ފިޔަވަޅު އަޅައިފިނަމަ ދެރަވާނެ، އެކަމަކު ﷲގެ ރަހުމަތުން ވަކިނުކުރެވޭނެ: ރައީސް

ރާއްޖެއާމެދު ބޭރުގެ ފަރާތްތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ކަމަށްވާނަމަ އެކަމާ ދެރަފުޅުވާނެ ކަމަށާއި އެހެންނަމަވެސް އިރާދަކުރެއްވިއްޔާ ﷲ ރަހުމަތުން ދިވެހިން ވަކިނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަލިމަސް ކާނިވަލުގައި ޕީޕީއެމުން މިހާރު ބައްވަމުން ގެންދަވާ "ބްރިޖު ސަޅިވާނެ" ޖަލްސާގައި ދައްކަވަމުން ގެންދަވާ ވާހަކަފުޅުގައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާއިން ވެސް ރާއްޖެއަށް އިންޒާރު ދީފައިވަނިކޮށްނެވެ.

އެމެރިކާގެ އިތުރަށް ޔޫރަޕުގެ ގައުމުތަކުން ވެސް ރާއްޖޭގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އަޅައިފާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. "މިހާރު އަޑުއުފުލެމުން އެދަނީ އަޅުގަނޑުމެންނާ ދޭތެރޭ ފިޔަވަޅު އަޅަން. ފިޔަވަޅު އެޅީމައި އަޅުގަނޑުމެން ދެރަވާނެ. އެހެންނަމަވެސް ﷲ ގެ ތަނަވަސް ރަހުމަތަކުން އަޅުގަނޑުމެން މަހުރޫމެއް ނުވާނެ. ދިވެހި ރައްޔިތުން ވިސްނަވާ ވަޑައިގަންނަވާ އެކަމަށް. އަޅުގަނޑުމެން ދެރަވޭ، ޖެހިލުންވޭ އެކަމަކު އަޅުގަނޑުމެންގެ ހުރިހާ ކަމެއް އެކަންކަމުގެ މައްޗަށް ނިންމައިގެން ތިބޭ ކަމަށްވަންޏާ އަބަދު ތިބެންޖެހޭނީ އަޅުވެތި ކަމުގައި، އިސްތިއުމާރުގެ އަޅުވެތިކަމުގައި ތިބެންޖެހޭނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގޮތަކީ ދިވެހި ރައްޔިތުންނަށް ހައްގުގޮތެއް ނޫން ކަމަށެވެ. ދިވެހިރައްޔިތުންނަކީ މިހިސާބަށް އައިރު އެތައް އަހަރެއްގެ ތަހުޒީބެއް ފަހަތުގައުވާ ބައެއް ކަމަށެވެ. ދިވެހި ކާބަފައިން އެތައް ހަނގުރާމައެއް ވެސް ކޮށްފި ކަމަށް ވިދާޅުވިއެވެ. އެތައް ބައެއްގެ ލޭ މި ބިމާއެކުވެ ހިނގައްޖެ ކަމަށް ވެސް ވިދާޅުވިއެވެ. އެއީ މިނިވަން އިސްލާމީ ދައުލަތެއް އޮތުމަށް ކުރި ހަނގުރާމަތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ މިއިވޭ އަޑުތަކާދޭތެރޭ އަޅުގަނޑުމެން ކަންބޮޑުވޭ ދެރަވޭ. އެކަމަކު މާޔޫސް ނުވާށޭ އަޅުގަނޑު މިއަދުވެސް ދަންނަވާލާނަން. ވޯޓުކައިރުވުމުން މިކަހަލަ ކަންކަން ކުރާކަމަށް ވަންޏާ އެއަށްވުރެ ބޮޑަށް ވޯޓަށް ނުފޫޒު ފޯރުވޭނޭ ގޮތެއް ނޯންނާނެ. އެއަށްވުރެ ބޮޑަށް މިރައީސްގެ ނޫނީ މި ކެންޑިޑޭޓުގެ އިންތިޚާބީ ހައްގަކަށް ވެސް އަރައިގަނެވޭނެ ގޮތެއްވެސް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.