އެމަނިކުފާނަކީ މީހުން ޖަލަށްލާ ބޭފުޅެއް ނޫން ކަމަށާއި އެހެންކަމުން ސަރުކާރުން ދީފައިވާ މަޝްވަރާގެ ދައުވަތު ގަބޫލުކޮށް އިދިކޮޅުން އަންނަންޖެހޭނީ ކުށްވެރިން ދޫކޮށްލުމަށް ޝަރުތު ކުރުމަށް ފަހު ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގަތްޔޫމް ވިދާޅުވެއްޖެއެވެ.
އހ. ކެލާގައި ދާދިދެންމެއަކު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކަންކަން ނިންމަންޖެހޭނީ ގަދަބާރުން ނޫން ކަމަށާއި ކަންކަން ނިންމަންޖެހޭނީ މަޝްވަރާގެ މޭޒު ކައިރިން ކަމަށެވެ. އެގޮތުން ސަރުކާރުން އިދިކޮޅު ސިޔާސީ ލީޑަރުންނާއެކު މަޝްވަރާގައި އިށީނުމަށް ބާރަ ފަހަރު ދައުވަތު ދެއްވާފައިވާނެ ކަމަށާއި މިހާރުވެސް ދައުވަތެއް އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޝްވަރާއަށް އަންނަން އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް އެއްވެސް ޝަރުތެއް ކުރިމަތިކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މަޝްވަރާއަށް އައުމުގެ ކުރިން ކުރިމަތި ކުރުވަނީ ޝަރުތެއް ކަމަށާއި އެ ޝަރުތަކީ ޖަލުގައި ތިބި ކުށްވެރިންތަކެއް ދޫކޮށްލުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ރައީސަށް ގާނޫނޫގެ ތެރެއިން ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙަންމަދު ސޯލިހް (އިބޫ) އަށްވެސް ބަހުގެ ހަމަލާ ދެއްވިއެވެ. އެގޮތުން އިބޫއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ޖަލުގައި ތިބި ސިޔާސީ ކުށްވެރިން އިންތިޚާބުވާ ދުވަހު މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައީސް ވަރަށް ބޮޑަށް ރައްދު ދެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޖަލުގައި ތިބި "މުޖުރިމުންތަކެއް" ދޫކޮށްލާ ވާހަކަ އިދިކޮޅުން ވިދާޅުވާއިރު އެއީ ކިހާބޮޑު ނުރައްކަލެއްކަން އެބޭފުޅުންނަށް ނޭނގޭ ކަމަށް ވިދާޅުވިއެވެ. އެއްވެސް ގިންތިއެއް، މިނެއް، ހުދޫދެއްނެތި ޖަލުގެ ދޮރޯށިތައް ހުޅުވާލައި ކުށްވެރިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލެވިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.