އެނބުރޭ ވަހުތާން (14)

(13 އޯގަސްޓް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ނަޞީރު ކަޅިޖަހައި ވެސް ނުލައި އޭނާޔާ ދިމާއަށް ބަލަން ފަށައިފިއެވެ. ނަށަމުން ނަށަމުން ފަރުޒާނާ ނަޞީރުމެން ތިބި އިސްޓޭޖާ ހަމައަށް އަތުވެއްޖެއެވެ. އޭނާ އަށް ނަޞީރު ބަލަމުން ދާކަން އެނގިގެން ބަލައިލާފައި ހިނިތުންވެލިއެވެ. އެ ވަގުތު ނަޞީރުގެ ސިކުނޑިއަށް ޝައިޠާނީ ވަސްވާސްތައް ވަދެގެންފިއެވެ. ހިނިތުން ވުމުގެ ޖަވާބު ހިނިތުން ވުމަކުން ދިނުމަކީ އާދައިގެ ކަމެކެވެ. ވުމާއެކު ހިނިތުން ވުމުގެ ބަދަލުގައި އޭނާ ބޭނުން ކުރީ އެހެން ހުނަރެކެވެ. އެއީ ދުވަހަކު ވެސް ނާކާމިޔާބު ވާނޭ ހުނަރެއް ނޫން ކަމަށް އޭނާ ޤަބޫލު ކުރެއެވެ. ހިނިތުންވުމުގެ ބަދަލުގައި އަނެއްކާވެސް ބަލަން ފެށީއެވެ. ފަރުޒާނާ ދުރަށް ގޮސްފައި އަނެއްކާ ވެސް އިސްޓޭޖު ކައިރި އަށް އަތުވެއްޖެއެވެ. މި ފަހަރު ފަރުޒާނާ އޭނާއާ ދިމާ އަށް ނުބަލަން ޢަޒުމު ކަނޑައަޅާނެކަން އޭނާއަށް އެނގެއެވެ. އެކަމަކު ނުބަލައެއްވެސް ނުހުރެވޭނެއެވެ.

އޭނާ އުއްމީދު ކުރެވިފައިވާ ގޮތާ ޚިލާފު ވެދާނެއޭ ވެސް ނަޞީރުގެ ހިތަށް އެރިއެވެ. ފަރުޒާނާ ނަށަމުން ދިޔައީ އޭނާޔާ ދުރު ފަރާތަށް ބަލަމުންނެވެ. ދުރަށް ދަމުން ކުއްލި އަކަށް އެނބުރި ނަޞީރާ ދިމާއަށް ބަލައިލިއެވެ. މި ފަހަރު ކަންތައް ވީ ފަރުޒާނާ ހީކުރި ގޮތާ ޚިލާފަށް ކަން ނޭނގެއެވެ. ނަޞީރު ހިނިތުންވެލިއެވެ. ސީދާ އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.

ފަރުޒަނާ ކުއްލިއަކަށް ދުރު ބަލަން ފަށައިފިއެވެ. އެކަމަކު ނަޞީރުގެ ހިތް ހަމަ ޖެހިއްޖެއެވެ. އޭނާ ގިޓާ އިން ރާގެއް ކުޅެން ފަށައިފިއެވެ. "...ތީޔޭ މަލަކީ އުފާދޭ ނަނަ ނާ..." މިއީ ފަރުޒާނާ އަށް ޖަހައި ދޭ ރާގެކެވެ. އޭނާއަށް ވެސް މި ކަން އެނގޭނެ ކަން ނަޞީރަށް ޔަޤީންވެއެވެ. ގިޓާ ޖަހަމުން ދިޔަ އިރު ނަޞީރުގެ ހިތަށް އެރިއެވެ. އަންހެން ކުއްޖަކަށް ރާގެއް ޖަހައި ދީފިއްޔާ، އެ ރާގެއް ކުޅުނު މީހަކު ވަރަށް މޮޅު ކަމުގައި އެ ކުއްޖަކު އަބަދު ވެސް ދެކޭނެއެވެ.

