ޝުކޫރު އަވަހާރަވުން: މޮޅު ލިޔުންތެރިއެއްގެ ވަކިވުން

ފޮޓޯ: އާއިލާ

އަސްތާނާ ޝުކޫރު ނުވަތަ ޢަބްދުއްޝުކޫރު ޢަލީ އަވަހާރަވީ ޚަބަރު އަޅުގަނޑު އެހީ ވަރަށް ފުން ހިތާމަޔަކާ އެކީގައެވެ. ހިތާމަ ކުރަން ޖެހުނީ އެއީ އަޅުގަނޑުގެ މާ ގާތް އެކުވެރި ބޭފުޅަކަށް ވާތީއެއް ނޫނެވެ. ހިތާމަ ކުރެވުނީ އަޅުގަނޑުގެ އެތައް ޒަމާނެއްވީ ހުވަފެނެއް ދެން ދުވަހަކުވެސް ހަގީގަތަކަށް ނުވާނެކަން ކަށަވަރު ވީމައެވެ. އެ ހުވަފެނަކީ ޝުކޫރުގެ ފައިންޕުޅު ދެކި ވާހަކަ ދައްކައިލުމުގެ ހުވަފެނެވެ.

އަޅުގަނޑު ކުޑަ އިރު މާލޭގައި ތިން ކުތުބުޚާނާއެއް ހުރެއެވެ. އެއީ ގައުމީ ކުތުބުޚާނާއާއި، އައިލެންޑް ލައިބްރަރީއާއި، އެމްއައިޑީ ލައިބްރަރީއެވެ. އަޅުގަނޑު ވަރަށް ގިނައިން އެމްއައިޑީ (މުޙައްމަދު އިސްމާޢީލް ދީދީ) ލައިބްރަރީއަށް ދަމެވެ. އެ ލައިބްރަރީ ހުންނަނީ ހެންވޭރު މީރުބަހުރުގޭގައެވެ. އެ ތަނަށް ހަފްތާއަކު އެއް ދުވަހު ގޮސް އަޅުގަނޑު ކުރާ ކަަމަކީ ޢަބްދުއްޝުކޫރު ޢަލީ ތަރުޖަމާ ކުރައްވައިފައި ހުންނަ ވާހަކަ ކިޔުމެވެ. އެ ދުވަސްވަރު ވާހަކަ ނެރެނީ ހަފުތާއަކު ސޯޅަ ސަފުހާގެ ބައެއް ނެރެމުން ގޮސް މުޅި ވާހަކަ ނިންމައިލާ ގޮތަށެވެ. އަޅުގަނޑު އެދުވަސްވަރު ކީ ވާހަކަތަކުގެ ތެރޭގައި "ބްލެކް ބޮސް"، "ކިޑިކީ" ފަދަ އެތައް ވާހަކައެއް ހިމެނެއެވެ. ޝުކޫރުގެ ޢިބާރާތްތައް އަޅުގަނޑަށް ވަރަށް ކަމުދިޔައެވެ. އޭނާ އެ ދުވަސްވަރު ތަރުޖަމާ ކުރައްވައިގެން ނެރުއްވި ވާހަކަތަކުގެ ތެރޭގައި އިންޑިއާގައި ނެރުނު "މުޖްރިމް" ނަމަކަށް ކިޔާ މަޖައްލާއެއްގައި ނެރޭ ޖާސޫސީ ވާހަކަތައް ހިމެނެއެވެ. "މުޖްރިމް" އަކީ މަހަކު އެއްފަހަރު ނެރޭ މަޖައްލާއެކެވެ. އެ މަޖައްލާގައި ކޮންމެ މަހަކު އޮންނާނީ ދިގު އެއް ވާހަކައެވެ. ވާހަކަ ލިޔަނީ އިބްނު ޞަފީ ނަމަކަށް ކިޔާ މީހެކެވެ. ޖާސޫސީ ނާވިލެއްގެ ގޮތުގައެވެ. ވާހަކައިގެ ބަތަލަކަށް އުޅެނީ ކާނަލް ޒާހިދު ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ބައިވެރިންގެ ގޮތުގައި މަސައްކަތް ކުރަނީ ކެޕްޓަން ޖާވީދާއި، ސީމާއާއި، ޑާގާއެވެ. އެތައް އަހަރެއް ފަހުން މިހާރުވެސް ޝުކޫރުގެ ތަރުޖަމާ ވާހަކަތަކުގައި އުޅޭ މީހުންނާއި، އެ ވާހަކަތަކުގެ ބައެއް ހާދިސާތައް އަޅުގަނޑުގެ ހަނދާނުގައި ހަރުލާފައި އެބަހުއްޓެވެ. އެ ދުވަސްވަރަކީ ޅައިރުގެ ދުވަސްތަކަށް ވުމާއެކު އަޅުގަނޑު މި އުޅެނީ ދިވެހި ބަހަށާއި، ތަރުޖަމާ ކުރުމަަށާއި، ލިޔުމަށް މާވަރުގަދަ ލޯތްބެއް ޖެހިގެން ކަމެއް ބުނާކަށް އޭރަކު ނޭނގެއެވެ. އަޅުގަނޑުގެ "މޮޔަބަލީ"ގެ ސަބަބު އެނގުނީ މާ ފަހުންނެވެ.

