އެމެރިކާގައި އެއް ޓްރިލިއަން ޑޮލަރަށް އަގު އެރި ފުރަތަމަ ކުންފުންޏަކަށް "އެޕަލް" ވެއްޖެ

އެއް ޓްރިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏަކަށް އައިފޯނު އުފައްދާ އެޕަލް ކުންފުނި ދާދި ދެންމެއަކު ވެއްޖެއެވެ. މިއީ މި ފެންވަރަށް ދިޔަ، އެމެރިކާގެ ފުރަތަމަ ޕަބްލިކް ކުންފުންޏެވެ.

އެޕަލް ކުންފުނި މި ދަރަޖައަށް އެރީ ބުރާސްފަތި ދުވަހު އެ ކުންފުނީގެ ޙިއްސާއެއްގެ އަގު 207.04 ޑޮލަރަށް އެރުމާ ގުޅިގެންނެވެ. މިއަހަރު އެ ކުންފުނިން ވަނީ ހިއްސާގެ ބާޒާރުގައި 20 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފައެވެ.

އިގްތިސާދީ ބައެއް މާހިރުން ވިފދާޅުވާ ގޮތުގައި މިއަދު ކުންފުނީގެ އަގު އެއް ޓްރިއަލަނަށް އެރި ނަމަވެސް އެ ދަރަޖައިގައި ދިގު މުއްދަތަކަށް ހިފެހެއްޓޭނީ އައު އާލާތެއެް ބާޒާރަށް ނެރެގެންނެވެ. މިހާރު އެ ހޯދި ދަރަޖަ އެ ކުންފުންޏަށް ހޯދުނީ އައިފޯން 8 އާއި އައިފޯން އެކްސް (10) ޗައިނާއާއި ޖަޕާނުގައި ވަރަށް ގިނަ ޢަދަދަކަށް ވިކުމާ ގުޅިގެންނެވެ.

އެއް ޓްރިލިއަންއާ ކައިރި މިންވަރެއްގައި މިހާރު ހުރި ކުންފުނި ތަކަކީ އެމެޒޯން އާއި ގޫގްލްގެ ވެރި ކުންފުނި ކަމުގައިވާ އަލްފަބެޓާއި، މައިކްރޯސޮފްޓެވެ. އެމެޒޯން މިހާރު އޮތީ 900 ބިލިއަން ޑޮލަރުގައެވެ. ގޫގްލްއާއި މައިކްރޯސޮފްޓް އޮތީ 800 ބިލިއަނުގައެވެ.

އެޕަލްއަކީ ދުނިޔޭގައި އެއް ޓްރިލިއަނަށް އެރި ފުރަތަމަ ކުންފުންޏެއް ނޫނެވެ. 2007 ވަނަ އަހަރު ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ޕެޓްރޯޗައިނާ ވަނީ ކުޑަ ދުވަސްކޮޅަކަށް އެއް ޓްރިލިއަން ޑޮލަރުގެ ދަރަޖައިގައި ހިފަހައްޓާފައެވެ. އެކަމަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުންފުނީގެ ދަރަޖަ ވެއްޓިއްޖެއެވެ. އެ ކުންފުނި ނިވް ޔޯކް ސްޓޮކް އެކްސްޗޭންޖްގައި މިހާރު އޮތް ދަރަޖައަކީ 205 ބިލިއަން ޑޮލަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.