ދައުލަތުގެ ތިންބާރުގެ ވެރިންނަށް ނޫސްވެރިން ޕެޓިޝަނެއް ހުށަހަޅައިފި

petition

ރާއްޖޭގެ ނޫސްވެރިކަންކުރުމަށް ދިމާވެފައިވާ ދަތިތަކާއި، ހުރަސްތައް އަދި ނޫސްވެރިންނަށާއި، ނޫސް އިދާރާތަކަށް ކުރިމަތިވަމުންދާ ބިރުދެއްކުމުގެ އަމަލުތައް ހުއްޓުވައި، ފިޔަވަޅުއެޅުމަށް ގޮވާލައި ނޫސްވެރިންގެ ތެރެއިން ގިންބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަނެއް ދައުލަތުގެ ތިންބާރުގެ އެންމެ އިސްވެރިންނަށް މިއަދު ހުށަހަޅައިފިއެވެ.

ނޫސްވެރިންގެ ޕެޓިޝަން މިއަދު ހުށަހަޅައިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ސްޕްރީމް ކޯޓަށާއި، ރައްޔިތުންގެ މަޖިލީހަށެވެ.

މި ޕެޓިޝަންގައި ޖުމުލަ ނުވަ ކަމަކަށް ވަނީ ގޮވާލާފައެވެ. އޭގެތެރޭގައި ގެއްލިފައިވާ ނޫސްވެރިޔާ ރިޟުވާންގެ މައްސަލާގައި މިނިވަން ތަހުގީގެއް ކޮށް އެއީ ބަޔަކު ހިންގާފައިވާ ޖަރީމާއެއްނަމަ، އެކަމުގައި ކުށްވެރިވާ މީހުންނަށް އަދަބު ދިނުމަށާއި، ރާއްޖޭގެ މީޑިޔާ ތަކަށް އަމާޒުވެފައިވާ އެކިކަހަލަ ހަމަލާތަކުގެ މައްސަލަ ތަހުގީގު ކޮށް ފިޔަވަޅު އެޅުމަށާއި، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެބިލު އަނބުރާ ގެންދިޔުމަށާއި، ސަރުކާރުގެ އިދާރާތަކުން މީޑިޔާތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ނޫސްވެރިންގެ ޕެޓިޝަނުގައިވަނީ ގޮވާލާފައެވެެ.

މީގެ އިތުރުން އެކި މައްސަލަތަކުގައި ނޫސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށާއި، ބްރޯޑް ކާސްޓިސް ކޮމިޝަން ސިޔާސީ ނުކޮށް އެދާއިރާއިން ގާބިލް ބޭފުޅުން އެކޮމިޝަނަށް އައްޔަން ކުރުމަށާއި، ރާއްޖޭގެ ޝަރުޢީ ބައެއް ކޯޓުތަކަށް ބައެއްމިޑިއާތަކުގެ ނޫސްވެރިން ނުވައްދާ މައްސަލަ ހައްލު ކުރުމަށްވެސް އެ އެ ޕެޓިޝަނުގައި ގޮވާލައިފައިވެއެވެ.

މި ޕެޓިޝަން ހުށައެޅުއްވުމުގައި އިސްކޮށް ހަރަކާތްތެރިވި މިނިވަން ނޫހުގެ އެޑިޓަރު ޒަހީނާ ރަޝީދު ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތައް ފާޅުކޮށް ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހަފްތާތެރޭގައި ކަމަށެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ 11 މީޑިއާއެއްގެ 183 ނޫސްވެރިން، އެޕެޓިޝަނުގައި ސޮއިކޮށްފައިވާ ކަމަށް ޒަހީނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ވާރކިން ގްރޫޕުގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ސަން އޮންލައިންގެ ނޫސްވެރިޔާ މުޖުތަބާ ވިދާޅުވީ، ސްޕްރީމް ކޯޓާއި ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުން ވެސް އެ ޕެޓިޝަން ބަލައިގެންފައިވާކަމަށެވެ.

"ރައީސް އޮފީހުން ވެސް އެއްބާރުލުން ދެއްވި. އެފަރާތުން ބޭފުޅަކު ޕެޓިޝަނާ ހަވާލުވެވަޑައިގެން ވިދާޅުވީ ކަންތައްތައް ބައްލަވައިދެއްވާނަމޭ. ދެން އަޅުގަނޑުމެން މި އައީ މަޖިލީހަށް. މަޖިލީހުން ވެސް މަޖިލީހުގެ އަމީންއާމުގެ ފަރާތުން ބޭފުޅަކު ހަވާލުވި. ވިދާޅުވި ޕެޓިޝަނުގައިވާ ކަންކަން ބައްލަވައިދެއްވާނަމޭ،" މުޖުތަބާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ވޯކިން ގުރޫޕުން ބުނީ އެ ޕެޓިޝަނަކީ ރާއްޖޭގެ ތާރީހުގައި ވެސް އެހާ ގިނަ އަދަދެއްގެ ނޫސްވެރިން އެއް ކަމަކަށް ގޮވާލައި ތައްތާރުކުރި ފުރަތަމަ ޕެޓިޝަންކަމުގައެވެ.

ނޫސްވެރިންގެ ހުރި ގޮންޖެހުންތަކާއި ހުރަސް ތަކާއި ގުޅިގެން ނޫސްވެރިން ވަނީ މީގެކުރިން މުޒާހަރާ ވެސް ކޮށްފައެވެ. އަދި މިދިޔަ ހުކުރު ދުވަހު ނޫސްވެރިން ވަނީ ހިމޭން ހިނގާލުން މިނަމުގައި ހިނގާލުމެއް ވެސް ބާއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.