މެދަށް ހުއްޓުމުން ނަށަނަށާ ތިބި މީހުން ގޮސް މޭޒުތައް ދޮށުގައި އިށީނދެއްޖެއެވެ. ނަޞީރު ހޯލް ތެރެ އަށް ބަލައިލިއެވެ. ފަރުޒާނާ އާއި އިޤްބާލާ ދެ މީހުން ކުރެ މީހަކު ފެންނާކަށް ނެތެވެ. އޭގެ ފަހުން އެ މީހުން ނަށާތީއެއްވެސް ނުފެނެއެވެ.

އެ ރޭ އޭނާގެ ގިޓާ ފޮށްޓައް ލަމުން ނަޞީރު ރޫފީއާ ދިމާއަށް ބުންޏެވެ. "ކަލެއަށް ރަޙްމަތް ލައްވާނެ- ރައްކާތެރިކަމާ އެކު ބަލައިގެން އުޅޭތި-"

ރޫފީ ތުން އޫ ކޮށްލިއެވެ. "އަހަރެން ހަނގުރާމައަކަށް ނުކުންނަނީތަ-؟ ވަރަށް އަވަހަށް އަހަރެމެން އެންމެން އެކީ ދަތުރު ކުރާ ދުވަސް އަންނާނެ- އަހަރެމެން ތިން މީހުން އިސާހިތަކު ހަތަރު މީހުންނަށް ވެދާނެ-"

ނަޞީރު އުދާސް ކަމާ އެކު ހޯލް ތެރެއް ބަލަން ފަށައިފިއެވެ.

   

އިޤްބާލް އިނދެގެން ގެއަށް ގެންނަ މީހާ ރަނގަޅު ނުވެދާނެތީ އެ ކަމުގެ ފިކުރު އޭނާގެ ބަލި ބައްޕަ އަބަދުވެސް ކުރެވެ. އޭނާ ދެކޭ ގޮތުގައި އިޤްބާލަކީ ނުވިސްނޭ ޅަ ކުއްޖެކެވެ. ކިޔަވައިގެން ހުއްޓަސް އަދި އޭނާގެ ވިޔަފާރި ހުޝިޔާރު ކަމާއެކު ހިންގިޔަސް އަންހެނުންގެ ކަންތައްތަކުގައި ބުއްދިވެރިއެއް ކަމަކަށް ނުދެކެއެވެ. އެއްވެސް ފިރިހެނަކަށް އަންހެނުންގެ ކުޅިވަރު ގައި ބުއްދިވެރި ވެވިފައެއް ނެތެވެ.

އިޤްބާލް އޭނާގެ ބައްޕައަށް ފަރުޒާނާގެ ވާހަކަ ކިޔައި ދެނީއެވެ. މަލިކު އޭނާގެ ކާވެނީގެ އަހަރީ ޕާޓީ އަށް އިޤްބާލަށާއި، އިޤްބާލްގެ ބައްޕައަށްވެސް ދަޢުވަތު ދީފައި ވެއެވެ.

"ކަލޭ މި އަންހެންކުއްޖާ އާ ބެހޭ ގަޮތުން އެއްގޮތަކަށް ވެސް ނުވިސްނަމުތާ-؟" އިޤްބާލްގެ ބައްޕަ އަޙްމަދު ނިހާލް ބުނެލިއެވެ.

ބައްޕަގެ ކުރިމަތީގައި ދޮގު ހެދުމަކީ ބޭކާރު ކަމެއްކަން އިޤްބާލް ދަނެއެވެ. "ވިސްނަން-" އޭނާ މަޑު މަޑުން ބުނެލިއެވެ.

