަމަށާއި، އެ ސްކީމްގެ ދަށުން ކުރިއަށް އޮތް ދައުރުގައި 1000 ޒުވާނުން ހިމެނޭ ގޮތަށް 500 ވިޔަފާރިއަށް ލޯނު ދޫކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސިނަމާލެ ބްރިޖަކީ ތަރައްޤީގެ ރޮނގުން މިސަރަޙައްދުގެ ޤައުމުތަކާއި، ފައިހަމަ ކުރުމަށް މިސަރުކާރުން ކުރައްވާފައިވާ މަސައްކަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި މިބްރިޖަކީ ހުރިހާ ދިވެހިންގެ ތަރިކައެއްކަން ވެސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އެކަމުގެ ސަބަބުން ދިވެހި ޤައުމަށް ލިބޭނެ ފައިދާއާއި މަންފާގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ކުރިއަށް އޮތްތާންގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް އެންމެ ބޮޑު ހިއްސާއެއްވާނީ އެއަރޕޯޓުންކަން ފާހަގަކުރެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.