އިބޫ ހޮވިއްޖެއްޔާ ނާއިބު ރައީސަކަށް ނަޝީދު ގެނެސް އިބޫ އިސްތިއުފާ ދެއްވާނެ: އަޒުލީން

ކުރިއަށްއޮތް ރިޔާސީ އިންތިޚުބައި އިދިކޮޅުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވެރިކަމަށް ހޮވިވަޑައިގެންފި ކަމަށްވާނަމަ ނާއިބު ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންނަވާފައި އިބޫ އިސްތިއުފާ ދެއްވާނެ ކަމަށް ހޯމްމިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަޒުލީން މިހެންވިދާޅުވީ މާލޭގައި މިރޭ ހުޅުވި ޕީޕީއެމްގެ "އަތޮޅު ޖަގަހަ" ހުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުނެވެ. "އިބޫ ހޮވިއްޖެއްޔާ އަމާޒަކީ ކޮމެހެން ހަދާއިފައިވެސް އަޅުގަނޑުމެންގެ އެލާދީނީ ކުރީގެ ރައީސް ނަޝީދު ނާއިބު ރައީސަކަށް ގެނައުމަށްފަހު އިބޫ އިސްތިއުފާ ދިނުން. އެހިސާބުން އޮޓޮމެޓިކުން ނަޝީދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނާނެ. ދެން އެހަދާ ޑީލެއްގެ ތެރެއިން ނާއިބުރައީސަކަށް ގެންނާނީ އިބޫ ކަމެއް އެހެން މީހަކު ކަމެއް ދެންނޭނގޭ،" އަޒުލީން ވިދާޅުވިއެވެ.

އަޒުލީން ވިދާޅުވީ ކުރިއަށްއޮތް ރީޔާސީ އިންތިޚާބުގައި ރައީސް ޔާމީން ފިޔަވައި އެހެން ބޭފުޅަކަށް ވޯޓު ލުމަކީ ދީނީގޮތުން ވެސް ހުއްދަވާނެ ކަމެއް ނޫންކަމަށެވެ.

"ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވާން ތައްޔާރަށްތިބި އިދިކޮޅު މީހުންނަކީ ވަގުތީ ބައެއް. އެފަދަ ބަޔަކަށް ރައްޔިތުންނަށް ވެވޭ އެއްވެސް ވައުދެއް ނޯންނާނެ. އެފަދަ ބަޔަކަށް ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އެފަދަ ބައެއްގެ އެއްވެސް ތަސައްވުރެއްވެސް ނޯންނާނެ. މިފަދަ ބަޔަކު ވެރިކަމަށް ގެނައުމަށްޓަކައި ބަޔަކު މީހުން އަޑީގައި ތިބެގެން މިކުރާ މަސައްކަތް އަޅުގަނޑުމެންނަށް އެނގޭ،" މިނިސްޓަރ ވިދާޅުވިއެވެ. އެމަސައްކަތަކީ އިސްލާމްދީނާއި ކީރިތި ރަސޫލާއަށްގޮންޖަހާ މީހަކު ވެރިކަމަށް ގެނައުމަށް ބަޔަކު ކުރާ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރ އަޒުލީން ވިދާޅުވިއެވެ.

"އެހެންވީމާ އަދިވެސް އަޅުގަނޑުމެން ބުނާނީ ލާދީނީއޭ. މިއަކަށްކުރާނެ ޝައްކެއްނެތް. މީގެ ހިޔަނީގައި މީހަކު ނެރެފައި ހުއްޓަސް އަޅުގަނޑުމެންނަށް އެނގޭ ލާދީނީ ކަމެއްކަން މިއުޅެނީ. އިތުރު އެއްވެސް ކަމެއް މިއަކުނެތްކަން،" އަޒުލީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހުރިހާ ކަމެއް އެއްފަރާތް ކުރުމަށްފަހު އިދިކޮޅު ފަރާތްތަކުން ލާދީނީ ޓީކެޓެއް ގެންގުޅޭ ސަބަބަށްޓަކައި މިފަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުން ވެސް ރައީސް ޔާމީން ވެރިކަމަށް އިންތިޚާބު ކުރަންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ އެންމެން އެކައްޗެއް ކިޔައިގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.