ޒާކިރު ނައިކު މެލޭޝިޔާއިން ބޭރުނުކުރާނަން: މަހާތީރު

ޣައިރު މުސްލިމުންނަށް އިސްލާމްދީނުގެ ކަންކަން އޮޅުންފިލުއްވައިދެއްވައި، ދީނަށް ގޮވައިލެއްވުމުގައި މަޝްހޫރުކަން ހޯއްދަވާފައިވާ ޑޮކްޓަރު ޒާކިރު ނައިކު މެލޭޝިޔާއިން ބޭރުނުކުރައްވާނެ ކަމުގައި އެގައުމުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޒާކިރު ނައިކަކީ އިންޑިޔާގެ ރައްޔިތެކެވެ. އޭނާގެ ތަގުރީރުތަކުގައި ޓެރަރިޒަމަށް ހިތްވަރު ލިބޭފަދަ ވާހަކަދައްކަވާފައިވާ ކަމަށް ބުނެ އެގައުމުން އޭނާ ހައްޔަރުކުރަން އުޅުމުން އޭނާ ވަނީ 2016 ވަނަ އަހަރު މެލޭޝިޔާއަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ. އަދި މެލޭޝިޔާއިން ވަނީ އެގައުމުގެ ދާއިމީ ވަޒަންވެރިކަން އޭނާއަށް ދީފައެވެ.

ޒާކިރު ނައިކް އިންޑިޔާއަށް ފޮނުވައިދިނުމަށް މެލޭޝީޔާ ސަރުކާރުގައި އިންޑިޔާއިން އެދިފައިވާ ކަމަށް އިންޑިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައި ވެއެވެ. މެލޭޝިޔާއާއި އިންޑިޔާ ވަނީ ކުށްވެރިން ބަދަލުކުރުމުގެ އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ.  

"އޭނާ މިތަނުގައި މައްސަލަތަކެއް ނުއުފައްދަވާހާ ހިނދަކު އަހަރުމެން އޭނާ ބޭރުނުރާނަން. އެއީ އޭނާއަށް ދާއިމީ ވަޒަންވެރިކަން ދީފައި ވާތީ." އިދާރީ ވެރިރަށް ޕުތުރަޖާޔާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ފެތުރި ޚަބަރާ ބެހޭގޮތުން ދެންނެވުނު ސުވާލަކަށް ޖަވާބުދެއްވަމުން މަހާތީރު ވިދާޅުވިއެވެ.

އުމުރުފުޅުން 52 އަހަރުފުޅުގެ ޒާކިރު ނައިކު ވިދާޅުވީ އެޚަބަރުތަކަކީ "އެއްވެސް އަސްލެއް ނެތް ދޮގު" ޚަބަރުތަކެއް ކަމުގައެވެ. އަދި "ބޭއިންސާފު ދައުވާ އުފުލުމުން އަމާކަން" ލިބުމުން މެނުވީ އިންޑިޔާއަށް އެނބުރި ވަޑައިގަތުމުގެ ވިސްނުންފުޅެއް ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ.

ޒާކިރު ނައިކުގެ "ގަބޫލުނުކުރެވޭފަދަ ސުލޫކު" ފެނިގެން ދިޔަ "އެތައް ވާހަކަތަކެއްގެ" ސަބަބުން އިނގިރޭސި ހޯމް މިނިސްޓްރީން ވަނީ އަހަރު އޭނާ އިނގިރޭސިވިލާތަށް ވަނުން 2010 ވަނަ މަނާކޮށްފައެވެ.

އިންޑިޔާއިން މެލޭޝިޔާ ސަރުކާރުގައި ޒާކިރު ނައިކް ފޮނުވައިދޭން އެދުނުކަން އިންޑީޔާގެ ރަސްމީ ފަރާތަކުންވެސް އަދި މެލޭޝިޔާގެ ރަސްމީ ފަރާތަކުވެސް ކަށަވަރުކޮށްދީފައި ނުވެއެވެ.

1965 ވަނަ އަހަރު އިންޑިޔާގެ މުމްބާއީއަށް އުފަންވެވަޑައިގަތް ޒާކިރު ޢަބްދުލްކަރީމު ނައިކަކީ މުމްބާއީ ޔުނިވަސިޓީން އެމްބީބީއެސް ހައްދަވާފައިވާ މެޑިކަލް ޑޮކްޓަރެކެވެ. އެހެންނަމަވެސް 1991 ވަނަ އަހަރު އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ނަމުގައި ޖަމްއިއްޔާއެއް އުފައްދަވައި، އޭރުއްސުރެ އޭނާ ގެންދަވަނީ އިސްލާމްދީނަށް ގޮވައިލެއްވުމުގެ މަސައްކަތްކުރައްވަމުންނެވެ. ޒާކިރު ނައިކު ވިދާޅުވެފައިވާ ގޮތުގައި އޭނާ އެމަސައްކަތަށް ޝައުޤުވެރިވެވަޑައިގަތީ ދެކުނު އެފްރިކާގެ މަޝްހޫރު އިލްމުވެރިޔާ އަޙްމަދު ދީދާތާ 1987 ވަނަ އަހަރު ބައްދަލުވެވަޑައިގަތުމަށް ފަހުގައެވެ.

ޕީސް ޓީވީގެ ނަމުގައި ބައިނަލްއަގްވާމީ ދީނީ ޗެނެލެއް ހިންގަވާ ޒާކިރު ނައިކަށް ވަނީ އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ރޮނގުން ކިންގް ފައިސަލް އިންޓަނޭޝަނަލް ޕްރައިޒް 2015 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. 

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.