އިއްޔެ ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި އޮތް ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) ގެ އެންމެ އިސް ވެރިންގެ ބައްދަލުުވުމުގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވަނީ އޭނާ ގެންގުޅުއްވާ އިންޒާރުދިނުމާއި، މަލާމާތްކުރުމުގެ ސިޔާސަތު ކުރިއަށް ގެންދަވާފައެވެ.
ނޭޓޯގެ އެހެން ގައުމުތަކުން އެ ޖަމާއަތުގެ ބަޖެޓަށް ދޭ މިންވަރު އިތުރުކޮށް، ނޭޓޯއަށް ކުރާ ދިފާއީ ހޭދަ ގައުމުގެ ބަޖެޓުގެ %2 އަށް ބޮޑު ނުކުރާނަމަ ނޭޓޯ ދޫކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.
ނޭޓޯގެ މުހިއްމު ބައްދަލުވުންތަކެއް ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބްރަސެލްސްގައި ބާއްވާފައި ވަނީ ގިނަ މައްސަލަތަކަކާމެދު ވަހަކަދެއްކުމަށެވެ. އޭގެ ތެރޭގައި ޔުކްރޭން، ޖޯޖިއާ އަދި މެސެޑޯނިޔާ އާ މެންބަރުންގެ ގޮތުގައި ނޭޓޯއަށް ވެއްދުމުގެ މައްސަލަވެސް ހިމެނެއެވެ.
އެހެންނަމަވެސް ރައީސު ޓްރަމްޕް ވަނީ، އޭނާގެ އާދައިގެ މަތިން، އޭނާގެ އަމިއްލަ އެެޖެންޑާ ކުރިއަށް ނެރުއްވާފައެވެ. އަދި އަސްކަރީ ހޭދަ އެއީ އެންމެ މުހިއްމު މައްސަލަކަމުގައި ހައްދަވާފައެވެ. އޭނާ އެ ބައްދަލުވުމަށް ވަޑައިގަތުމުގެ ކުރިން، އަސްކަރީ ހޭދަ އިތުރުކުރުމަށް އެދިވަޑައިގެން ނޭޓޯގެ 10 ގައުމެއްގެ އެންމެ އިސްވެރިންނަށް ސިޓީފުޅު ފޮނުއްވާފައިވެސް ވެއެވެ.
އެބައްދަލުވުންތައް ބަލަމުން ދިޔަ ނޫސްވެރިންނަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ޓްރަމްޕް ގެންގުޅުއްވާ އަނެކުންނަށް މަލާމާތްކުރާ ބަހުރުވައެވެ. ބައްދަލުވުމުގައި ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލްއާ މުޚާޠަބުކުރައްވައި، " އެންޖެލާ! ކަލޭ މިކަމާމެދު ކޮންމެ ކަމެއް ކޮށްބަލަ" މިފަދައިން ވިދާޅުވެފައެވެ. ބްރަސެލްސްއަށް ވަޑައިގަތުމުގެ ކުރިން ޓްރަމްޕް ދެއްކެވި ވާހަކަފުޅެއްގައި މާކެލް ވަނީ ރަޝިޔާއަށް އަޅުވެތިވެފައި ކަމަށް ދޭހަވާ އިބާރާތެއްވެސް ވިދާޅުވެފައި ވެއެވެ.
ނޭޓޯ ގައުމުތަކުގެ އިސްވެރިނާމެދު އެކަށީގެން ނުވާ އިބާރާތުން ކިތަންމެ ފަހަރަކު ޓްރަމްޕް ވާހަކަފުޅު ދައްކަވާފައި ވެއެވެ. އެ ގޮތުން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއަކީ "ތެދުވެރިކަމެއް ނެތް ބަލިކަށި" ބޭފުޅެއް ކަމުގައި ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.
ބައްދަލުުވުމުގެ ތެރެއިން ރައީސު ޓްރަމްޕް ވަނީ ނޭޓޯގެ މެންބަރު ނޫންް ގައުމުތަކުގެ ވަފުދުތައް ބައްދަލުވުން ދޫކޮށް ނުކުތުމަށްވެސް އަންގަވާފައެެވެ.
ބްރަސެލްސްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސު ޓްރަމްޕް މިހާރުވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އިނގިރޭސިވިލާތުގައިވެސް އޭނާ ވަނީ އިންޒާރުދެއްވުމުގެ ސިޔާސަތު ކުރިއަށް ގެންދަވާފައެވެ. ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވުމަށް ފަހުވެސް އީޔޫއާއެކު ވިޔަފާރީގެ ގާތް ގުޅުމެއް ބާއްވައިފިނަމަ، އެމެރިކާއާއެކު ވިޔަފާރީގެ އެއްބަސްވުން ކުރިއަށް ގެންދަން ދަތިވާނެކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.