ޝުކޫރުގެ ވާހަކަތައް އަޅުގަނޑު ކިޔާ އެހެން ތަނެއްވެސް ހުރެއެވެ. އެއީ ބޯކޮށާ އަޙްމަދު ފިހާރައެވެ. އެ ފިހާރަ ހުންނަނީ އިސްލާމީ މަރުކަޒުގެ ފުރަގަހުގައި އެ ކޮށީގެ ދެކުނު ކަންމައްޗަށް ވާގޮތަށް ޗާނދަނީމަގުގައެވެ. ކޮންމެ ހަފުތާއަކު އެއް ފަހަރު އަޅުގަނޑު ބޯކޮށަން ދަމެވެ. ބޯކޮށާ ހިތަކުންނެއް ނޫނެވެ. ފޮތް ކިޔާށެވެ. އެތަނަށްވެސް ކޮންމެ ހަަފުތާއަކު އިޝްތިރާކު ދީގެން ވާހަކަ ފޮތް ގެނެއެވެ. އަޅުގަނޑު އެތަނަށް ވަންނަނީ އެތާނގައި ގިނަ މީހުން ތިބޭ ގަޑިއެއް ބަލާފައެވެ. އެ ދުވަސްވަރަކީ މިހާރާ ތަފާތު ދުވަސްވަރެކެވެ. އެކަނި ކުޑަ ކުއްޖަކަށް އެއްވެސް ތަނަކަށް ނުދެވޭނެއެވެ. އަޅުގަނޑާ އެކީގައިވެސް މީހަކު ދެއެވެ. އޭނާޔާ ވާހަކަ ދައްކައިގެން މީހުން ގިނަ ވަގުތަކު ވަންނަނީއެވެ. އެއީ ކިޔޫގައި ގިނަ ވަގުތު ހުންނާން ވެގެންނެވެ. ކިޔޫގައި ހުންނަ ވަގުތަކީ އަޅުގަނޑު ޝުކޫރުގެ ވާހަކަތައް ކިޔާ ގަޑިއެވެ.

އޭރުގެ ކަންތައް ހުންނަ ގޮތުން އާއިލާއާއި ގުޅުން އޮންނަ މީސްމީހުންގެ މާ ގިނަ މައުލޫމާތެއް ލިބޭ ގޮތެއް ނުހުރެއެވެ. ޝުކޫރުގެ ދަރިކަލުން ޢާމިރާއި އަޅުގަނޑާ ދެމީހުން އެއް ކުލާހުގައި އުޅުނީމެވެ. އެކަމަކު އެއީ ޝުކޫރުގެ ދަރިކަލެއް ކަމެއް އަޅުގަނޑު ނުދަންނަމެވެ. ޝުކޫރުގެ ދޮށީ ދަރިކަލުން ޢާޠިފް އުޅުއްވީ އަޅުގަނޑުގެ ބޭބެޔާ އެއް ކުލާހެއްގައެވެ. އެހެންވީމާ އެއީވެސް ރައްޓެއްސެކެވެ. އަޅުގަނޑާ ވަރަށް ގާތް ގޮތެއް މިހާރުވެސް ބަަހައްޓަވާ ބޭފުޅެކެވެ. އެކަމަކު އެއީވެސް ޝުކޫރުގެ ދަރިކަލެއް ކަމެއް އޭރަކު ނުދަންނަމެވެ.

