ރިޔާސީ އިންތިޚާބަށް ކެމްޕެން ކުރުމަށްް ބޭނުންކުރާ ކެމްޕޭން މެޓީރިއަލް ގާނޫނާއި ގަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން އިލްތިމާސް ކޮށްފިއެވެ.
ފުލުހުންގެ މުއައްސަސާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތީޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން ސިޔާސީ ޕާޓި ތަކުން ބޭނުންކުރާ ދިދަ އާއި ޕޯސްޓަރު، ބެނަރ އަދި ދިދަ ފަދަ ތަކެތި ބޭނުންކުރުމުގައި އިންތިޚާބު ތަކާ ބެހޭ އާއްމު ގާނޫނާއި މިނިސްޓްރީ އޮފް ހޯމް އެފައަރޒް އިން ނެރެ އާއްމުކޮށްފައިވާ ގައުމީ ދިދ ބޭނުންކުރުމާ ގުޅެ އުސޫލުގެ 8 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ހެދިފައިވާ ގާނޫނު ތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.
ސިޔާސީ ޕާޓީ ތަކުން ހިންގާ ހަރަކާތްތަކަށް ފުލުހުންގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާތީ އެކަމަށް ރައްދު ދެއްވައި ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ކެމްޕޭން ހަރަކާތްތައް އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކޮށްފައިވެއެވެ.