އައިއެސްއާ ގުޅުނު ދިވެހި ޢާއިލާއެއް ހުއްޓުވުމުގައި ރާއްޖެ، އިންޑިއާ އަދި އެމެރިކާ ވެސް ފެއިލް!

l_146135098155YRp6

އައިއެސް ޖަމާޢަތާ ގުޅުމަށް، އިންޑިޔާ އިންޑިއާމަގުން ސޫރިޔާއަށް ދިއަ ބާރަ ދިވެހިން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށާއި ނަމަވެސް، އެކަންނާކާމިޔާބުނުވިކަމަށް ދިވެހިސަރުކާރުން ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެންމެފަހުން ސޫރިޔާއަށް ދިއަކަމަށް ބުނާ ބާރަ ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ވެސް ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ދިވެހިސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، މިކަމުގެމަޢުލޫމާތު ސަރުކާރަށް ލިބުނުއިރުވެސް އެމީހުން އިންޑިއާއިން ބޭރުވެފައިވާކަމަށާ، އެމީހުން އަނބުރާ ރާއްޖެ ގެނެވޭގޮތް މިހަތަނަށް ވެފައިނުވާކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން އިންޑިޔާގެ ބައެއް މީޑިޔާ ތަކުގައި އާއްމުކޮށްފައިވާ މައުލޫމަތަކާގުޅިގެން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދާޅުވީ، އިންޑިޔާގެ ނޫސްތަކުގައި ހާމަކޮށްފައިވާ މީހުންގެ މައުލޫމާތު އެމީހުންގެ ޢާއިލާގެ ފަރާތުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ލިބުމާއެކު އެމީހުން އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އޭރު އެމީހުން އިންޑިޔާ ހުރަސްކޮށް ގޮސްފައިވާތީ އެމީހުން ރާއްޖެ ގެނެވޭގޮތް ނުވީކަމަށް އެންސީޓީސީން ވިދާޅުވެއެވެ.

މަދުންނަމަވެސް ބޭރުގެ މިފަދަ ހަމަނުޖެހުންތަކުގައި ދިވެހީން ބައިވެރިވަމުން އަންނަކަމީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން އެ މީހުނަށް އެތަށް ނުރައްކާތަކެއް ކުރިމަތިވެ، އެމީހުންގެ އާއިލާތަކަށް ހިތްދަތިކަމާއި ނިކަމެތިކަން ކުރިމަތިވަމުންދާކަމަށް އެންސީޓީސީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ބޭރުގެ މިފަދަ ހަމަނުޖެހުންތަކުގައި ވައިވެރިވާ ދިވެހީން ހުއްޓުވުމަށް ދިވެހި ސަރުކާރުން ދަނީ ތަފާތު އެތައް މަސައްކަތްތަކެއް ކުރައްވަމުންކަމަށާ މިކަމުގައި ދިވެހި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް އެންސީޓީސީއިން ވަނީ ވިދާޅުވެފއެވެ.

އަދި ކުރިއަށްއޮތް ތަނުގައިވެސް މިފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމަޢުލޫމާތު ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި ޙިއްޞާކުރުމަށް ދިވެހި ރައްޔިތުންނަށް އެންސީޓީސީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އައިއެސްޖަމާޢަތާ ގުޅުމަށް، ބާރަ ދިވެއްސަކު އިންޑިޔާމަގުން ދަތުރުކޮށްފައިވާކަމުގެ މަޢުލޫމާތު، އިންޑިއާގެ މީޑިޔާތަކުން ހާމަކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނޭ ބައެއް މީހުންގެ މައުލޫމާތާއި ފޮޓޯވެސް ވަނީ އާއްމުކޮށްފައެވެ.

އައިއެސްއާ ގުޅުމަށް ދިއަ މީހުންގެ ތެރޭގައި ގއ.ކޮންޑޭ އަށް ނިސްބަތްވާ ފަސް މީހުންގެ އައިލާއެއް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ، ޓްރެއިންޑް ޕައިލެޓެއް ކަމަށްވާ އުމުރުން ތިރީސް އަހަރުގެ އަބްދުﷲ މުބާރަކާއި އުމުރުން އަށާރަ އަހަރުގެ ހަސަން މުއިއްޒާއި އުމުރުން ތިރީސް ދެ އަހަރުގެ އަހުމަދު އަޒްމީރުގެ އިތުރުން ހަތާވީސް އަހަރުގެ ޒޫނާ ޒަރީރާއި އުމުރުން ތިރީސް އަހަރުގެ ޒާހިދާ ޒަރީރު ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުގައި ވަނީ ހާމަކޮށްފައެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިޔާ އިން ހާމަކޮށްފައިވާ ގޮތުން، މި މީހުން އެންމެ ފަހުން ޓްރެކް ކުރެވިފައިވަނީ ތުރުކީގެ އިސްތަމްބުލުންނެވެ.

މެޑިކަލް ވިސާގައި މި ބާރަ މީހުން އިންޑިޔާގެ ބެންގަލޫރަށް ގޮސްފައިވަނީ، މިދިއަ އަހަރުގެ ޑިސެންބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. މިމީހުން ހުއްޓުވުމަށްޓަކާއި އިންޑިޔާ އާއި އެމެރިކާ އިން ހިންގި އޮޕަރޭޝަން ވެސް ފެއިލް ވެފައިވާކަމަށް އިންޑިޔާގެ ބައެއް މީޑިޔާތަކުގައި ވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.