މިމަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަން ކާމިޔާބު ކުރާނެ ކަމަށާއި އެކަމަށް މަސައްކަތް ކުރާއިރު އެއްވެސް ބަޔަކު ފަރުވާ ކުޑަނުކޮށް މަސައްކަތް ކުރުމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) މިއަދު ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ހއ. ތަކަންދޫއަށް ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ވަޑައިގެން އެރަށުގައިތިބި ކޯލިޝަނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އިންތިޚާބުގެ ވޯޓު އޮޅުވާލައި މަކަރު ހެދުމަށް ޕީޕީއެމުން މަސައްކަތް ކުރިނަމަވެސް އެ ޖާގަ އިދިކޮޅު ސަޕޯޓަރުން ދީގެންނުވާނެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭނެ ކަމަށެވެ.
އިބޫ ވިދާޅުވީ އިދިކޮޅު ސަޕޯޓަރުން އެދުވަހު ވޯޓަށް ފާރަވެރިވެ ތިބެއްޖެނަމަ ރައީސް ޔާމީން އިންތިޚާބުން ބަލިވެވަޑައިގެން ގެޔަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. އިންތިޚާބުން ރައީސް ޔާމީން ބަލިވެވަޑައިގަތަސް ނޮވެމްބަރު މަހު ރައީސް ކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީން ކަމަށް ޕީޕީއެމާއި ސަރުކާރަށް ތާއީދުކުރާ ބަޔެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށާއި ނަމަވެސް އެއީ އެކަންވާނެ ގޮތެއް ނޫން ކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އިންތިޚާބުން ބަލިވާ ބޭފުޅަކު ރައީސް ކަމުގައި ބަހައްޓަން ރައްޔިތުން ޖާގަ ނުދޭނެ ކަމަށެވެ. އިބޫ ވިދާޅުވީ ރައްޔިތުން ވޯޓުގައި ނިންމާ ގޮތެއް ރައްޔިތުން ތަންފީޒު ކުރާނެ ކަމަށާއި އެކަމަށް ހުރަސް އަޅަން ރާއްޖެއިން އެކަކުވެސް ނުނުކުންނާނެ ކަމަށެވެ.