ޝުކޫރު ސްރީލަންކާގައި ވަރަށް ގިނަ ދުވަހު އުޅުއްވިއެވެ. އެ ދުވަސްވަރުގެ ތެރޭގައި އަޅުގަނޑުގެ ބޮޑުބޭބެދަރިއެއް ޝުކޫރުގެ އަރިހަށް ގޮސް އުޅެއެވެ.  އެއް ދުވަހަކު ތަރުޖަމާގެ ވާހަކަ ދެކެވިގެން ގޮސް ޝުކޫރު ވިދާޅުވި ކަމަށްވެއެވެ. މިހާރު ތަރުޖަމާ ކުރާ މީހުންގެ ތެރެއިން ޝުކޫރަށް އެންމެ ރަނގަޅު ކަމަށް ފާހަގަ ކުރެވެނީ ޢަބްދުﷲ ނަޢީމު އިބްރާހީމް ނަމަކަށް ކިޔާ މީހެކެވެ. މި ވާހަކަ އިވުނު ދުވަހު އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑު އުފަލެއް ލިބުނެވެ. އަޅުގަނޑުގެ އެންމެ މަގުބޫލު ތަރުޖަމާކުރުންތެރިޔާއަށް އަޅުގަނޑު ކަމުފޮޅާގޮތް ވީމައެވެ. އަޅުގަނޑަކީ ތައުރީފުގެ ބަސްތައް އަޑު އަހާ ހިތްވާ މީހަކީމެއް ނޫނެވެ. އަދި އެކަހަލަ މާހައުލެއްގައި އުޅޭ ހިތްވާ މީހަކީމެއްވެސް ނޫނެވެ. އަޅުގަނޑަށް ޝުކޫރުގެ ފައިންޕުޅު ދެކެން ނުގޮސް ހުރެވުނު ސަބަބަކީ މިއީ ކަމަށް ވެދާނެއެވެ. އަޅުގަނޑުގެ ލިޔުންތައް ކަމުދާ ވާހަކަ އަޅުގަނޑުގެ ކުރިމަތީގައި ޝުކޫރު ވިދާޅުވެދާނެތީ އަޅުގަނޑު ޖެހިލުންވެއެވެ. މީގެ އިތުރަށް އަޅުގަނޑަކީ ތަންތަނަށް ގޮސް މީހުނާ ބައްދަލުކޮށް އުޅުމުގެ އާދަ ހިފިފައި ހުރީ މީހަކީމެއްވެސް ނޫނެވެ. މިއަދު މިއޮތީ އެކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައެވެ.

އަޅުގަނޑު ވިސްނައިލީމެވެ. އަޅުގަނޑުގެ ލިޔުންތައް ޝުކޫރަށް ރަނގަޅުފުޅުވީ ކީއްވެގެން ބާވައެވެ؟ އަޅުގަނޑަށް ވިސްނުނު ގޮތުގައި އެއީ އޭނާގެ ލިޔުމުގެ އަސަރު އަޅުގަނޑުގެ ލިޔުންތަކުން ފެނިވަޑައިގަތީމާ ވީ ގޮތެކެވެ. އަޅުގަނޑު ދުވަހަކުވެސް މީހަކުގެ ލިޔުމެއް ކޮޕީއެއް ނުކުރަމެވެ. އެކަމަކު ކުޑައިރުއްސުރެ ކިޔައި އުޅޭ ލިޔުމެއްގެ ވައްޓަފާޅިއާއި އަސަރު ލިޔުމަށް ކުރުމަކީ ނުވެ ނުދާނޭ ކަމެކެވެ. އެހެންވީމާ އަޅުގަނޑުގެ ލިޔުމުގައި ޝުކޫރުގެ ވައްޓަފާޅި ހުރުމަކީ އެކަށީގެންވާ ކަމެއް ނޫންތޯއެވެ؟ މިހެން ހިތައް އެރީމާވެސް ބާވަތެއްގެ އުފަލެއް ވެއެވެ.

ޝުކޫރުގެ ތަރުޖަމާގެ އަސަރު އަޅުގަނޑަށް ކުރި ވަރު ދަންނަވަންތޯއެވެ؟ އަޅުގަނޑު އިސްކޫލުގައި އުޅެގެން އަމިއްލައަށް އުރުދޫ ބަސް ދަސް ކޮށްފީމެވެ. އަދި އުރުދޫ ބަހުން ހުންނަ ވާހަކަ ތަރުޖަމާވެސް ކުރަން ފަށައިފީމެވެ. އެ ދުވަސްވަރު އިސްކޫލުގައި ނެރުނު މަޖައްލާތަކުގައި އަޅުގަނޑުގެ ތަރުޖަމާާހުންނާނެއެވެ. މީގެ އިތުރަށް "މުޖްރިމް" ހޯދައިގެން އެވެސް ތަރުޖަމާ ކުރީމެވެ. އަޅުގަނޑު ބޭނުންވީ ސީދާާ ޝުކޫރުގެ ފިޔަވަޅުފުޅުގެ މަތީގައި ހިނގާށެވެ.