"މިއީ އާދައިގެ ދަޢުވަތެއް ނޫން-" ނިހާލް ވިސްނުންތެރި ކަމާއެކު ބުންޏެވެ. "ޔޫސުފު މަލިކަކީ އާދައިގެ މީހެއް ނޫން- އޭނާ ދުވަހަކު ވެސް މީހަކަށް މަކަރެއް ނުހަދާ- ޢިމާރާތް ކުރުމުގެ ވިޔަފާރި އަކީ ކޮބައިކަން މީހުންނަށް އަންގައި ދިނީ އޭނާ- އަމިއްލަ މަސައްކަތުން-"

"އޭނާ މި ވިޔަފާރި ވަރަށް ރަނގަޅަށް ދެނެލައްވާ- އަޅުގަނޑަށް އަޑު އިވިފައި އޮތް ގޮތުގައި އެއް ޒަމާނެއްގައި އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި-"

"އެހެންތަ-؟ ކަލޭ އޭނާޔާ ބެހޭ ތަޙްޤީޤްތައް ވެސް ކުރަނީތަ-؟"

"ނޫން- މިއީ އެންމެން ވެސް ދަންނަ ކަންތައްތައް- އަޅުގަނޑު ހޯދި ހޯދުމެއް ނޫން-"

"އަންހެން ކުއްޖާގެ އެއްބަނޑު އެއްބަފާ ކިތައް ކުދިން ތިބޭތަ-؟"

"އޭނާ އެކަނި ހުންނަނީ-"

"ވަރަށް ރަނގަޅު- މާނަ އަކީ އަހަރެންގެ ދަރިފުޅު ވަރަށް ވިސްނުން ރަނގަޅޭ-" ނިހާލް ގެ ކޮލު ދަތް ވެސް ފެނުނެވެ.

"އަޅުގަނޑު ބަލަނީ އަޅުގަނޑު ގަޔާވާ ކުއްޖަކު ފެނޭތޯ-" އިޤްބާލް ބުންޏެވެ. "އެއް ކޮޅަށް ޖަވާހިރު އަނެއް ކޮޅަށް ފަރުޒާނާ ލިޔަސް އަޅުގަނޑަށް ފެންނާނީ ފަރުޒާނާ ގެ ކޮޅަށް ބަރު ކޮށް- ބައްލަވަން ވީ އަޅުގަނޑު ރުހޭތޯ-"

   

އަނެއް ކޮޅުން ޔޫސުފް މަލިކް ގެ ގޭގައި ވެސް ދެކެވެމުން ދަނީ މި ކަހަލަ ވާހަކަ ތަކެކެވެ.

"އަންހެނުންގެ ކަންތައް ތަކުގައި އިވޭ އަޑު ތަކަށް ވިސްނާ އިރު އޭނާގެ ނަން މާކަ ރަނގަޅެއް ނޫން-" ޔޫސުފް މަލިކް ބުންޏެވެ.

"އަންހެނުންގެ ކަންތަކުގައި އެއްވެސް ފިރިހެނެއްގެ ނަން ރަނގަޅެއް ނޫން-" ނަޖްމާ ފަރުވާ ކުޑަ ކަމާއެކު ބުނެލިއެވެ. "އަހަރެން އޭނާޔާ ރުހެން- އެއީ ފަރުޒާނާޔާ ވަރަށް އެކަށީގެންވާ ކުއްޖެއް-"

"ލައި ނުގަނެގެން ނޫޅޭ- ތިޔަހައި ބޮޑެތި ކަންތައްތައް ކުރަން ވާނީ ވަރަށް ބޮޑަށް ވިސްނާފައި-"

    

މިކްސް ޑަބަލް މެޗެއް ކުޅެވެމުންދަނީއެވެ. ފަރުޒާނާއާއި، އިޤްބާލާ ދެމީހުން ތިބީ ކޯޓުގެ ބޭރުގައި ކުޅިބަލާށެވެ. "ޝަބާނާ ވަރަށްމޮޅު- އަހަރެން ދުވަހަކުވެސް އެމީހުންހައި މޮޅެއް ނުވާނެ-"

އިޤްބާލް ވަރަށް ފުންކޮށް އޭނާޔާ ދިމާއަށް ބަލައިލިއެވެ. ފަރުޒާނާދެކެ އޭނާ ލޯބިވާ ވަރު އިހުސާސް ކުރެވުނީ މިއަދުއެވެ. އެމެރިކާގައި އެތައް ދުވަހަކު ހުރުމާއެކުވެސް ފަރުޒާނާގެ ބަހުރުވައާއި، އުޅުން ނުބައެއް ނުވެއެވެ.

