މައްކާގެ ހަރަމްފުޅު، އަލްމަސްޖިދުލް ހަރާމް ތެރޭގައި އިރާގުގެ ހައްޖުވެރިއަކު އަމިއްލައަށް މަރުވެއްޖެއެވެ. އޭނާ މަރުވެގަތީ ކީއްވެގެން ކަމެއް ނޭނގެއެވެ.
އިރާގު ހައްޖު މިޝަންގެ ތަރުޖަމާނު ޙަސަން އަލްކިނާނީ ބުނި ގޮތުގައި ބަޣުދާދުގެ މިހެއް ކަމުގައިވާ ޙުސައިން ޙަމީދު އަލްޙައިދަރީ (43 އަހަރު) މަރުވީ ހަރަމްފުޅުގެ މަތިން ގެފުޅުގެ ވަށައިގެން އޮންނަ ޠަވާފުކުރާ ތަނުގެ ތެރެއަށް ފުންމާލައިގެންނެވެ.
"އަމިއްލައަށް މަރުވި ހައްޖުވެރިޔާ ހުރި ހޮޓަލުގައި ތިބި އިރާގު މީހުން ބުނާ ގޮތުގައި، އޭނާގެ ފިރިހެން ދަރިއަކު މީގެ މަސްތަކެއް ކުރިން މަރުވުމާ ގުޅިގެން އޭނާ އުޅެމުން ދިޔައީ ނަފުސާނީ ހަމަނުޖެހުމެއްގެ ތެރޭގައި" އަލްކިނާނީ ބުންޏެވެ.
މައްކާގެ ހަރަމްފުޅު ބަލަހައްޓާ ޖެނެރަލް ޕްރެސިޑެންސީ ފޯ ދަ އެފެއާޒް އޮފް ދަ ގްރޭންޑް މޮސްކް އެންޑް ދަ ޕްރޮފެޓްސް މޮސްކްގެ ތަރުޖަމާނު އަޙްމަދު ބިން މުޙައްމަދު އަލްމަންޞޫރީ އިއްޔެ ބުނި ގޮތުގައި މިއަދު (24 އޮގަސްޓް 2018) ހެނދުނު 8 ގަޑި 10 ގައި، މުޅި ހަރަމްފުޅުގެ ވަށައިގެން ދަނގަޑު ޗެންޗޭނު ޖަހާފައި ހުރުމާއެކުވެސް، އަރަބި ގައުމެއްގެ ހައްޖުވެރިންގެ ތެރެއިން މީހަކު ހަރަމްފުޅުގެ އެންމެ މަތިން ފުންމާލައިގެން އޭނާ ވަނީ މަރުވެފައެވެ. އަދި އޭނާ ވެއްޓި ޖެހުމުގެ ސަބަބުން ޠަވާފުކުރަން ތިބި ދެ މީހަކަށް އަނިޔާވި ނަމަވެސް، އެ ދެމީހުންގެ ހާލު މިހާރު ރަނގަޅެވެ.
ހަރަމްފުޅުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސަލާމަތީ ބާރުތަކުގެ ތަރުޖަމާނު ބުނީ ހަރަމްފުޅުގެ މަތިން ޠަވާފުކުރާ ސަރަހަދަށް ފުންމާލި މީހާ މަރުވުމާ ގުޅިގެން އެހާދިސާ އާ ބެހޭ ކަންތައް ބަލަމުންދާ ކަމުގައެވެ.
މިއީ ހަރަމްފުޅު ތެރޭގައި މީހަކު އަމިއްލައަށް މަރުވި ފުރަތަމަ ފަހަރެއް ނޫނެވެ. ފާއިތުވީ ޖޫންމަހު އުމްރާވެރިއަކު ވަނީ ހަރަމްފުޅުގެ މަތިން ޠަވާފުކުރާ ތަނުގެ ތެރެއަށް ފުންމާލައިގެން މަރުވެފައެވެ. އަދި ސައޫދީ މީހަކު ވަނީ ގެފުޅު ކުރިމަތީގައި އޭނާގެ ގައިގާ އަލިފާން ރޯކޮށްގެން މަރުވާން އުޅެފައެވެ. އެފަހަރު ސައޫދީ ސަލާމަތީ ބާރުގެ މީހުން ވަނީ އޭނާ ސަލާމަތްކޮށްފައެވެ.