ކޮންމެ ފަސް އަހަރުން އެއް އަހަރު " ޝެއިހެއް ނިކުމެ ހުކުމް އިއްވައިގެން" އިއްވައިގެން ރާއްޖޭގެ ވެރިކަން ދެން ވައްޓާނުލެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އުތުރުގެ އަތޮޅު ތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅެއްގައި ހދ. ނޮޅިވަރަމްގައި ވާހަކަފުޅު ދައްކަވަމުން ޑރ ޝަހީމް އެހެން ވިދާޅުވީ ވަކި ޝެއިޚެއްގެ ނަން ވިދާޅުނުވެއެވެ. ޝަހީމް ވިދާޅުވީ ރައީސް ޔާމީނަކީ "ވަރަށް ގޮތެއްގައި ހުންނަވާ ވެރިޔެއް" ކަމަށާއި ކޮންމެ މީހަކަށް ރައީސް ޔާމީންގެ ކަންފަތްޕުޅުގައި ނުހިފޭނެ ކަމަށެވެ. އަދި ދެތިން މީހަކު ކޮށްލާ މުޒާހަރާއަކުން ރައީސް ޔާމީންގެ ވެރިކަން ވެއްޓޭ ވަރަށްވުރެ ވަރުގަދަ ކަމަށާއި ރައީސް ޔާމީނަށް ތާއީދު ކުރައްވަން ނިންމެވީވެސް އެ ސަބަބާހުރެ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
ޑރ ޝަހީމް ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސޯދު އޮތީ ފުނޑުފުނޑު ވެފައި ކަމަށާއި، އަދި ދިވެހި މުޖުތަމުވެސް އޮތީ ބައިބައިވެފައި ކަމަށެވެ. މީގެއިތުރުން ބޭރު ގައުމުތަކުގެ ނުފޫޒު ރާއްޖޭގެ މައްޗަށް "އިންތިހާއަށް" އޭރު އޮތް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ތައުރީފު ކުރައްވައި ޝަހީމް ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ވެރިކަމަށް ގެނައުމަށްޓަކައި ކުރައްވަމުން ގެންދަވަނީ ހައްގު މަސައްކަތް ކަމަށެވެ. އަދި ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބު ކުރުމަކީ ރާއްޖޭގެ މުޅި މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޑރ ޝަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނެސް 15 އަހަރު ފަހަތަށް ގައުމު ވައްޓާލާނެ ކަމަށެވެ. އަދި ކޯލިޝަން ސަރުކާރު ތަކަކީ ކާމިޔާބު ކަމާއެކު ހިނގާ އެއްޗެއް ނޫން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރާނީ "ކޯލިޝަނުގެ ސައިޒް" އެ ކޯލިޝަނަށް ދައްކާލާފައި ކަމަށްވެސް ވިދާޅުވިއެވެ.