މިއަދުގެ ހިތާާމައަކީ އަޅުގަނޑަށް ޝުކޫރުގެ ފައިންޕުޅު ނުފެނުމުގެ ހިތާމައެވެ.

ޝުކޫރަށް ދަންނަވައިލަމެވެ.

"އަޅުގަނޑުގެ ލިޔުމުގައި ދިވެހި އެއްވެސް ލިޔުންތެރިއެއްގެ ލިޔުމުގެ އަސަރެއް ހުރިއްޔާ ހުންނާނީ ޝުކޫރުގެ ލިޔުއްވުމުގެ އަސަރެވެ. އަޅުގަނޑު މިހެން މި ދަންނަވަނީ ފަޚުރުވެރިކަމާއި، އުފަލާ އެކީގައެވެ. އަޅުގަނޑަށް ތަރުޖަމާ ކުރުމުގެ ތެރެއަށް ވަދެވުނީ މަނިކުފާނުގެ ސަބަބުންނެވެ. އަޅުގަނޑުގެ ބުރިކަށީގައި އަތްޕުޅު ނުވެސް ޖައްސަވައި، އަޅުގަނޑު ތަރުޖަމާ ކުރުމުގެ ތެރެއަށް ކޮއްޕަވައިލެއްވީ މަނިކުފާނެވެ. އަޅުގަނޑަށް ހާސިލު ކުރެވުނު އެއްޗެއް ވިއްޔާ އެ އެއްޗެއްގެ ބައެއް މަނިކުފާނަށް ޙައްޤެވެ. އަޅުގަނޑު ދުނިޔޭގައި ހުރިހައި ދުވަހަކު މަނިކުފާާނަށް ޝުކުރުވެރިވެ، ހެއު ދުޢާ ކުރާނަމެވެ."

ޢަބްދުއްޝުކޫރު ޢަލީ އަޅުގަނޑުމެނާ ވަކިވެވަޑައިގެން ދެމިއޮތުމުގެ އާލަމަށް އެ ވަޑައިގަތީ އުމުރުފުޅުން 79 އަހަރުގައެވެ. ރާއްޖޭގެ ލިޔުންތެރިކަމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ. އޭނާގެ ލިޔުއްވުންތަކުގެ ތެރޭގައި ކުރުވާހަކައާއި، ނާވިލާއި، ޖޯކު ހިމެނެއެވެ. ރާއްޖޭގައި އެންމެ ގިނަ ދުވަސް ވާންދެން ނެރުނު އެއް މަޖައްލާ ތަކަށްވާ "އާބާރު"ގެ އެއް ބާނީއަކީވެސް ޝުކޫރެވެ. ތަރުޖަމާ ކުރައްވައިގެން ނެރުއްވި ނާވިލުތަކުގެ ތެރޭގައި ޖާސޫސީ ވާހަކައާއި، ބިރުވެރި ވާހަކައާއި، ލޯބީގެ އެތައް ވާހަކައެއް ހިމެނެއެވެ. އެ ވާހަކަތައް މިހާރަކު ފެންނާކަށް ނެތެވެ. އެ ވާހަކަތައް އޭނާގެ ބޭފުޅުން މަސައްކަތް ކުރައްވައިގެން ނަމަވެސް އަލުން ޗާޕު ކުރައްވައިގެން ނެރުއްވާނޭ ނަމަ ހާދަހާާ ރަނގަޅޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އެއީ ދަމަހައްޓަން ޖެހޭ މުތްތަކެއް ކަމަށް އަޅުގަނޑު ގަބޫލު ކުރާތީއެވެ. ދިވެހިރާއްޖޭގައި އޮންނަ ޚިދުމަތާއި މަސައްކަތުގެ ހަނދާން ނައްތައިލުމުގެ އާދަ ފުހެވެންވެސް ބޭނުން ވާތީއެވެ.

މާތް ﷲ ޝުކޫރުގެ އާއިލާއަށް ހިތްވަރާއި، ކެތްތެރިކަން ދެއްވާށިއެވެ! ޝުކޫރަށް ސުވަރުގެ މިންވަރު ކުރައްވާށިއެވެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.