މިހާރު ހުންނެވި ނައިބު ރައީސް އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް ރައީސް ޔާމީންގެ ރަނިންމޭޓުކަން މި އިންތިޚާބުގައި ނުދެއްވީ ޖިހާދަށް ރައީސް އިތުބާރު ނުކުރައްވާތީ ނޫން ކަމަށާއި ނައިބު ރައީސް ޖިހާދަށް ރައީސް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ ނައިބު ރައީސް ޖިހާދަށް ރަނިންމޭޓުކަން ނުދެއްވި ނަމަވެސް އެމަނިކުފާނުގެ ތާއީދު ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އޮންނާނެ ކަމަށެވެ. އަދި ވަކިބޭފުޅަކު ރަނިންމޭޓަކަށް ހަމަޖެއްސެވުން އެއީ ރައީސްގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށެވެ. އަދި އެކަމުގައި ރާއްޖޭގެ ސިޔާސީ ޙާލަތު މިވަގުތު އޮތްގޮތަށް ރައީސް ވަރަށް ބޮޑަށް ބެއްލެވި ކަމަށް ވިދާޅުވިއެވެ.
ނައިބު ރައީސް ޖިހާދުއަށް ރަނިންމޭޓުކަން ނުދެއްވިޔަސް ރައީސް ޔާމީންގެ ރަނިންމޭޓުކަން ދެއްވާފައިވާ ޑރ މުޙަންމަދު ޝަހީމް އަލީ ސައީދަކީ ޖިހާދުގެ ޅިޔަނެކެވެ. ޖިހާދަށް ނައިބު ރައީސްކަން ދެއްވާފައި ވަނީ ރައީސް ޔާމީންގެ ނައިބު ރައީސްކަން ކުރެއްވި ދެބޭފުޅަކަށް ފަހުއެވެ.
އެންމެ ފުރަތަމަ ރައީސް ޔާމީންގެ ރަނިންމޭޓަކަށް 2013 ގައި ނުކުމެވަޑައިގެންނެވީ މިވަގުތު ރާއްޖެ ދޫކުރައްވައި އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވި ޑރ މުޙަންމަދު ޖަމީލް އަޙްމަދެވެ. ޑރ ޖަމީލު މަގާމުން ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފައެވެ. އެއަށް ފަހު ދެން ނައިބު ރައީސް ކަމަށް ހަމަޖެއްސެވީ އަޙްމަދު އަދީބެވެ. ނަމަވެސް އަދީބު މަގާމުން ވަކިކުރެއްވީ ރައީސް އާއި ރައީސްގެ އާއިލާ ދަތުރު ކުރެއްވި ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލުމުގައި އަދީބު ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމުންނެވެ. އެއަށް ފަހު އަދީބުގެ މައްޗަށް ވަނީ ކުށްސާބިތުވެ ޖަލު ޙުކުމެއްވެސް އައިސްފައެވެ.
އަދީބަށް ފަހު ރައީސް ޔާމީންގެ ނައިބު ރައީސަކަށް ދެން ހަމަޖެއްސެވީ އޭރު ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ޖިހާދެވެ. ޖިހާދަކީ ރައީސް މައުމޫނުގެ ވެރިކަމުގައިވެސް ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.