ދާޚިލީ ކަންކަމުގައި ގޮތްނިންމުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށްނެތް: ރައީސް

ރައީސް ޔާމީންގެ ޚާޖިރީ ސިޔާސަތު ބައްޓަން ކުރައްވައިފައިވަނީ ކުރިއަށް އޮތް ޖީލާހަމައަށް ކަންކަން ދާންވާއިރަށް ދިވެހިންގެ ސިޔާސީ ކަންކަމުގައާއި ދިވެހިންގެ މަސްލަހަތު އޮންނަ ކަންކަމުގައި  ބޭރުގެ ފަރާތްތަކުން ގޮތް ނިންމުމުގެ ފުރުސަތު ނުލިބޭގޮތަށް ކަމަށް އެމަނުކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު މުއްޔަށް ވަޑައިގެން އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ސަރުކާރުން ބޭރުގެ ފަރާތްތަކުގެ ލޯނު އެހީއަށް އެދެނީ ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަށް ހިންގުމަށްކަމަށާއި، ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ލޯނު އެހީ ދިނުމުގައި އެލޯނު އަނބުރާ އަދާކުރުމުގެ ހަކަތަ ސަރުކާރުގެ ކިބައިގައި ހުރިކަން ކަށަވަރު ކުރުމަށްފަހު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ ކަށަވަރުކަން ދެމެހެއްޓޭނީ ރާއްޖޭގެ އިގްތިސާދު ސާބިތުކަންމަތީ ދަމަހައްޓައިގެންކަމަށާއި، އެ ސާބިތުކަން އެއްދުވަހަކުން ނުވަތަ ދެދުވަހަކުން ކަށަވަރު ނުވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 މި ސަރުކާރުން ހިންގުމަށް ރާވައިފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ރާއްޖޭގެއެކި ހިސާބުތަކުގައި އެއަރޕޯޓްތަކާއި ބަނދަރުތައް ތަރައްގީ ކުރައްވާނެ ކަމަށާއި، ރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ކުރިޔަށް ގެންދިޔުމަށްޓަކައި ގިނަގުނަ މަސައްކަތްތައް މިސަރުކާރުން ރާއްވަވަމުން ގެންދަވާކަމުގައި ވެސް ވިދާޅުވިއެވެ.

މިގޮތުން މިފަހަރުގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަކީ މީގެކުރީގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ނޫންކަމަށާއި އެމަނިކުފާނުގެ އަމާޒަކީ މިކަންތައްތައް ދިވެހި ރައްޔިތުންނަށް ފުރިހަމަކޮށްދެއްވުންކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.