ކަރަންޓްގެ މައްސަލައަށް ހައްލުހޯދައިދޭނަން - ރައީސް

75765_2f7b16e4-9_

މާލެއާއި އަތޮޅުތަކުގެ ކަރަންޓްގެ އަގަށް ސަރުކާރުން ގެންނެވި ބަދަލާގުޅިގެން ކަރަންޓްގެ އަގު ބޮޑުވެފައިވާ މައްސަލައަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ފަށާފައިވާކަމަށާ، އަންނަ ހަފްތާގައި މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެއަތޮޅު ކަނޑުހުޅުދޫ މިސްކިތް ހުޅުއްވާދެއްވުމަށްފަހު ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކަނޑުހުޅުނދޫގައި ބޭއްވި ރައްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމް ވިދާޅުވީ ސަރުކާރުން ކަރަންޓްގެ އަގަށް ގެންނެވި ބަދަލާގުޅިގެން ކަރަންޓުބިލަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ގިނަ ރައްޔިތުން ފާހަގަކުރަމުންދާތީ އެކަން ހައްލުކުރުމުގެ މަސައްކަތް ވަގުތުން ފައްޓަވާފައިވާކަމަށެވެ.

އަދި އަންނަ ހަފްތާގެ ތެރޭގައި މިމައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޕްރޮޖެކްޓްތަކެއް މިހާރުވެސް ކުރިއަށްދާއިރު، މިމަސައްކަތްތައް ފުރިހަމަކޮށް ނިންމާލުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާލުން ބޭނުންވާކަމަށެވެ.

އަބަދުވެސް ސަރުކާރުން މަސައްކަތް ކުރަމުންދާނީ ރައްޔިތުންނަށް ފައިދާވާނެގޮތަށް ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށްދިއުންކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އެއްފަސްކުރުމުގެ ސިޔާސަތާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހަވާލުވެފައިވާ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ސަތޭކަ އަށްޑިހަ ތިން ރަށަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ދަތިފުޅުވާނެކަމަށެވެ.

ޒުވާނުންގެ ހަމަޖެހުމަކީ، މުޖުތަމައުގެ މަސްލަހަތާއި ގުޅިފައިފާ ހަމަޖެހުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހަމަޖައްސަވައިދެއްވުމަށް މިހާރުވެސް ސަރުކާރުން ގިނަ މަސައްކަތަކެއް ކުރައްވަމުންދާކަމަށާ، މުސްތަގުބަލު އުޖާލާ ކުރަން ބޭނުންވާކަމަށްވާނަމަ، ކުދިރަށްރަށުން ހިޖުރަކުރަން ޖެހޭކަމަށެވެ.

މީގެއިތުރުން މިއަދުގެ ރަސްމިއްޔާތުގައިވެސް ރައީސް ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އާންމުދަނީ އިތުރުވަމުންދާނަމަ، ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދަވާދެއްވާނެކަމަށެވެ. އަދި މި ބަޖެޓްގެ ބޭނުމަކީވެސް ރައްޔިތުންނަށް ކަންކަން ކޮށްދިނުންކަމަށާއި، މިކަމަށް އިދިކޮޅު ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ފަހެއް ޕޮއިންޓް ހަޔެއް މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ގއ.ކަނޑުހުޅުދޫގައި އަލަށް އިމާރާތް ކުރި މިސްކިތް، މިއަދު ހުޅުއްވާދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. މިއަދު މެންދުރު ނަމާދަށްފަހު ހުޅުވި މި މިސްކިތަކީ ހަ ސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.