ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން ނުކުންނަވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) ހުންނެވީ ބަޔެއްގެ ކަސްތޮޅުގައި ބަނދެވިފައި ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ އިބޫ ވެރިކަން ކުރައްވާނީ ދޮޅު އަހަރަށް ކަމަށާއި އެއަށް ފަހު ރިޔާސީ އިންތިޚާބަކަށް އިބޫ ފުރުޞަތު ދެއްވަން ކޯލިޝަނުން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދޮޅު އަހަރު ދުވަހުގެ ވެރިކަމަކަށް އިބޫ އެއްބަސްވެވަޑައިގަތީ ބަޔެއްގެ ކަސްތޮޅުގައި އެމަނިކުފާނު ބަންދެވިފައިވާތީ" ކަމަށެވެ.
ޚަލީލް ވިދާޅުވީ އިބޫގެ "ތަޅުދަނޑި އޮތީ އެހެން ބަޔެއްގެ މުށުތެރޭގަ" ކަމަށާއި އެބަޔަކު ބުނާ ގޮތަށް ނޫން ގޮތަކަށް އިބޫ "ފިޔަވަޅެއް އެޅުންވެސް މަނާ" ކަމަށާއި މިނިވަން ކަމާއެކު އިބޫ މަސައްކަތް ކުރެއްވުމުގެ ފުރުޞަތެއް ކޯލިޝަނުގެ ތެރޭގައި ނެތް ކަމަށެވެ.
ޚަލީލް ވިދާޅުވީ އެޅިފައިވާ ކަސްތޮޅުން އިބޫ ނެއްޓި މިނިވަންކަން ދައްކުވައި ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ދޮޅު އަހަރުގެ ބަދަލުގައި ވެރިކަމަށް ކުރިމަތިލެއްވީ ފަސް އަހަރުގެ ދައުރަކަށް ކަމަށް ޕޯޑިއަމްގައި އިބޫ ވިދާޅުވެ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.
"ވެރިކަމަށް ގެންނަން ރައްޔިތުން ބޭނުން ވަނީ އަމިއްލަފުޅަށް ކަންކަން ނިންމޭވަރުގެ ގާބިލު މިނިވަނެއް" ޚަލީލް ވިދާޅުވިއެވެ.
އިބޫއަކީ ދޮޅު އަހަރުގެ ވެރިކަމެއް ކުރައްވާނެ ބޭފުޅެއް ކަމަށާއި ފަސް އަހަރުގެ ދައުރެއް ރައީސް ކަމުގައި ހޭދަ ނުކުރައްވާނެ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ކޯލިޝަނުގެ ބަޔެއް ބޭފުޅުން ވިދާޅުވެފައި ވަނީ އިބޫ 5 އަހަރުގެ ދައުރެއް ނިންމަވާނެ ކަމަށާއި ދޮޅު އަހަރު ފަހުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. ނަމަވެސް އިބޫ ވެރިކަން ކުރައްވާނީ ދޮޅު އަހަރު ކަމަށް ވަރަށް ބޮޑަށް ވަނީ އަޑު ފެތުރިފައެވެ. އެކަމާއި ގުޅޭ ގޮތުން އިބޫ އަދި ވަކިއެއްޗެއް ވިދާޅުނުވެއެވެ.