ތެލުގެ އަގު އަނެއްކާވެސް ދަށަށް!

oil-2_5

ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު ސާޅީސް ޑޮލަރަށް ވެއްޓިއްޖެއެވެ.

ތެލުގެ އަގު އަނެއްކާވެސް ދަށްވެފައިމިވަނީ، ތެޔޮ ބޭރުކުރެވޭ މިންވަރު ދަށްކުރުމުގެ ގޮތުން ތެޔޮ ވިއްކާ ގައުމުތަކުން ވާން އުޅުނު އެއްބަސްވުން ފެއިލް ވުމާގުޅިގެންނެވެ.

ޑިމާންޑްއާ އެއްވަރަށް ތެޔޮ ބޭރުކުރަން ނުވަތަ ސަޕްލައިކުރުމަށް ދުބާއީ ގެ ދޯހާއިން ނިންމި ނަމަވެސް ތެޔޮ ވިއްކާ އެންމެ ބޮޑު އަނެއް މާރކެޓްކަމުގައިވާ އީރަނުންވަނީ ސީދާ މިކަމާއި ދެކޮޅަށް މަސައްކަތްކޮށްފައެވެ.

އެގޮތުން ބައިނަލަޤްވާމީ ގޮތުން އީރާނާއި ދެކޮޅަށް އަޅަފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ރުޖޫއަ ކުރުމާއި އެކު އީރާނުންވަނީ އެގައުމުގެ ތެޔޮ ސަޕްލައި އިތުރުކޮށްފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ ވިޔަފާރި ވަނީ ދަށްވާން ފަށާފައެވެ.

ސައުދީ އަރަބިއްޔާއަކީވެސް ތެލުގެ ބާޒާރުގައި ނުފޫޒުގަދަ އެއްގައުމުކަމަށްވާއިރު، ތެލުގެ ސަޕްލައި ދަށްކުރުމަށް އޯޕެކް ގައުމުތަކުން ނިންމި އެއްބަސްވުމަށް އީރާނުން އަމަލުނުކުރާހާހިނދަކު ސައުދީއިންވެސް އެއަށް އަމަލު ނުކުރާނޭކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ.

ތެލުގެ އަގުދަށްވެ ހިގަމުންދާ ކަންތައްތަކާއި ގުޅިގެން ތެލުގެ ރަސްކަން ކުރަމުންދާ ގައުމުތަކުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، ވިޔަފާރިއަށް ގެއްލުންވެދާނޭކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

މީގެކުރިން ސަތޭކަފަނަރަ ޑޮލަރަށް ވިއްކަމުންދިޔަ ތެޔޮ ފީފާއެއް މިއަހަރުގެ ކުރީކޮޅު ހަތާވީސްޑޮލަރަށް ވަނީ ދަށްވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.