އަދާލަތުގެ މެނިފެސްޓޯ: އެންމެ އިސްކަމެއްދޭނީ އިސްލާމްދީން ހީމަޔަތް ކުރަން

އަދާލަތު ޕާޓީގެ މެނިސްފެސްޓޯ މިއަދު ހާމަކުރައްވައިފިއެވެ. މިއަދު ބޭއްވި ޕްރެސްއެއްގައި މެނިފެސްޓޯގައި ހިމެނޭ "ދިވެހިންގެ ދީން" މިބަޔަށް ވާހަކަ ދެއްކެވީ ދީނީ އިލްމުވެރިޔާ އަދި އެޕާޓީގެ މަކުނުދޫ ދާއިރާގެ މެންބަރު އަލްއުސްތާޒާ އަނާރާ ނައީމެވެ.

އަނާރާ ވިދާޅުވީ އަދާލަތުޕާޓީން އަބަދުވެސް އަހައްމިއްޔަތުކަންދޭނީ އިސްލާމްދީން ނޫންދީނަކަށް ރާއްޖޭގައި ޖާގަނުދިނުމަށް ކަމަށެވެ. އަދި އެކަން ކަށަވަރު ކުރަން އަބަދުވެސް ސަމާލުކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރަށް އިސްލާމް ދީނުގެ ސައްހަ އަގީދާ ދެމެހެއްޓުމަށްވެސް ބާރުއަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. "އެގޮތުން ދީނީ އިލްމުވެރިނަށް އިލްމު ފެތުރުމަށް މަގުފަހިވާނެ ގޮތަށް އަމަލްތައް ބައްޓަން ކުރުން، އަދި މީގެއިތުރަށް ދީނީތައުލީމް ފުޅާކުރުން ހިމެނޭ. އަދި ދީނީހޭލުންތެރިކަން މުޖުތަމައުގައި އިތުރުކުރުން ހިމެނޭ. އަދި އެގޮތަށް ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރުން މިއީވެސް އަދާލަތު ޕާޓީ އަހައްމިއްޔަތުކަންދޭ ކަމެއް،" އަނާރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ޒަކާތު ފަންޑެއް ގާއިމް ކުރުމާއި އެ ފަންޑަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ވުޖޫދުވާ ފަންޑެއް ކަމުގައި ހަދައި އެފަންޑުން ޚަރަދުކުރެވޭ ގޮތްތައްވެސް އެއީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ހިނގާ އަދި ރައްޔިތުންނަށް ލާބަޔާއި މަންފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހަމަހަމަކާއި އަދުލުވެރިކަމާއެކު ބެހިގެންދާ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމަކީ ވެސް ކުރައްވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން ވަގުފު ފަންޑެއް ގާއިމްކޮށް ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތަކަށް އެކަންކުރުމާއި، އިސްލާމީ ތަރަހައިގެ ތެރޭގައި އެންމެހައި ކަންކަން ހިންގުން ބާރު އަޅުއްވާނެ ކަމަށްވެސް އަނާރާ ވިދާޅުވިއެވެ.

ދައުލަތުގެ ކަންކަން ތަންފީޒީ މަރުހަލާ ތަކުގައިވެސް އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ރީތި އުސޫލާ އެއްގޮތަށް ހިންގަމުންދޭތޯ ބެލުމަކީ ވެސް އަދާލަތު ޕާޓީން ކުރައްވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އިސްލާމިކް ރިސާޗު ސެންޓަރެއް ގާއިމް ކުރެއްވުމަކީވެސް އަދާލުން ކުރައްވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރަށް މިނިވަން މުސްތަގިއްލު ފިގުހު އެކެޑަމީއެއް އެކުލަވާލުމަކީ އަދާލަތުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ. އެތަން ވެގެންދާނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދި ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ އިރުޝާދާއި ލަފާދޭ ތަނަކަށް ކަމަށްވެސް އަނާރާ ވިދާޅުވިއެވެ. އަދި އެތަން ވެގެންދާނީ ތަފާތު ދިސާރާ ކުރާ ތަނަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.