ކޯސްޓްލައިން ހާޑްވެއާ އަނދާ ހުލިވެއްޖެ

ކޯސްތްލައިން ހާޑްވެއާ ފިހާރަ އަނދާހުލިވެފައި
ކޯސްތްލައިން ހާޑްވެއާ ފިހާރަ އަނދާހުލިވެފައި
ކޯސްތްލައިން ހާޑްވެއާ ފިހާރަ އަނދާހުލިވެފައި

މަޖީދީމަގު ނަލަހިޔާ ހޮޓެލް ކައިރީގައި ހުންނަ ކޯސްޓްލައިން ހާޑްވެއަރގައި މިއަދު ހަވީރު ހިނގާދިއަ އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ކޯސްޓްލައިނުން ހާމަކޮށްފިއެވެ.

މި ހާދިސާ އާއި ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން ކޯސްޓްލައިނުން ބުނީ ލިބުނު ގެއްލުން އަދި ބުނަން ނޭނގޭ ކަމަށާއި، ލިބުނު ގެއްލުން ވަރަށްބޮޑުވާނޭކަމަށެވެ. މި ހާދިސާ އާއި ބެހޭގޮތުން ބައެއް މީޑިއާތަކާއި ވާހަކަދައްކަވަމުން ކޯސްޓްލައިން ހާޑްވެއާގެ ޑިރެކްޓަރ ހުސައިން ވިދާޅުވެފައިވަނީ އަލިފާނުގެ ހާދިސާ ހިނގިއިރު އެތަން ވަނީ އިންޝިއުރެންސް ކޮށްފަކަމަށެވެ. ކޯސްޓްލައިންގެ އެ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގުމާއިއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އިން ވަނީ، އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފެން ލޮރީ ބޭނުންކޮށްގެންނާއި މޫދަށް ފެން ހޮޅު ގުޅައިގެން ލޮނު ޖަހައިގެން އަލިފާން ގަނޑު ނިއްވަން މަސައްކަތްކޮށްފައެވެ.

އިއްޔެ ހަވިރު ގާތްގަނޑަކަށް ހަތަރު ގަޑި ތިރީސްހާއިރު ކޯސްޓްލައިން ޢިމާރާތުގައި ރޯވި އަލިފާންގަނޑު ފެތުރި ކައިރީގައިވާ ބައެއް އެހެން ޢިމާރާތްތަކަށްވެސް ވަނީ ގެއްލުންވެފައެވެ.

ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އެ ސަރަހައްދުގެ އިތުރު އިމާރާތެއްގައި އަލިފާން ރޯވެ އަނދާފައިވާއިރު، އަލިފާނުގެ އަސަރުކުރި ޢިމާރާތްތަކުގައި ދިރިއުޅޭމީހުންވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

އަލިފާނުގެ ހާދިސާ ހިނގުމާއި ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދު ހުސްކޮށް އާންމުންނަށް ނުވަދެވޭގޮތަށް އެ ސަރަހައްދު ބަންދުކޮށްފައެވެ.

އެ ސަރަހައްދުގައި ހުރި ކަރަންޓް ޑިސްޓްރިބިއުޝަން ފޮށްޓެއްގައި ރޯވުމާއި ގުޅިގެން އެ ސަރަހައްދުގެ ބަޔަކުން ވަނީ ކަރަންޓް ވެސް ކެނޑިފައެވެ. ސަލާމަތީ ސަބަބުތަކަށްޓަކާ، ސްޓެލްކޯއިން ވަނީ އެ ސަރައްހައްދުގެ ބަޔަކުން ކަރަންޓްވެސް ކަނޑާލާފައެވެ.

މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއްނުވެއެވެ. އެހެންނަމަވެސް ދުމުގެ އަސަރުކޮށްގެން ބައެއްމީހުންގެ ޙާލުދެރަވެ، އަނބުރައިގަތުންފަދަ ކަންކަން ހިނގާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.