އައްޑޫ ސިޓީގައި އިއާދަކުރަނިވި ހަކަތަ ގާއިމް ކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ!

Solar-Panel-Install_3

އަންނަ މެއި މަހުގެތެރޭ އައްޑޫ ސިޓީގައި އިއާދަކުރަނިވި ހަކަތަ ގާއިމް ކުރުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް އެންވާރުމެންޓް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެމިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓް ފޯރުކޮށްދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވަރަށް އިސްކަމެއްދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއް ކަމަށެވެ. ސޯލާ އެނާޖީ ބޭނުން ކޮށްގެން ކަރަންޓުގެ ޚިދުމަތް ދިނުމަށް ރައީސް ވަރަށްބޮޑުއިސްކަމެއް ދެއްވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި ސޯލާ އެނާޖީ ގާއިމް ކުރުމަށް ބޭނުންނާ ސާމާނު މިހާރު ރާއްޖެ އަންނަމުންދާ ކަމަށާއި، އަންނަ މެއި މަހުގެތެރޭ އެމަސައްކަތް ފެށިގެންދާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އައްޑޫ ސިޓީގައި އިއާދަ ކުރަނިވި ހަކަތަ ގާއިމް ކުރުމަށް، އެކެއް ޕޮއިންޓް ހައެއް މެގަވޯޓް ސޯލާ ޕީވީ ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޑީސަލް އަންދައިގެން ކަރަންޓް އުފެއްދުމާއި، ސޯލާ ބޭނުން ކޮށްގެން ކަރަންޓް އުފެއްދުމަށް ބަލާއިރު ސޯލާ އަކީ އަގުބޮޑު ވަސީލަތެއް ކަމަށާއި، ނަމަވެސް ދިގު މުއްދަތައް ބަލާއިރު ރާއްޖޭގެ މުސްތަގްބަލް ފެންނަނީ އިއާދަ ކުރަނިވި ހަކަތައިން ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ހަކަތައިގެ ބިޔަ މަޝްރޫއެއް ފަށައި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށް ދިނުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ދުވާލުގެ ވަގުތު ބޭނުންކުރާ ހަކަތައިގެ ތިރީސް އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުން ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އިއާދަ ކުރަނިވި ހަކަތަ ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި މިހާރުވެސް ރައްރަށުގެ ޑިޒައިނިން މަސައްކަތްކޮށް ކަރަންޓު އުފެއްދުމާއި ގޭގެއަށް އެ ކަރަންޓް ފޯރުކޮށް ދިނުމުގެ މަސައްއަށްދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.