ރިޔާސީ އިންތިޚާބުގައި ޖަލުތައް އެލާޓްވާނެ, އޮފިސަރުން ވޯޓުލާނީ ޖަލުގައި

މިއަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުން، އަމަލުކުރަންޖެހޭ ޚާއްސަ އުސޫލު އެތަނުން ހާމަކޮށްފިއެވެ.

މި އުސޫލަކީ ކޮންމެ އިންތިޚާބަކާ ގުޅިގެން ނެރޭ އުސޫލެކެވެ. މިއަހަރަކީ ރިޔާސީ އިންތިޚާބު ބާއްވާ އަހަރަށް ވުމުން މިއަހަރު ކުރީކޮޅު ޕްރިޒަންސް ކޮމިޝަނަރު އަހުމަދު ޝިހާން ވަނީ މުވައްޒަފުންނާ ބައްބަދު ކުރައްވައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ވަނީ އޮފިސަރުންގެ ޗުއްޓީވެސް ޖުލައިގެ ނިޔަލަށް ޚާލާސް ކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވައިފައެވެ.

"ކޮންމެ އިންތިޚާބަކާ ގުޅިގެން ޖަލުތައް އެލާޓްކުރާނެ. އެލާޓް ކުރީމައި އޮފިސަރުންނަށް ބޭރަށް ނުދެވޭނެ. އެހެންވީމާ ވޯޓުލާންޖެހެނީ ޖަލުފޮަށްޓަށް. މިއީ އަލަށްކުރާ ކަމެއްނޫން. މިއީ އިންތިޚާބުތަކުގައި އަމަލުކުރާ އުސޫލު،" ކަރެކްޝަންސްެ އިސްބޭފުޅަކު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ނެރެފައިވާ އުސޫލުގައި ކަރެކްޝަނަލް ސާރވިސްއިން ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުން ވޯޓްލާން ޖެހޭނީ އެ މުވައްޒަފަކު މަސައްކަތްކުރާ ތަނެއްގައި ބަހައްޓާފއި ހުންނަ ވޯޓުފޮށްޓަށް ކަމަށެވެ. މާލޭގައި މަސައްކަތްކުރާ އޮފިސަރުންނާއި މަދަނީ މުވައްޒަފުން ވޯޓްލާނީ މާލޭ ޖަލުގައި ބަހައްޓާ ވޯޓް ފޮއްޓަކަށް ކަމަށްވެސް އުސޫލުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މުވައްޒަފުންގެ ރީރެޖިސްޓްރޭޝަން ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ޖަލުތަކާއި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް އުސޫލުގައި ބުނެފައި ވެއެވެ. އެހެންވީމާ އޯގަސްޓް 10 ގެ ކުރިން ކޮންމެ މީހަކުވެސް ރީރަޖިސްޓްރީ ކޮށްފައިވޭތޯ ބެލުމަކީ އެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށްވެސް ބުނެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.