އެއްބުރުން އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކޮށްދެއްވާ- ޑރ ޝަހީމް

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކޮށްދެއްވުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކޮށްދެއްވުމަށް ރައީސް ޔާމީންގެ ރަނިންމޭޓަކަށް މިރޭ ހަމަޖެއްސެވި ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު މިރޭ އެދިވަޑައިގެންފިއެވެ.

ޕީޕީއެމްގެ ކައުންސިލުން ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ ޝަހީމް މިރޭ ހަމަޖެއްސެވިތާ ކުޑައިރުކޮޅެއް ފަހުން ޑރ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ހުރިހާ ދިވެހި ރައްޔިތުން އެއްބައިވަންތަވެ ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އިލްމްވެރިންނާއި، ޒުވާނުންނާއި، ގައުމުގެ އެންމެހާ ކަނބަލުން މި އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވުން އެދެން" ޑރ ޝަހީމް ވިދާޅުވިއެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް އިސްލާމިކް ޔުނިވާރސިޓީގެ ޗާންސެލާރގެ މަގާމުގައި ހުންނެވި ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވީ މިރޭ ބޭއްވި ޕީޕީއެމްގެ ކުއްލި ބައްދަލުވުމެއްގައެވެ.

ޑރ ޝަހީމް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ރައީސް ޑރ ވަޙީދާއި ރައީސް ޔާމީންގެ ސަރުކާރުގައިވެސް އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައެވެ. ކީރިތި ޤުރުއާން ހިތުދަސް ކުރައްވާފައިވާ ޑރ ޝަހީމަކީ ފިގްހް އަދި އުސޫލުލް ފިގްހުއިން ޕީއެޗްޑީސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އއ. މާމެންދޫއަށް އުފަން ޑރ ޝަހީމަކީ މަޝްހޫރު ދީނީއިލްމްވެރިޔެއްވެސް މެއެވެ. މެލޭޝިޔާގެ އިސްލާމިކް ޔުނިވާރސިޓީންނާއި މަދީނާގެ އިސްލާމިކް ޔުނިވާރސިޓީން ތައުލީމް ޙާސިލް ކުރެއްވި ޑރ ޝަހީމަކީ އަދާލަތު ޕާޓީ އުފެއްދުމުގައިވެސް އިސްރޯލެއް ކުޅުއްވި ބޭފުޅެކެވެ. ސިޔާސީ ހަޔާތް ފެއްޓެވީވެސް އަދާލަތު ޕާޓީންނެވެ. ޑރ ޝަހީމަކީ މިހާރު ނައިބު ރައީސް ކަމުގައި ހުންނެވި ޖިހާދުގެ ޅިޔަނެއްވެސް މެއެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ ޝަހީމް މިރޭ ހަމަޖެއްސެވިއިރު އެމަނިކުފާނު 2013 ވަނަ އަހަރުގެ އިންތިޚާބަށް ނުކުމެވަޑައިގަތީ ޑރ މުހަންމަދު ޖަމީލް އަޙްމަދު ރަނިންމޭޓަކަށް ލައްވައިގެންނެވެ. ނަމަވެސް ވެރިކަމުގެ ވަކިހިސާބަކުން ޑރ ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުން ނަގައި ޑރ ޖަމީލް ނައިބު ރައީސް ކަމުން ދުރުކުރިއެވެ. އެއަށް ފަހު ދެން ނައިބު ރައީސް ކަމަށް ވަޑައިގަތީ އަޙްމަދު އަދީބެވެ. ނަމަވެސް ގިނަދުވަސް ތަކެއްނުވެ އަދީބު ވަނީ މަގާމުން ވަކިކުރައްވާފައެވެ. އަދި ޖަލަށް ލެވުނެވެ. އަދީބު ޖަލަށް ލެވުނީ ރައީސް ހުންނަވަނިކޮށް ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ކަމުގެ ކުށުގައެވެ. އެއަށް ފަހު ނައިބު ރައީސް ކަމަށް ހަމަޖެއްސެވީ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ޖިހާދެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. Kithanme bodu ilmuveriaku naaibaka genayas, RY akee dheeni meehe kamah balaiganeveyka neiy... Mi dhauruga Ethah dheeni dharus thake dhinumah huras elhi.. Dheeni ilmuveringe huddha baathil kuri. Dheenah hajoo jehi, moonu buruga elhi kanbanlun vazeefa in vaki kuri...

    (Dr. Shaheem naaibakah hedhiyas RY vaanee hama RY ah) '' kithanme varakah dhonkuriyas dhunburi eh anbakah nuvaane. ''

    Kithah dhuvahuba naaibe gothuga bahattaanee.??!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.