ކޭއެފްސީގެ ފުރަތަމަ އައުޓްލެޓް ހޯމަ ދުވަހު މާލޭގައި ހުޅުވަނީ

މަޝްހޫރު ކޭއެފްސީގެ ފުރަތަމަ އައުޓްލެޓް އަންނަ ހޯމަ ދުވަހު ހެނދުނު މާލޭގައި ހުޅުވާނެ ކަމަށް ކޭއެފްސީން ބުނެފިއެވެ.

އެމެރިކާގެ ފާސްޓްފުޑް ރެސްޓޯރަންޓް ޗެއިން، ކެންޓަކީ ފްރައިޑް ޗިކަންގެ އައުޓްލެޓެއް ފުރަތަމަ ފަހަރަށް މާލޭގައި ހޯމަ ދުވަހު ހުޅުވާނެކަން ހާމަކޮށްފައި ވަނީ ކޭއެފްސީގެ ރަސްމީ ފޭސްބުކް ޕޭޖުގައެވެ. އެތަން ހުންނާނީ އަމީނީމަގުގައި ހުންނަ މާލޭ ސްކޮއާ އިމާރާތުގައެވެ. މަޝްހޫރު ޕިއްޒާ ހަޓްވެސް ހުންނަނީ މިއިމާރާތުގައެވެ. ކޭއެފްސީވެސް ރާއްޖޭގައި ހިންގާނީ ޕިއްޒާ ހަޓްސްވެސް ރާއްޖޭގައި ހިންގާ ކުންފުނި ކަމަށްވާ ގަމާ އައިލެންޑް ފުޑް ޕްރައިވެޓް ލިމިޓެޑުންނެވެ.

ކޭއެފްސީގެ ފުރަތަމަ އައުޓްލެޓް މާލޭގައި ހޯމަ ދުވަހު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ހެނދުނު 11 ޖަހާއިރުއެވެ. މިތަން ހުޅުވުމަށް ފަހު އެތަނަށް އެންމެ ފުރަތަމަ ޚިދުމަތް ހޯދަންދާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ކަސްޓަމަރަކަށްވެސް ކޭއެފްސީ ސްޕެޝަލް އެޑިޝަންގެ ޓީޝާޓެއް ދޭންވެސް ކޭއެފްސީން ވަނީ ނިންމާފައެވެ.

ރާއްޖޭގައި ހުޅުވާ ކޭއެފްސީގެ ފުރަތަމަ އައުޓްލެޓް ވެރިރަށް މާލޭގައި ހުޅުވި ނަމަވެސް ކޭއެފްސީ ރާއްޖޭގައި ހިންގާ ކުންފުނިން ބުނެފައި ވަނީ ކުރިމަގުގައި މާލޭގެ އިތުރުން ރާއްޖޭގެ އެންމެ އާބާދީ ބޮޑެތި ސަރަހައްދުތަކަށްވެސް ކޭއެފްސީ އައުޓްލެޓް ދާނެކަމަށެވެ.

ކޭއެފްސީއަކީ ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުގައި އެތައް ބަޔެއްގެ މަގްބޫލުކަން ހޯދާފައިވާ ތަނެކެވެ. ރާއްޖޭގައި ކޭއެފްސީގެ ތަނެއް މިހާތަނަށް ނެތްނަމަވެސް ރާއްޖެއިން ބޭރު ގައުމުތަކަށްދާ ދިވެހިން ކޭއެފްސީއަށް ގިނަ އަދަދަކަށް ދެއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.