މި ހަފުތާގައި އެެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފަހު އީރާނާއެކު ވިޔަފާރީގެ މުއާމަލާތް ހިންގާ އެއްވެސް ކުންފުންޏަކަށް އެެމެރިކާއާއެކު ވިޔަފާރީގެ މުއާމަލާތެއް ނުހިންގޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ.
އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ނޭޅުމަށް ޔޫރަޕުގެ އިއްތިހާދު (އީޔޫ) އިން އެމެރިކާއަށް ގޮވާލާފައި ވަނިކޮށް، ހޯމަ ދުވަހު ރައީސު ޓްރަމްޕް ވަނީ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގަރާރުގައި ސޮއިކުރައްވާފައެވެ. އީރާނާއެކު ވެފައިވާ ނިއުކުލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވީވެސް އެެއެއްބަސްވުގައި ދެން ބައިވެރިވާ ފްރާސް، އިނގިރޭސިވިލާތް، ޖަރުމަނު، ރަޝިޔާ އަދި ޗައިނާއިން އެކަމާ ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށެވެ.
ނިއުކުލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވިޔަސް އެއެއްބަސްވުމާ އެއްގޮތަށް ކުރިޔަށް ދިއުމަށް އީރާނަށް ހިތްވަރު ދިނުމުގެ ގޮތުން، ޔޫރަޕްގެ އިއްތިހާދުން ބުނެފައި ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު އީރާނަށް ކުރާ މިންވަރު ކުޑަކުރުމަށް މަސައްކަތްކުރާނެ ކަމުގައެވެ. އަދި ޔޫރަޕްގެ ކުންފުނިތަކަށް އެ ޖަމާއަތުން ގޮވާލާފައި ވަނީ އީރާނާއެކު ކުރަމުން އަންނަ ވިޔަފާރި ނުހުއްޓުމަށެވެ.
އެހެންނަމަވެސް އީރާނާއެކު ވިޔަފާރީގެ މުއާމަލާތް ހިންގާ ކުންފުނިތަކަށް އިންޒާރުދެއްވަމުން ޓްރަމްޕް ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އީރާނާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ރަސްމީކޮށް އަޅަން ފަށައިފިއެވެ. މިއީ މިހާތަަނަށް އެޅުނު އެންެމެ ހަރުކަށި ދަތިކުރުމުގެ ފިޔަަވަޅުތަކެވެ. އަދި ނޮވެންބަރު މަހު އެ ފިޔަވަޅުތައް އެހެން ދަރަޖައަކަށް އުފުލިގެން ދާނެއެވެ. އީރާނާއެކު ވިޔަފާރިކުރާ އެެއްވެސް ބަޔަކަށް އެމެރިކާއާއެކު ވިޔަފާރިނުކުރެވޭނެއެވެ. އަހަރެން މިއެދެނީ ދުނިޔޭގެ ސުލްއަށެވެ. އެއަށްވުރަ ކުޑަ އެެއްޗަކަށް ނޫނެވެ."
ރައީސު ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ޖަރުމަނު، ފްރާންސް އަދި އިނގިރޭސި ވިލާތުން ވަނީ 'ވަރަށް ބޮޑަށް ހިތާމަކުރާ' ކަމަށް ބުނެފައެވެ. އަދި އެގައުމުތަކުގެ ކުންފުނިތައް އީރާނާއެކު ކުރާ 'ހުއްދަ' ހުރިހާ މުއާމަލާތެއް ހިމާޔަތްކުރާނެ ކަމަށް ބުނެފައެވެ.