އެމެރިކާގައި މިފަހަކަށް އައިސް އުފެދުނު އެންމެ އިހުތިރާމު ލިބިގެންވާ އެއް ސިޔާސީ ޝަޚްސިއްޔަތު، ސެނެޓަރު ޖޯން ސިޑްނީ މެކޭން އަވަހާރަވެއްޖެއެވެ. އުމަރުފުޅުން 81 އަހަރުގައި ސިކުނޑީ ކެންސަރު ބަލީގައި އޭނާ އަވަހާރަވީ އެރިޒޯނާ ގަޑިން ހޮނިހިރު ދުވަހު ހަވީރު 4:28 (ދިވެހިރާއްޖޭގެ ގަޑިން މިއަދު ފަތިހު 4:28) ގައި އަވަހާރަވެއްޖެއެެވެ. އޭނާ އަވަހާރަވީ އެރިޒޯނާގެ ކޯންވިލްގައި ހުންނަ އޭނާގެ ގޭގައެވެ.
1987 ވަނަ އަހަރުން ފެށިގެން މެދު ނުކެނޑި އެމެރިކާގެ ސެނެޓުގައި އެރިޒޯނާގެ އެއް ގޮނޑި ފުރުއްވަމުން ގެންދެވި ޖޯން މެކޭންއަކި ރިޕަބްލިކަމް ޕާޓީގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރެވެ. 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރެއްވި ނަމަވެސް، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ބަރަކް އޮބާމާ ވަނީ އިންތިޚާބުގައި އޭނާ ބަލިކުރައްވާފައެވެ.
އެމެރިކާގެ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މެކޭން އަކީ އެމެރިކާއަށް ދިމާވާ ކޮންމެ ދަތިކަމެއްގައި އެންމެ އިސް ސަފުގައި އެމެރިކާގެ ދިފާއުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
1960 ވަނަ އަަހަރު އެމެރިކާގެ ކަނޑުގެ ސިފައިންގެ ޕައިލެޓެއްގެ ގޮތުގައި ސިފައިންގެ ތެރޭގައި މަސައްކަތްޕުޅު ކުރައްވަން ފެއްޓެވި ޖޯން މެކޭން ވަނީ 1967 ވަނަ އަހަރު ވިއެޓްނާމުގައި ހަނގުރާމަކުރައްވަނިކޮށް ހައްޔަރުވެވަޑައިގެންފައެވެ. އޭނާ ވިއެޓްނާމުގެ ޖަލުން ދޫކޮށްލެވުނީ 1973 ވަނަ އަހަރުއެވެ.
ސިޔާސީ ގޮތުން ހަރުދަނާ އުސޫލުތަކެއް ގެންގުޅުއްވި މެކޭންއަކީ އޭނާގެ އުސޫލުތަކަށްޓަކައި އަމިއްލަ ޕާޓީއާ ދެކޮަޅަށް ނުކުމެވަޑައިގަންނަވަންވެސް ފަސްޖެހިވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. އޭނާއާ ރައީސު ޓްރަމްޕާ ދެމެދު އުފެދިފައިވާ ދެކޮޅުވަކަމަކީވެސް މި އުސޫލުތަކާ ދެކޮޅަށް ޓްރަމްޕް މަސައްކަތްކުރައްވާތީ އުފެދިފައި އޮތް ދެކޮޅުވެރިކަމެކެވެ.
ޚަބަރު ލިބޭ ގޮތުގައި އަވަހާރަވުމުގެ އެތައް ދުވަހެއް ކުރިން މެކޭން ވަނީ އޭނާގެ ޖަނާޒާގެ ކަންތައްވެސް ރާއްވަވާފައެވެ. އަދި ރައީސު ޓްރަަމްޕަށް ޖަނާޒާއަށް ދައުވަތު ނުދިނުމަށް އޭނާ ވަނީ އަންގަވާފައެވެ.
1936 ވަނަ އަހަރު ޕެނަމާ ކެނެލް ޒޯނަށް އުފަންވެވަޑައިގަތް ޖޯން މެކޭން އަވަރާވީ އިރު އަނބިކަނބަލުން ސިންޑީއާއި ހަތް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.