ޝަހީދުންގެ ދުވަހުން ދިވެހި ދަރިން ޢިބްރަތަކެއް ޙާޞިލްކުރަންޖެހޭ

Untitled

މޫނިސާ ޢީސާ

އަޅުގަނޑުމެންގެ ރާއްޖޭގެ އިސްލާމްދީނާއި މިނިވަން ކަމާއި ސިޔާދަތު އެކިފަހަރުމަތިން ވަނީ ގެއްލިގެން ގޮސްފައެވެ. މިއިން ކޮންމެ ފަހަރަކުވެސް އަޅުގަނޑުމެންގެ އިސްލާމްދީނާއި މިނިވަންކަން ގެއްލިގެން ގޮސްފައިވަނީ ދިވެހިންގެ ތެރޭގައި އުޅުނު ޤައުމަށް ޚިޔާނާތްތެރިވި ބައެއްގެ ސަބަބުންނެވެ. މިކަން ރާއްޖޭ ތާރީޚުން ފެންނަން އެބައޮތެވެ. އަދި މިއިން ކޮންމެ ފަހަރަކީ ދީނާއި ޤައުމަށްޓަކައި ދިވެހި އަބްޠާލުންތަކެއް، ލެޔާއި ފުރާނައިން ޤުރުބާންވެ ޝަހީދުވެގެން ދިޔަފަހަރެކެވެ.

      ޝަހީދުންގެ ދުވަސް ފާހަގަކުރަމުން ގެންދަނީ މިފަދަ އަބްޠާލުންގެ ޒިކްރާ އާކޮށް އެހާދިސާ ތަކުން ޢިބްރަތް ޙާޞިލުކުރުމަށްޓަކެވެ. މިއަދަކީ ރާއްޖޭގައި ފާހަގަކުރަމުން އަންނަ ޝަހީދުންގެ ދުވަހެވެ. ޝަހީދުންގެ ދުވަހުގެ ގޮތުގައިފާހަގަ ކުރަމުން އަންނަނީ ޝަޢުބާންމަހުގެ ފުރަތަމަ ދުވަހެވެ. އެއީރާއްޖޭގެ އިސްލާމްދީނާއި މިނިވަންކަމަށްޓަކައި ޕޯޗްގީޒުންނާ ހަނގުރާމަކޮށް އައްސުލްޠާން ޢަލީ (ހަވަނަ) ނުވަތަ ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހެވެ.

      ޢަލީ ރަސްގެފާނު ގިނިކަންޏާ ކަހަލަ ގޮތަކަށް ޕޯޗްގީޒުންނާ ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންނެވީ ހިޖުރީ ސަނަތުން 965 އަހަހަރުގެ ޝަޢުބާންމަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީ ސަނަތުން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހެވެ. އައްސުލްޠާން ޢަލީ ހަވަނަ އައުދަ ސިއާކަ ކައްތިރި މަހާރަދުން ނުވަތަ ދިވެހީންގެ މަޝްހޫރު ނަމުންނަމަ ޢަލީ ރަސްގެފާނު ރަސްކަންކުރެއްވީ ހިޖުރީ ސަނަތުން 965 އަހަރުއެވެ. އެއީ މީލާދީން 1558 ގައެވެ. ރަސްކަމުގެ މުއްދަތަކީ ދެމަހާއި ފޮއި ދުވަސް ނުވަތަ ފަނަރަ ދުވަހެވެ.

      ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގެނެވި ހަނގުރާމަ ޕޯރޗްގީޒުންނާ ދެކޮޅަށް ކުރަންޖެހި، ދިވެހިރާއްޖޭގެ އެބައިމީހުންގެ އަޅުވެތިކަމުގެ ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޤައުމަށް ޚިޔާނާތްތެރިވި ދިވެއްސެއްގެ އަމިއްލަ އެދުމެވެ. އެއީ މީލާދީން 1550 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި ނުވަވަނަ ހަސަން ރަސްގެފާނެވެ.

