ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކަންކަން ދާގޮތަކުން އިންޑިޔާ ސިފައިން ރާއްޖެ އަރައި ރާއްޖެ ހިފަން އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ސުބަރުމާނިއަމް ގޮވާލި ގޮވާލުން ބަލައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ވިދާޅުވީ ސުބަރުމާނިއަމްގެ އެވާހަކަ ތަކަކީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ވެރިކަމެއް އޮތް ގައުމެއް ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ. މަހްލޫފް ވިދާޅުވީ އިންޑިޔާ އާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުމަށް އެއްވެސް ކިލަނބުކަމެއް ނައިސް ދެގައުމުގެ އެކުވެރިކަން އަބަދުވެސް ބަދަލެއް ނައިސް އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ސުބަރުމާނިއަމްގެ ވާހަކަތައް ކުށްވެރި ކުރެއްވި ނަމަވެސް ރާއްޖޭގައި ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އިންޑިޔާއިން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި އެކަމަށް އިންޑިޔާއިން ފިއްތުންތަކެއް ފިއްތައިގެން ނަމަވެސް މަސައްކަތް ކުރަންޖެހޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
ސުބަރުމާނިއަމް ގޮވާލާފައި ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަން ކޮމިޝަނުން އޮޅުވާލައިފިނަމަ އިންޑިޔާއިން ރާއްޖެއަށް އަރައި ރާއްޖެ ހިފަންޖެހޭނެ ކަމަށެވެ.
ސުބަރުމާނިއަމްގެ ވާހަކަތައް އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމުވެސް ވަނީ ކުށްވެރި ކުރައްވާފައެވެ. ފައިސަލް ވިދާޅުވީ އިންޑިޔާއިން ރާއްޖެ އަރައި ރާއްޖެ ހިފަން ގޮވާލި ގޮވާލުމަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށާއި އެކަމާ ފާޅުގައި ދެކޮޅު ހައްދަވާ ކަމަށެވެ.