ފައިސަލަށް ޑރ. ޝައިނީ މަރުހަބާ ވިދާޅުވެ މަޝްވަރާއަށް ދައުވަތު ދެއްވައިފި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓަކަށް ހޮވިވަޑައިގެންފައިވާ ޖުމްހޫރީޕާޓީގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ މަރުހަބާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފައިސަލަށް މަރުހަބާ ދަންނަވާ ކަމަށާއި ޕާޓީތަކުގެ މަޝްވަރާއަށް ސަރުކާރުން އަލުން ދައުވަތު ދެއްވާ ކަމަށެވެ. އަދި ސިޔާސީ ޚިޔާލު ތަފާތުވުންތައް ނައްތާލައި ގުޅިގެން މަޝްވަރާ ކުރެއްވުމުގެ ދައުވަތު ފައިސަލް އިތުރަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫއަށް ވެސް ދެއްވާ ކަމަށް ވިދާޅުވެފައިވެއެވެ. މަޝްވަރާގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ޝައިނީ އަކީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތަކުގައި ސަރުކާރު ފަޅިން އެންމެ އިސްކޮށް ހުންނަވާ ބޭފުޅާއެވެ. މީގެ ކުރިންވެސް ސަރުކާރުން ވަނީ އެތައް ފަހަރެއްގެ މަތިން ޕާޓީތަކުގެ މަޝްވަރާއަށް ގޮވައިލައްވައިފައެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަމަށް އެންމެ އެދެވޭ އިޖާބައެއް ދީފައެއް ނުވެއެވެ.

އިބޫއާއި ފައިސަލް ނަސީމް މިހާރު ގެންދަވަނީ އައްޑޫސިޓީގައި ރިޔާސީ ކެންޕޭން ކުރައްވަމުންނެވެ. ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 23 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.