      ރަސްކަމުގެ ކޮއިލު ތެރޭގައި އެދުވަސް ވަރު ހިނގި ހަމަނުޖެހުންގަޑެއްގައި ޙަސަން ރަސްގެފާނު ރާއްޖެ ދޫކޮށް އެދުވަސްވަރު އިންޑިއާގައި ތިބި ޕޯޗްގީޒުންގެ ގާތަށް ވަޑައިގެންނެވިއެވެ. ޕޯޗްގީޒުންގެ ގާތަށް ވަޑައިގެން އެބައިމީހުންގެ ރުހުން ހޯދުމަށްޓަކައި ނަސާރާދީނަށް ވެދެވަޑައިގެން، އެބައިމީހުންގެ އެހީތެރިކަމާއެކު ރާއްޖޭގެ ވެރިކަން ދެވަނަ ފަހަރަށް ހޯއްދެވުމުގެ މަސައްކަތް ފެށްޓެވިއެވެ. ޕޯޗްގީޒުންނަކީ ރާއްޖެއަށް ވަރަށް ބޮޑަށް ދަހިވެތި ވެފައިވާ ބައެވެ. ރާއްޖޭގެ ވެރިކަމާ ތޮޅި ރާއްޖެ އަޅުވެތި ކުރުމަށް އެކި ފަހަރު މަތިން އެބައިމީހުން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެމީހުންގެ މަސައްކަތް ކާމިޔާބުވެ ރާއްޖެ އެބައިމީހުންގެ އަޅުވެތިކަމުގެ ދަށަށް ދިޔައީ ނުވަވަނަ ހަސަން ރަސްގެފާނު އެމީހުންނާ ބައިޢަތު ހިފުމަށްފަހު ޢަލީ ރަސްގެފާނާ ހަނގުރާމަކޮށް ޝަހީދުކޮށްލުމަށްފަހުއެވެ.

      ރާއްޖޭގެ ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި އެދުވަސް ވަރަކީ ވެރިރަށް މާލޭގައި ޤައުމީ ރޫޙުކުޑަވެ ވަރަށް ބޮޑަށް ބައިބައިވެ ހަމަނުޖެހުންތައް ގިނަ ދުވަސް ވަރެކެވެ. ޢަލީ ރަސްގެފާނު ޕޯޗްގީޒުންނާ ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންނެވި ދުވަހުގެ ކަންތައްތައް ހިނގާ ދިޔަގޮތާބެހޭ ގޮތުން ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި، ރަދުންގެ އަމުރުފުޅެއް ނެތި ބޮޑު ކޯއްޓޭ ބުރުޒުން އަމާން ދިދަ ބަޔަކު ނެގިކަމަށް، ބަޣާވާތްކުރަން އުޅުނު ބަޔަކު އެރަދުންނަށް ދެންނެވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ޕޯޗްގީޒް ލަސްކަރު މާލޭގެ ހުޅަނގު އުތުރުކޮޅަށް ފޭބި ޚަބަރު ލިބިވަޑައިގެންނެވިއެވެ. އެހެންކަމުން ޕޯޗްގީޒުންނާ ހަނގުރާމަކުރެއްވުމަށް ޢަލީ ރަސްގެފާނު ލަސްކަރީންނާއެކު ނިކުމެވަޑައިގެންނެވިއެވެ. ނަމަވެސް ޢީދު މިސްކިތާ ހިސާބުން އެރަދުން އެނބުރި ފަހަތް ބައްލަވާލެއްވިއިރު ބޮޑުވަޒިރާއި އެންމެ ޚާދިމެއް ފިޔަވައި ލަސްކަރު ތިބި އެހެން މީހުން ފިލީއެވެ. ނަމަވެސް ހިތްވަރުފުޅު ދޫކޮށް ނުލައްވާ އެނބުރި ވަޑައި ނުގެން އެދެމީހުންނާއެކު ޢަލީ ރަސްގެފާނު ޕޯޗްގީޒުންގެ ލަސްކަރާ ކުރިމަތިލެއްވިއެވެ. ޢަލީރަސްގެފާނާއި އަރިހުގައި ތިއްބެވި ދެބޭކަލުންވެސް ހަނގުރާމަ ކުރައްވަމުން ގެންދެވީ ކަނޑިއާއި އައްޑަނައިންނެވެ. ނަމަވެސް ޕޯޗްގީޒުންގެ ލަސްކަރުން ދިން ބަޑީގެ ހަމާލާތަކުގެ އުންޑައިން ޢަލީ ރަސްގެފާނާއި އަރިހުގައި ތިއްބެވި ދެބޭކަލުންވެސް ޝަހީދުވެވަޑައިގެންނެވީއެވެ. އޭގެފަހުން ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށުގައި 15 އަހަރު ހޭދަކުރިއެވެ. ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކޮށް ސަލާމަތް ކޮށްދެއްވީ އުތީމު ބޮޑުތަކުރުފާނު، ޢައްސުލަޠާނު މުޙައްމަދު ތަކުރުފާނުލް އަޢްޒަމް އެވެ.

ޕޯޗްގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތް ކުރެއްވުމަށް މުޙައްމަދު ތަކުރުފާނާއި އެތަކުރުފާނުގެ އެއްބަޑު އެއްބަފާ ދެބޭކަލުން ކަމުގައިވާ ޙަސަން ތަކުރުފާނާއި ޢަލީތަކުރުފާނުކުރެއްވި ޖިހާދުގައި ވެސް ޢަލިތަކުރުފާނު ޝަހީދުވެވަޑައިގަންނަވަން ޖެހުނީ ދިވެހިންގެ ބައެއް ޕޯޗްގީޒުންނަށް ޖާސޫސް ކޮށްދީގެންނެވެ. އެތަކުރުފާނު ޝަހީދުކޮށްލެއްވީ އެދުވަސްވަރު ޕޯޗްގީޒުންގެ ދަށުގައި ހަނގުރާމަކުރި ދެކުނު އިންޑިއާގެ (މަލާބާރީ) ހޮޅިންނެވެ. ހޮޅިން އެތަކުރުފާނުގެ އިސްތަށި ފުޅު ހަށިކޮޅުން ވަކިކުރައްވައި އޭރު ރާއްޖޭގެ ތަހުތުގައި ހުރި އަދިރިއަދިރިންނަށް ވެދުމަށް އެރުމަށް މާލެ ގެނައެވެ. ޢަލީ ތަކުރުފާނުގެ ހަށިކޮޅު ވަޅުލެވިފައި ވަނީ ހއ. ތަކަންދޫގައެވެ. އިސްތަށިފުޅު މާލެއަތޮޅު ފުނަދޫގައެވެ.

ޝަހީދުންގެ ވާހަކަ ދައްކަމުންދާއިރު އެންމެ ފަހުން އަޅުގަނޑުމެންނާ ކުރިމަތިވި ޙާދިސާ އަކީ ނޮވެމްބަރު ތިނެއް 1988 ގައި 19 ދިވެއްސެއްގެ ލޭ މިބިމަށް އޮހޮރި ޝަހީދުވެގެން ދިޔަ ޢުދުވާނީ ހަމަލާއެވެ. މިހަމަލާއަކީވެސް އަޅުގަނޑުމެންގެ ތެރެއިން ދިވެހިންގެ ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ ކުލީ ސިފައިންގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއެކެވެ. ނޮވެމްބަރ ތިނެއްގެ ޙާދިސާ ޝަހީދުވެގެން ދިޔަ 19 ދިވެހިންގެ ތެރެއިން އަށް މީހުންނަކީ ދިވެހި ސިފައިންނެވެ. އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގެ އިސްލާމްދީނާއި މިނިވަންކަމުގެ ދިފާޢުގައި ދިވެހި ދަރިންތަކެއްގެ ލޭ ވަނީ މި ދިވެހިފަސްގަޑަށް ޤުރުބާންކޮށް ޝަހީދުވެގެން ގޮސްފައެވެ.

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ޝަހީދުވެގެންގެ ދިޔަ ޤައުމީ އަބްޠާލުންގެ ޒިކުރާ އާކުރަމުންދާއިރު އެޙާދިސާތަކުން އަޅުގަނޑުމެން ޢިބްރަތަކެއް ޙާޞިލް ކުރަންޖެހެއެވެ. ބަވަނަ ވެފައިވާ ދުނިޔޭގައި އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒާއި ބާރު ވެއްދޭނީ ކިހާ ވަރަކަށްތޯ ވިސްނަންޖެހެއެވެ. އަޅުގަނޑުމެންގެ އަމިއްލަ އެދުންތައް ޙާޞިލް ކުރުމަށް ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބާރުގަދަ ފަރާތްތަކުގެ ބަސްބުނެ ކަންކަން ނިންމުމަށް ފުރުޞަތު ދޭންވީ ކިހާވަރަކަށްތޯ ވިސްނާލަންޖެހެއެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރުވާލުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ދީގެން ނުވާނެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.