ކުރިންވެސް މިހާރުވެސް އިލްޔާސް ކުރެއްވި ކަމަކީ ހައްގަށް ބަސްބުނުން- ޑރ މައުރޫފް

މަޝްހޫރު ދީނީ އިލްމްވެރިޔާ ޝައިޚް އިލްޔާސް ޙުސައިން ކުރިގންވެސް އަދި މިހާރުވެސް ކުރެއްވީ އެއްކަމެއް ކަމަށާއި އެއީ ހައްގަށް ބަސް ބުނުން ކަމަށް އަދާލަތު ޕާޓީގެ އިސްބޭފުޅެއްގެ ގޮތުގައި ކުރިން އުޅުއްވި ޑރ މައުރޫފް ޙުސައިން ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރައްވައި ޝައިޚް އިލްޔާސް ޙުސައިން ދެއްކެވި ވާހަކަތައް ދިފާއު ކުރައްވައި ޑރ މައުރޫފް ވިދާޅުވީ ޝައިޚް އިލްޔާސް ޙުސައިން ކުރިންވެސް ކަންތައް ގޯސްވެ ފާލުން ނެއްޓުމުން އެކަމާ ދެކޮޅަށް ވަކާލާތު ކުރެއްވި ކަމަށާއި، މިހާރުވެސް ޝައިޚް އިލްޔާސް ވަކާލާތު އެކުރައްވަނީ ފަސާދަޔާއި ޚިޔާނާތް ޙައްދުންނެއްޓިގެން ދިއުމުން އެކަމާ ދެކޮޅަށް ކަމަށެވެ.

"ތަފާތުވީ ރައްދުވާ މީހުންނެވެ. އެކެއްގެ ޖަރީމާ އަކީ އަނެކާގެ ޖަރީމާ ގެ ކައްފާރާއެއް ނޫނެވެ. މިބައިމީހުން ދެކޭ ގޮތުގައި އެކަކުގެ ޖަރީމާ ތަކަކީ އަނެކާ ޖަރީމާ ހިންގުމަށް އޮތް ބުރުހާނެއް ނުވަތަ ސެޓިފިކެޓެއް ބާވައެވެ؟" ޑރ މައުރޫފް ވިދާޅުވިއެވެ.

ޑރ މައުރޫފް ވިދާޅުވީ ޝައިޚް އިލްޔާސް ޙުސައިން ހައްގަށް ބަސް ބުނުމުން ކުރިންވެސް އަދި މިހާރުވެސް މީހުން ރުޅި އައިކަމަށެވެ. އޭރުވެސް މިހާރުވެސް ގޮވީ އެއް ގޮވެއް ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

އައްޑޫގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވީ އަބަދުވެސް އަނިޔާވެރިކަމާއި، ބޭއިންސާފާ ދެކޮޅަށް ތެދުވާނެ ކަމަށެވެ. އަދި ބަޔަކު ބާރުތަކެއް ލިބުމުން ބޮޑާ ވަމުން އެބަދާ ކަމަށާއި ނަމަވެސް ބާރަކީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނެތި ހިނގައިދާނެ އެއްޗެއް ކަމަށްވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.