ޔަމަނުގައި އޮތް ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރާ އަރަބި ކޯލިޝަނާއި، ޙޫޘީންނާ ދެމެދު ހަނގުރާމަ ހިނގާތާ މައްސަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ހުދައިދާ ދޫކޮށް 35 ހާހަށް ވުރެ ގިނަ އާއިލާ ފައިބައިފި ކަމުގައި އދ. އިން ބުނެފިއެވެ.
މިހެން ބުނެފައި ވަނީ ޔަމަނުގައި އިންސާނީ އެހީގެ ކަންތައް ވިލަރެސްކުރާ އދ. ގެ އޮފީހާއި އިންސާނީ އެހީދޭ ޖަމާއަތްތަކާއި ގުޅިގެން މިމަހުގެ 4 އިން 13 އަށް ހުދައިދާގެ ހާލަތު އޮތް ގޮތް ބެލުމަށް ފަހު ނެރުނު ރިޕޯޓެއްގައެވެ.
"ރަށް ދޫކޮށް ގާތްގަނޑަކަށް 35 ހާހެއްހާ އާއިލާ ފައިބާފައިވާކަން ޔަގީންކުރެވިފައިވެއެވެ. އޭގެތެރޭން 20 ހާސް އާއިލާއަށް އެހީތެރިކަން ލިބިފައިވެއެވެ." ރިޕޯޓުގައި ވެއެވެ. އަދިވެސް ރިޕޯޓުގައި ވާގޮތުން ހުދައިދާ ޕްރޮވިންސުގެ އައްތަހީތާ އާއި އައްޒަބީދަށް ވައިގެ ހަމަލާ ދިނުމާއި، ބޮޑު ބަޑީގެ ހަމަލާތައް ކުރިއަށް އެބަދެއެވެ.
އަލްހުދައިދާގެ ބަނދަރުގެ ހާލަތާއި ބެހޭ ގޮތުން ރިޕޯޓުގައި ވާގޮތުން "ބަނދަރުގައި މަސައްކަތް އެބަހިނގައެވެ. އަދި (ހަމަ ހުދައިދާ ޕްރޮވިންސުގެ) ސަލީފު ބަނދަރުގައި ވެސް މަސައްކަތް ހިނގައެވެ."
އިންސާނީ އެހީދޭ ޖަމާއަތްތަކުން ރަށުން ފައިބައިގެންދާ މީހުންނަށް އެމީހުން ތިބި ހިސާބެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށާއި، ހުދައިދާ ސިޓީގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ. އަދި ފެނުގެ ސަޕްލައި ރަނގަޅުކުރުމާއެކު ބޭކަރީތަކާ އާއްމު ފިހާރަތައްވެސް ވަނީ ހުޅުވާފައެވެ.
އެހެންނަމަވެސް، އދ. ގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، "ހުދައިދާ ސިޓީން ބަނދަރަށާއި، އެއާޕޯޓަށް ދެވޭ މަގުތައް ވަނީ ކޮންކްރީޓް ހުރަސްތައް ބަހައްޓައިގެން ބަންދުކޮށްފައެވެ.
މިމަހުގެ 5 ގައި ޔަމަނުގައި ހުންނަ އދ. ގެ އިންސާނީ އެހީ ވިލަރެސްކުރާ އޮފީހުން ނެރުނު ރިޕޯޓެއްގައި ވާގޮތުން ޖޫން މަހުގެ ތެރޭގައި 17 ހާސް އާއިލާ ހުދައިދާ ދޫކޮށް ގޮސްފައި ވެއެވެ. އެއީ ގާތްގަނޑަކަށް 1 ލައްކަ 21 ހާސް މީހުންނެވެ.
ފާއިތުވި ޖޫން މަހުން ފެށިގެން ޔަމަނުގެ ސަރުކާރާއި، ސަރުކާރަށް ތާއީދުކުރާ އަރަބި ކޯލިޝަނުން ދަނީ ޙޫޘީ ހަނގުރާމަވެރިންގެ އަތްދަށުން އަލްހުދައިދާ އަތުލުމަށް ހަނގުރާމަކުރަމުންނެވެ. މި ހަނގުރާމައި ސަރުކާރުން ވަނީ ހުދައިދާ އެއާޕޯޓާއި، އެހެން ބައެއް ސަރަހައްދުތައް ހިފާފައެވެ.