ހުޅުމާލޭގައި މިއަދު ދެމިލިޔަނަށްވުރެ ގިނަ ރުފިޔާ ބަޔަކު ފޭރިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރިގަތީ މަސްވެރިކަމުގެ ސިނާއަތުގައި ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށްވާ އެންސިސް ކުންފުނީގެ ފައިސާއެވެ. މިކަން ހިނގާފައި ވަނީ އެ ކުންފުނީގެ ފައިސާ ހުޅުމާލޭގައި ހުންނަ އިސްލާމިކް ބޭންކްގެ ބުރާންޗުން ނަގައިގެން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އިސްލާމިކް ބޭންކްގެ ހުޅުމާލޭ ބުރާންޗުން އެންސިސް ކުންފުނީގެ ދެމިލިޔަނަށްވުރެ ގިނަ ފައިސާ ނަގައިގެން ދިޔަ މީހާ އަތުން އެ ފައިސާތައް ފޭރިގަތީ ކޮންބަޔެއް ކަމެއް އަދި ފުލުހުންނަށް ނުހޯދުނު ނަމަވެސް އެކަން އެ ކުންފުނިން ހުށަހެޅުމުން ފުލުހުން މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފޭރިގަތް ފައިސާގެ އަދަދު ދެމިލިޔަނަށްވުރެ ގިނަވާނެ ކަމަށް ބެލެވުނު ނަމަވެސް ސީދާ އަދަދު އަދި ކަށަވަރު ނުވެއެވެ.
ހުޅުމާލޭގައި ފަހަކަށް އައިސް ފޭރުމާއި ވައްކަމުގެ ކުށްތައް މަދުވެފައި ވަނިކޮށް މިހިނގައިދިޔަ ހާދިސާގެ ކުރިން ހުޅުމާލޭގައިވެސް އެފަދަ ޙާދިސާތައް ހިނގާފައިވެއެވެ. ބޭންކް ތަކުން ފައިސާ ހިފައިގެން ނުކުމެގެން ދަނިކޮށް މީގެކުރިން މާލޭގައިވެސް ގިނަ އަދަދަކަށް ފައިސާ ފޭރިގަތުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.