ފާތުން ބޭނުންވަނީ އަޅުގަނޑުގެ އަނބިމީހާގެ މަގާމު އެކަނި، އެވަރުން ފުދޭނެ- ރައީސް

ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް ބޭނުންފުޅުވަނީ ހަމައެކަނި އެމަނިކުފާނުގެ އަނބިކަނބަލުންގެ މަގާމު އެކަނި ކަމަށާއި ސަރުކާރަކުންވެސް އަދި ޕާޓީއަކުންވެސް އެއްވެސް މަގާމެއް ފާތުން ބޭނުންފުޅުނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މ. އަތޮޅު މުލަކު ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ ފާތުން މަސައްކަތް ކުރައްވަނީ އެއްވެސް މަގާމެއް ބޭނުންފުޅުވެގެން ނޫން ކަމަށެވެ. ނަމަވެސް ރައީސްގެ ރަނިންމޭޓަކަށް ފާތުން ވަޑައިގަންނަވަން ބޭނުންވާ މީހުންވެސް އުޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަސްމީ އެއްވެސް ޙައިސިއްޔަތެއް ނެތަސް ފާތުން ހުންނެވީ ގައުމަށް ޚިދުމަތް ކުރެއްވުމަށް ތައްޔާރަށެވެ.

ރައީސް ވިދާޅުވީ ހަމައެކަނި ރައީސް ޔާމީންގެ އަނބިކަނބަލުންގެ މަގާމު އޮތުން ފާތުންއަށް ފުދޭނެ ކަމަށާއި އިޖުތިމާއީ މަސައްކަތުގައި ފާތުން މިހާރު އުޅުއްވަނީވެސް އެމަނިކުފާނު އެކަންކަމުގެ ތެރެއަށް ނުކުތުމަށް ފާތުން އަރިހުގައި ވިދާޅުވެގެން ނޫން ކަމަށެވެ.

"އެކަމަކު އަޅުގަނޑު އޭނައަށް ހިތްވަރުދެން" ރައީސް ވިދާޅުވިއެވެ.

ރައީސް މިހެންވިދާޅުވިއިރު ރައީސްގެ ރަނިންމޭޓަކަށް ޑރ ޝަހީމް ހަމަޖެއްސެވުމުގެ ކުރިން ޕީޕީއެމްގެ ސޯޝަލްމީޑިޔާގައި އުޅޭ ބަޔެއް ފަރާތްތަކުން ރައީސްގެ ރަނިންމޭޓަކަށް ފާތުން ހަމަޖައްސަން ތާއީދުކޮށް ކޮންމެވެސް ވަރަކަށް ކެމްޕޭންވެސް ކުރިއެވެ. ނަމަވެސް ރައީސް ވިދާޅުވީ ފާތުންއަކީ ރަނިންމޭޓުކަން ބޭނުންފުޅުވެގެން އުޅުއްވާ ބޭފުޅެއްނޫން ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.