ޔޫއޭއީގެ އަމީރަކު ފިއްލަވައިގެން ޤަޠަރަށް ވަޑައިގެންފި

ފިއްލަވައިގެން ޤަޠަރަށް ވަޑައިގެންނެވި ޔޫއޭއީގެ އަމީރު، ޝައިޚް ރާޝިދު ބިން ޙަމަދު އައްޝަރްޤީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަމީރަކު ފިއްލަވައިގެން ޤަޠަރަށް ވަޑައިގެން އެ ގައުމުގެ ސިޔާސީ ހިމާޔަތް ހޯއްދަަވައިފިއެެވެ.

އާދީއްތަ ދުވަހު ނިއުޔޯކް ޓައިމްސް އިން ޚަބަރު ދީފައިވާ ގޮތުގައި ފިއްލަވައިގެން ވަޑައިގަތީ ޝައިޚް ރާޝިދު ބިން ޙަމަދު އައްޝަރްޤީ (31 އަހަރު) އެވެ. އެއީ އަލްފުޖައިރާގެ ވެރިޔާ ޙަމަދު ބިން މުޙައްމަދު އައްޝަރްޤީގެ ދެވަނަ ދަރިކަލުންނެވެ. އަލްފުޖައިރާއަކީ ޔޫއޭއީގެ އިއްތިހާދުގައި ހިމެނޭ ހަތް އެމިރޭޓްގެ ތެރެއިން އެއް އެމިިރޭޓެވެ.

ނިއުޔޯކް ޓައިމްސްއާ ވާހަކަފުޅު ދައެްކަަވަމުން ޝައިޚް ރާޝިދު ވަނީ ޔޫއޭއީގެ ވެރިންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި ބްލެކްމޭލްކުރުމާ، ކަޅުފައިސާގެ މުއާމަލާތްތައް ހިންގުން ހިމެނެއެވެ. އޭނާ ކުރެއްވި ތުހުމަތުތަކަށް ހެކި ދައްކަވާފައެއް ނުވެއެވެ.

ފިއްލެވި އިރު އޭނާ ހުންނެވީ އަލްފުޖައިރާގެ ކަލްޗަރ އެންޑް އިންފޯމޭޝަން ބިއުރޯގެ ވެރިޔާގެ މަގާމުގައެވެ. އަރަބި ގަލްފުގެ ބައެއް މަސްދަރުތަކުން ޚަބަރު ލިބޭގޮތުގައި، އޭނާ ލަންޑަނުގައި ހުންނަވާފައި، ލަންޑަނުގައި ހުންނަ ޤަޠަރު އެންބަސީން ހިމާޔަތް ހޯއްދެވީއެވެ. އެއަށް ފަހު ޤަޠަރުގެ ހިމާޔަތުގައި އޭނާ ވަނީ ދޯހާއަށް ވަޑައިގެންފައެވެ.

އޭނާ ނިއުޔޯކް ޓައިމްސްއަށް ދެއްވި މައުލޫމާތުގައި، ޔަމަނުގައި ހިނގާ ހަނގުރާމައިގައި ޔޫއޭއީން ބައިވެރިވުމާ މެދު އެގައުމުގެ އިސް ވެރިންގެ މެދުގައި ބޮޑެތި ދެބަސްވުންތަކެއް ހުރިކަން ވެސް ހާމަކުރައްވާފައި ވެއެވެ.

އޭނާ ވިދާޅުވިގޮތުގައި ޔަމަނުގައި މަރުވި ޔޫއޭއީގެ ސިފައިންގެ އަދަދަކީ 100 ކަމަށް އާއްމުކޮށް ހާމަކޮށްފައި ވިޔަސް އެއަށްވުރެ މާ ގިނަ މީހުން ވަނީ މަރުވެފައެވެ. "އެހެން ހުރިހާ ތަނަކަށްވުރެ، މަރުވި މީހުންގެ ތެރޭގައި ފުޖައިރާ މީހުންގެ އަދަދު ގިނަ" އޭނާ ވިދާޅުވިއެވެ.

ނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައި ވާގޮތުން، ޝައިޚް ރާޝިދުގެ މިވާހަކަފުޅުތަކަކީ ޔޫއޭއީގެ 47 އަހަރުވީ ތާރީޚުގައި އެގައުމުގެ އަމީރަކު ސަރުކާރާ ދެކޮަޅަށް ދެއްކެވި މިފަދަ ފުރަތަމަ ވާހަކަފުޅެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.