"ފަރުޒަނާ-" ފަރުޒާނާގެ ސަމާލުކަން އޭނާއާއި ދިމާއަށް ހުއްޓިއްޖެއެވެ. "އަހަރެން ފަރުޒާނާދެކެ ވަރައް ބޮޑަށް ލޯބިވޭ-"

ފަރުޒާނާ ދުރު ބަލަން ފަށައިފިއެވެ. ތުންފަތް މަތީގައި ނަށާލަނަށާލާ ހުރި ހިނިތުންވުން ގެއްލިއްޖެއެވެ. އިޤްބާލް އަމިއްލަ މޮޔަކަމާ މެދު ދެރަވާން ފަށައިފިއެވެ. ފަރުޒާނާއަކީ އާދައިގެ ކުއްޖެއް ނޫންކަން އޭނާއަށް އެނގެން ވާނެއެވެ. އެކަމަކު އޭނާއަށް އެއްވެސް ހިފެހެއްޓުމެއް ނެތި ލޯބި ފާޅު ކުރެވުނީއެވެ.

"އަހަންނަށް ހީވަނީ މިހައި ދުވަސް ވާއިރު މިކަން އޮންނާނީ ފަރުޒާނާއަށް ވިސްނިފައިހެން-" އޭނާވަހަކަ ކުރިއަށް ގެންދިޔައެވެ. މިހާރު ކޮންމެހެން ޖެހިލުން ވުމުގެ ބޭނުމެއް ނެތެވެ.

"އަހަންނަކަށް ވިސްނިފައެއް ނެތް-"

"އެހެންވިޔަސް ފަރުޒާނާ އަހަންނާ ރުހެމެއްނުން- އެހެންނޫންނަމަ އަހަންނާ އެކީ ތަންތަނަކަށް ނުދާނެ-" އޭނާ ފަރުޒަނާގެ އަތުގައި ހިފިއެވެ. އެކަމަކު އެއަތުން އާދަޔާ ޚިލާފު ވިންދެއް އިޙްސާސެއް ނުކުރެވުނެވެ.

"އާނ- އަހަރެން ރުހެން- އެއީ ގައިމު ކަމެއް-"

"އެހެންވީއިރު ވިސްނަންވީ ކަމަކީ ކޮބާ-؟ އަހަރެން ބޭނުންވަނީ ފަރުޒަނާޔާ ކާވެނި ކުރަން-"

"މިހަކާ ރުހުމާ ކާވެނި ކުރުމާ އެއީ މުޅިން ދެކަމެއް- ކާވެންޏަކާ ބެހޭގޮތުން އަދި އަހަރެން ޚިޔާލެއްވެސް ނުކުރަން-"

"އަހަންނަށް މަޢާފް ކުރޭ-" އިޤްބާލްއަވަސް އަވަހަށް ބުނެލިއެވެ. "އަހަންނަށް މާ އަވަސް ކޮށްލެވުނީ- ކޮންމެ ކަމަކަށްވެސް އެކަށީގެންވާ ވަގުތެއް އޮންނާނެ-"

ފަރުޒާނާ  ހިނިތުންވެލިއެވެ. "އެއީ މަޢާފަށް އެދޭވަރުގެ ކަމެއް ނޫން-"

"ކުޅުން ނިމެއްޖެއެވެ. އޭނާ ފަރުޒާނާގެ އަތުން ދޫކޮށްލިއެވެ. މުޅިން މާޔޫސް ވެފައިވާ ޙާލުގައެވެ. "މި ވާހަކަ ފަހުން ދައްކާނީ-"

ކުޅެން ތިބިމީހުން ކޯޓުން ފައިބައިފިއެވެ. ފަރުޒާނާ ހިނިތުން ވެފައި ހުރެގެން އެމީހުންނާ ބައްދަލު ކުރިއެވެ. ދާދި ދެންމެއަކު އާދަޔާ ޚިލާފު ވާހަކަ ތަކެއް ދެކެވުނު ކަމުގެ ނިޝާނެއްވެސް މޫނުމަތީން ފެންނާކަށް ނެތެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.