މިއަދަކީ މިއަހަރުގެ ޙައްޖު ދުވަސް

ރޭ އަރަފާތަށް ވިދާ މަންޒަރު މިނާގެ ފޭލިގެތައް މަތިން ފެންނަނީ

ހިޖުރައިން 1439 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާ މުސްލިމުން އިއްޔެ މިނާގައި ތިބުމަށް ފަހު، ޙައްޖުގެ އެންމެ މުހިއްމު ރުކުން އަދާކުރުމަށް ރޭ ދަތުރު ފަށައިފިއެެވެ. މިއަދު މެންދުރެއްހާއިރަށް ހުރިހާ ހައްޖުވެރިންނަށް އަރަފާތަށް ދެވޭނެ ކަމަށް ލަފާކުރެވެއެވެ. ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހުން އަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިއްމު ރުކުނެވެ.

ސައޫދީ ތަފާސް ހިސާބުތަކާ ބެހޭ އިދާރާއިން އިއްޔެ ބުނިގޮތުގައި މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައި ވަނީ 1 މިލިއަން 9 ލައްކަ 66 ހާސް 466 ޙައްޖުވެރިންނެވެ. މިއީ ފާއިތުވި އަހަރު ޙައްޖުގެ އަޅުކަން އަދާކުރިކަމަށް އެ އިދާރާއިން އިއުލާންކޮށްފައިވާ 2 މިލިއަން 2 ލައްކަ 52 ހާސް މީހުންނަށް ވުރެ މަދު އަދަދެކެވެ.

ޙައްޖުވެރިން އަރަފާތަށް ޖަމާވަމުން ދާއިރު، ރޭ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ވައިގަދަވެ، އަރަފާތުގައި ޖަހާފައިވާ ބައެެއް ފޭލިގެތައް އުދުހިގެން ގޮސްފައިވެސް ވެއެވެ. ރޭ ބައިގަޑިއެއް ހާއިރަށް ބޯ ވާރޭ އެސަރަހައްދަށް ވެހިފައިވާ ކަމުގައި އިނގިރޭސި ބަހުން ނެރޭ ސައޫދީ ނޫހެއް ކަމަށް ވާ އަރަބް ނިއުސް އިން ބުނެފައި ވެއެެވެ.

"އެ ޠޫފާން މިހާރު ހިނގައްޖެ. ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި. މާ ބޮޑު ގެއްލުމެއް ލިބިފައި ނުވޭ. ލިބިފައިވާ ގެއްލުންތައް އަހަރުމެންނަށް ދެ ތިން ގަޑިއިރުގެ ތެރޭގައި ރަނގަޅުކޮށްލެވޭނެ." ރޭގެ ވަގުތެއްގައި އަރަބް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ މިިނިސްޓަރ އޮފް ހައްޖު ޢަބްދުލްފައްތާޙު މަޝާޠު ވިދާޅުވެފައި ވެއެެވެ.

ޙައްޖު ދުވަހު އެންމެ ފާހަގަކޮށްލެވޭ ކަމަކަށް އޮންނާނީ އެދުވަހުގެ މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޤަސްރުކޮށް ޖަމުޢުކޮށް ކުުރުމުގެ ކުރިން މަސްޖިދު ނަމިރާގައި ދެވޭ ޢަރަފާތް ދުވަހުގެ ޚުޠުބާއެވެ. މި އަހަރު ޚުޠުބާ ދެއްވުމަށް ސަޢޫދީ ރަސްގެފާނު ޙަވާލުކުރައްވާފައި ވަނީ މަސްޖިދުއްނަބަވީގެ އިމާމެއް ކަމުގައިވާ ޑރ. ޙުސައިން ބިން ޢަބްދުލްޢަޒީޒު އާލްޝައިޚްއާއެވެ. މިއީ އޭނާ އަރަފާތް ދުވުހުގެ ޚުޠުބާދެއްވާ ފުރަތަމަ ފަހަރެވެ.

ސަޢޫދީ ސަރުކާރުން ޙައްޖުވެރިންނަށް ވިސާ ދޫކުރަނީ އާބާދިގެ ނިސްބަތުން ކަނޑައެޅިފައިވާ ކޯޓާއެއްގެ ދަށުން ކަމަށްވާއިރު މި އަހަރުވެސް އެންމެ ގިނަ މީހުން ޙައްޖަށް ގޮސްފައިވަނީ އެންމެ ބޮޑު އިސްލާމީ ގައުމު އިންޑޮނޭޝިޔާއިންނެވެ. އެ ގައުމުން 1 ލައްކަ 60 ހާހެއްހާ މީހުން ހައްޖަށް ގޮސްފައި ވެއެވެ. ޕާކިސްތާނުން 1 ލައްކަ 43 ހާސް މީހުން ގޮސްފައިވާ އިރު އިންޑިއާއިން 1 ލައްކަ 20 ހާސް އަދި ބަންގްލާދޭޝްއިން 1 ލައްކަ 1 ހާސް މީހުން ޙައްޖަށް ގޮސްފައި ވެއެވެ. ދިވެހިރާއްޖެއިންވެސް މިއަހަރު 1500 އެއްހާ މީހުން ވަނީ ޙައްޖަށް ގޮސްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.