ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ކިހާވަރަކަށް؟

medium_88052

މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަމުން އަންނަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ހާފަގަކުރަމުން އަންނައިރު ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ކިހާވަރަކަށްތޯއެވެ؟

ރާއްޖެ އޮތީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގެ 112 ވަނައިގައެވެ. މިއީ މިދިޔައަހަރަރުވެސް ރާއްޖެ އޮތްހަމައެވެ. ނަމަވެސް 2014 ވަނަ އަހަރު ރާއް     ޖެ އޮތީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގެ 108 ވަނަ ދަރަޖައިގައެވެ.

"ވޯރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަޑަކީ 2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ނެރެމުން އަންނަ ރިޕޯޓެކެވެ. މި އިންޑެކްސް ނުވަތަ މިންގަނޑު ކަނޑައަޅައި ނެރެމުން އަންނަނީ ބައިނަލް އަޤްވާމީ ޖަމާޢަތެއްކަމުގައިވާ "ރިޕޯރޓަރސް ވިތްއައުޓް ބޯޑަރސް" އިންނެވެ. މި މިންގަނޑުގައި 180 ޤައުމެއް ދަރަޖަކޮށްފައިވެއެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިންގަނޑުގެ އެންމެ ކުރީގައި އޮތީ ވޭތުވެދިޔަ ދެއަހަރުވެސް އެއްވަނައިގައި އޮތް ފިންލޭންޑެވެ. މިއަހަރު ދެވަނަ ދަރަޖަ ލިބުނީ މިދިޔަ އަހަރު ހަތަރުވަނަ ދަރަޖައިގައި އޮތް ނެދަރލޭންޑަށެވެ. މިދިޔަ އަހަރު ދެވަނަ ދަރަޖައިގައި އޮތް ނޯވޭ ވަނީ ތިންވަނަ ދަރަޖައަށް ވެށްޓިފައެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ސާކް ޤައުމުތަކުގެ ތެރެއިން އެންމެ ކުރި ހޯދައިފައި ވަނީ 94 ވަނަ ދަރަޖަ ހޯދައިގެން ބޫޓާނެވެ. ނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ބަލާއިރު އެއީވެސް ދެރަ ނުވަތަ ގޯސް ދަރަޖައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަޑުން ބަލާއިރު ރަނގަޅު ދަރަޖަ ނުވަތަ ހިތްހަމަ ޖައްސާލެވޭ ދަރަޖައިގައި ސާކްގެ އެއްވެސް ޤައުމެއް ނުހިމެނެއެވެ. ސާކްގެ ޤައުމުތަކުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަޑުގެ ދެވަނަ 105 ވަނަ ދަރަޖައިގައި އޮވެ ހޯދާފައިވަނީ ނޭޕާލެވެ. މިސަރަހައްދުގެ ތިންވަނަ 112 ވަނައިގައި އޮވެ ލިބިފައިވަނީ ރާއްޖެއަށެވެ.

މި ރިޕޯރޓްގައި ބުނެފައިވަނީ އަދިވެސް ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށާއި ސަރުކާރާ ދެކޮޅު މީޑިއާތަކަށް ފަހި މާހައުލެއް ނެތްކަމަށެވެ. ފުލުހުންނާއި ސަރުކާރުން ވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަމުން ދާކަމަށް ފާހަގަ ކޮށްފައިވެއެވެ. މޯލްޑިވްސް ބްރޯރޑްކާސްޓިންގ ކޯޕަރޭޝަން (އެމްބީސީ) އާ ހަވާލާދީ ބަޔާންކޮށްފައިވަނީ ރާއްޖޭގެ ގިނަ ނޫސްވެރިންނަށް މަރުގެ އިންޒާރު ލިބެމުންދާކަމަށެވެ. ގޭންގްތަކާއި ދިނީ ގޮތުން ހައްދު ފަހަނަޅައިފައިވާ މީހުން ލައްވާ މިފަދަ އިންޒާރުތައް ނޫސްވެރިނަށް ދެމުންދަނީ ސިޔާސީފަރާތްތަކުންކަމަށް ވެސް މި ރިޕޯރޓްގައި ވެއެވެ. މިފަދަ މާހައުލެއްގައި މިނިވަންކަމާއެކު މަޢުލޫމާތު ފެތުރުމަށް ނޫސްވެރިން ފަސްޖެހޭކަމަށް ވެސް މި ރިޕޯރޓްގައި ފާހަގަ ކޮށްފައިވެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑު ދައްކުވައިދޭ ރިޕޯރޓް ގައި 180 ޤައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރަށް ބަލައިފައިވެއެވެ. އެގޮތުން މި މިންގަނޑު އެކުލަވާލުމުގައި ބަލައިފައިވާ ކަންކަމުގެ ތެރޭގައި"ޕްލޫރަލިޒަމް" ނުވަތަ ތަފާތު ޚިޔާލުތަކަށް ފުރުސަތު ހުޅުވިފައިވާ މިންވަރާއި މީޑިއާގެ މިނިވަންކަމާއި ޤާނޫނު އޮނިގަނޑުގެ ހަރުދަނާ ކަމަށާއި ނޫސްވެރިނަށް ރައްކާތެރިކަން އޮތް މިންވަރަށް ބަލައިފައިވެއެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ މިއަދުގެ ޙާލަތަށް ބަލާއިރު ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ޗާޕްކޮށްގެން ނެރެވޭ އެންމެ ދުވަހު ނޫހެއްވެސް މިއަދަކު އަޅުގަނޑުމެންގެ ރާއްޖޭގައި ނެތެވެ. ތަފާފަތު ސަބަބުތަކާހުރެ ދުވަހު ނޫސްތައް ވަނީ ހުއްޓިފައެވެ. ނަމަވެސް ރަޖިސްޓްރީ ކޮށްގެންނާއި ރަޖިސްޓްރީ ނުކޮށްނެރޭ އެތައް އޮންލައިން ނޫސްތަކެއް އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެބަ އޮތެވެ. ރާއްޖޭގެ ނިސްބަތުން ގިނަ ނިއުސް ޗެނަލްތައް އެބަ ހުއްޓެވެ. ނަމަވެސް މިއިން ކޮންމެ ޗެނަލަކީވެސް ބާރުގަދަ ވިޔަފާރި ވެރިއެއްގެ ނުވަތަ ސިޔާސީ ޕާޓީއެއްގެ ނުފޫޒުގެ ދަށުގައިވާ ތަންތަނެނެވެ. އެހެން ކަމުން އެތަންތަނުން ފަތުރަމުންގެންދާ ޚަބަރުތަކަކީ އެންމެ މިނިވަން ކަމާއެކު ފަތުރަމުން ގެންދެވޭނެ ޚަބަރުތަކެއް ނޫނެވެ. ކޮންމެ ޗެނަލަކުންވެސް ޚަބަރު ފަތުރަމުން ގެންދާނި އެޗެނަލެއްގެ ވެރިފަރާތުން ބޭނުންވާ ގޮތަށެވެ.

ރާއްޖޭގެ ނޫސްވެރިއަކު، ވީނުވީ ގޮތެއް ނޭގި ގެއްލިގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ނޫސްވެރިންނަށް ބިރުދެއްކުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭނެ އެންމެ ބޮޑުހުރަހެވެ. ސަބަބަކީ މިކަމުގެ ސަބަބުން މަޢުލޫމާތުތައް ހާމަނުކޮށް ހިފެހެއްޓޭނެތީއެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތީމެއްގެ ގޮތުގައި "ޔުނެސްކޯ" އިން ކަނޑައަޅައިފައި ވަނީ "މަޢުލޫމާތު ހޯދާ ލިބިގަތުމަށް ޖާގަ އޮތުމާއި އަސާސީ މިނިވަންކަން: މިއީ ތިބާގެ ޙައްޤެއް" ކަމުގައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ކަނޑައަޅައި ބައިނަލް އަޤްވާމީ ގޮތުން އެދުވަސް ފާހަގަ ކުރަމުން އައުމުގެ ބޭނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ހުރަސްތައް ނައްތާލުމެވެ. އަދި ނޫސްވެރިނަށް މިނިވަންކަމާއެކު ނޫސްވެރިކަމުގައި ޙަރަކާތްތެރި ވުމަށް ހުރި ހުރަސްތައް ނައްތާލުމެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވާހިނދު ދުނިޔޭގެ ތަފާތު އެހެން މުޖުތަމަޢުތަކުގައި ނޫސްވެރިކަމަށް ދެވިފައިވާ ފަދަ މިނިވަންކަމެއް އަޅުގަނޑުމެންނަށް ދެވޭނެތޯ އެވެ. އަޅުގަނޑުމެން ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރަންޖެހޭނީ ދީނީ ގޮތުން ކަނޑައެޅިފައިވާ ހުދޫދުތަކުން ބޭރު ނުވާގޮތުގައެވެ. އެއީ އަޅުގަނޑުމެން އެންމެން ވޯޓުލައިގެން އެއްބަސްވެފައިވާ އަޅުގަނޑުމެންގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި އެކަން އޮތްގޮތްވެސް މެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.