މުޢާމަލާތް ނުހިނގާ ބޭންކްއެކައުންޓުތައް އުވާލަނީ!

BMLHeadoffice

ފާއިތުވި ފަސް އަހަރު އެއްވެސް މުއާމަލާތެއް ނުކުރާ އެކައުންޓްތަކަށް މުއްދަތެއް ދިނުމަށްފަހު އެ އެކައުންޓްތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ދިވެހި ޤައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނުގެ 35 ވަނަ މާއްދާ ގައި ބަޔާން ކޮށްފައިވާ ފަދައިން ވިދިވިދިގެން ފަސް އަހަރު ދުވަސްވަންދެން، އެކައުންޓެއްގެ ވެރިފަރާތުން އެ އެކައުންޓަކުން އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާނަމަ، ނުވަތަ ބޭންކަށްއެއްވެސް ލިޔުމެއް ފޮނުވާފައި ނުވާނަމަ، އެ އެކައުންޓް ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ.

ބީއެމްއެލްގެ ރެކޯޑްތައް ދައްކާގޮތުން އެ ބޭންކްގައި ފައިސާގެ މުއާމަލާތެއް ނުކޮށް ފަސް އަހަރު ވެފައިވާ ޑޯމަންޓް އެކައުންޓް ތަކުގެ ގޮތުގައި އެއްހާސް ތިންސަތޭކަ ނުވަދިހަ ހަ އެކައުންޓެއް ފާހަގަކުރެވިފައިވާ ކަމަށް އެ އިއުލާނުގައި ވިދާޅުވެފައިފައިވެއެވެ.

ބީއެއެމްއެލް އިން ވިދާޅުވީ ޑޯމަންޓް އެކައުންޓް ލިސްޓުގައި ހިމަނާ ނަންތައް ދުވަހު ނޫސްތަކުގައާއި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާނެކަމަށާ، ޝާއިއުކުރެއްވުމަށްފަހު، 60 ދުވަސް ހަމަވުމުން މިފަދަ އެކައުންޓްތައް ބަންދުކުރެވި މިއެކައުންޓްގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ހަވާލުކުރާނެ ކަމަށެވެ.

މިއަހަރުގެ ޖޫން މަހުގެ ސައްބީސް ވަނަ ދުވަހުގެ ކުރިން މިއެކައުންޓްތަކާ މެދުގައި އަމަލުކުރާނެ ގޮތެއް ނާންގަވައިފިނަމަ، ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، އެފަދަ އެކައުންޓްތައް ބަންދު ކުރެވި އަދި އެކައުންޓްތަކުގައި ހުރި ފައިސާ، އެމްއެމްއޭއަށް ހަވާލުކުރެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.