އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ދީނީ އިލްމްވެރިޔާ ޝައިލް އިލްޔާސް ޙުސައިންގެ އިތުރުން ކުރިން އަދާލަތު ޕާޓީގެ އިސްސަފުގައި އުޅުއްވި ޑރ މައުރޫފް ޙުސައިނަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ނިހާން އޭނާގެ ފޭސްބުކުގައި މި ތިންބޭފުޅަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ކުރައްވައި ވިދާޅުވީ ޝައިޚް އިލްޔާސް އިސްވެހުރެ 2008 ވަނަ އަހަރު ރައީސް މައުމޫން އިތުރު ދައުރަކަށް ވެރިކަމަށް ގެންނަން ހެޔޮނުވާނެ ކަމަށާއި ރައީސް މައުމޫނަކީ ސުންނަތް ޖަމާއަތުގެ ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވެފައިވާ ކަމަށެވެ.
ނިހާން ވިދާޅުވީ ސިޔާސީ ސްޓޭޖު ތަކުގައި ބަދު ދުއާކޮށް، ގާސިމް އިބްރާހިމް ވިދާޅުވި ގޮތަކަށް ސިޔާސީ ގޮތުން އެބޭފުޅުން އުޅުއްވިކަން ސާބިތުވާން އެބަހުރި ކަމަށެވެ. އަދި 2011 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ކަމުނުގޮސް، ގާސިމް ވިދާޅުވުމުން ޝައިޚް އިލްޔާސް ސިޔާސީ ސްޓޭޖަށް އެރުއްވި ކަމަށް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވީ 2013 ވަނަ އަހަރު އަނެއްކާވެސް "ގާސިމް ޖެހި ކޮންމެ ބެރަކަށް ނަށާފައި" އިލްޔާސް އެބަހުރި ކަމަށެވެ. އަދި ގާސިމަށް އެމްޑީޕީ ކަމުދިޔަ ހިސާބުން ޝައިޚް އިމްރާނާއި، ޝައިޚް އިލްޔާސް އާއި ޑރ މައުރޫފް ޙުސައިންނަށްވެސް އެމްޑީ ކަމުގޮސް، ޑެންމާކުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުވެސް އެބޭފުޅުންނަށް ކަމުގޮސްފި ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒު ކުރެއްވީ ޝައިޚް އިލްޔާސަށެވެ. ނިހާން ވިދާޅުވީ ޝައިޚް އިލްޔާސަކީ ފާޅުކަން ބޮޑު ގޮތެއްގައި ދެފަހަރު ދެގޮތަށް ވާހަކަ ދައްކާ މީހެއް ކަމަށެވެ. އަދި ކުރިން ރައީސް ނަޝީދާ ބެހޭގޮތުން ޝައިޚް އިލްޔާސް ދެއްކެވި ވާހަކަ "ހޫނުކޮށް ހުއްޓައި" މިއަދު އިލްޔާސް ދައްކަވަނީ އެހެން ވާހަކައެއް ކަމަށް ނިހާން ވިދާޅުވިއެވެ.