ރިޔާސީ ދެވަނަ ދައުރުގައި ކޮޅުމަޑުލު ތިމަރަފުށީގައި ބޭންކްއޮފް މޯލްޑިވްސްގެ ގޮތްޕެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
މިއަދު ތިމަރަފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އާބާދީގައި 2500 ހަމަވާ ރަށްރަށުގައި އޭޓީއެމް ބަހައްޓަވައި ދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އެހެންނަމަވެސް ތިމަރަފުށީގެ އާބާދީ މިހާރު އުޅެނީ 3000 ގައި ކަމުން އެރަށަށް އެޓީއެމް މެޝިނެއްގެ އިތުރަށް ބޭންކުގެ ގޮތްޕެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ތިމަރަފުށްޓަކީ މިހާރު ތަނަވަސްކަމެއް ލިބިފައިވާ ރަށެއް ކަމަށެވެ. އެފަދަރަށަކަށް ތިމަރަފުށި ވުމުން "އަޅުގަނޑު ގާތު ވިދާޅުވެފައި މިއޮތީ އޭޓީއެމް ޚިދުމަތް ލިބުމަކީ ތިމަންނަމެން ބޭނުންވާ ކަމެކޭ. މިރަށުގައި ދެހާސް ފަސްސަތޭކަ މީހުންނަށްވުރެ އާބާދީ ބޮޑުވާތީއާއެކީ އޭޓީއެމްއެއް ނޫނޭ މިރަށަށް ހަމަ ފުލްބޭންކް ބްރާންޗެއްގެ ޚިދުމަތް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ ހަފްތާތެރޭގައި އެރަށުގެ ލޭންޑްޔޫސް ޕްލޭން ހަދައި ނިމޭނެ ކަމަށެވެ. އަދި އެ ނިންމައި ހަފްތާ ނިމެންވާއިރަށް ކައުންސިލާ ހަވާލު ކުރައްވައި ރައްޔިތުން ބޭނުންވާ ގޮތަކަށް ގޯތި ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެރަށުގައި މަގުހެދުމުގެ މަސައްކަތް ވެސް ފައްޓަވާނެ ކަމަށެވެ.