ކޮރަޕްޝަންގެ ފައިސާއިން ފައިދާ ކުރި ކަމަށް ކެމެރަން އެއްބަސްވެއްޖެ

david-cameron

ޕެނަމާގެ ލޯ ފާމް މޮސެކް ފޮންސެކާގެ ޑޮކިއުމެންޓްތަކެއް ލީކުވެ، އެމެރިކާގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންގެ ބައްޕާފުޅު އިއާން ކެމަރަންގެ ކޮރަޕްޝަނުގެ ބޮޑު މައްސަލަތަކެއް ފަޅައިއަރާފައި ވާއިރު، ޕެނަމާ ޕޭޕާސްގައި ބުނެފައިވާ އޮފްޝޯ އެކައުންޓުގައި ހިއްސާ އޮތް ކަމަށް ޑޭވިޑް ކެމަރަން އެއްބަސްވެވަޑައިގެންފި އެވެ.

މޮސެކް ފޮންސެކާ ލޯ ފާމަކީ ޕެނަމާގެ ކުންފުންޏެކެވެ. އެ ކުންފުނިން ދިޔައީ، ދުނިޔޭގެ ނަން ހިނގާ މަޝްހޫރު މީހުންނާއި، ސިޔާސީ ފަރާތްތަކުން ޓެކްސްއަށް މަކަރު ހެދުމުގައި އެހީތެރިވެ ދިނުމަށް އޮފްޝޯ ކުންފުނިތަކެއް އުފެއްދުމުގައި އެހީތެރިވެދީ، އެކަން ސިއްރު ކުރުމުގެ މަސައްކަތް ކޮށްދީފަ އެވެ.

އެގޮތުން ޑޭވިޑް ކެމަރަންގެ ބައްޕަގެ އޮފްޝޯ އެކައުންޓެއް އޮތް ކަމަށާއި އެކައުންޓުގެ ބޭނުން ކޮށްގެން ޓެކްސް ނުދައްކާ އޮޅުވާލައިގެން ފައިސާ ފޮރުވައިގެން އުޅުނު ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޕެނަމާ ޕޭޕާސްގައި ލީކުކޮށްލި ވާހަކަތަކާ ގުޅިގެން ބައްޕާފުޅުގެ އެކައުންޓުގެ ނާޖާއިޒް ފައިދާ ޑޭވިޑް ކެމަރަން ނަންގަވާތޯ އެތައް ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ. އަދި އެކަމަށް ޖަވާބުދާރީވުމަށް ފުރުސަރު ވެސް ވަނީ ދީފަ އެވެ.

އޭރު ކެމަރަން ވިދާޅުވީ އޮފްޝޯ ކުންފުންޏެއްގައި އެމަނިކުފާނުގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަމިއްލަފުޅު އޮފްޝޯ އެކައުންޓެއް ވެސް ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ބައްޕާފުޅުގެ އެކައުންޓުން ފައިދާ ލިބުނު ކަމަށް ކެމަރަން މިހާރު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ކެމަރަން ވިދާޅުވީ ބައްޕާފުޅުގެ އޮފްޝޯ އެކައުންޓުގައި ކެމަރަންއާ އެމަނިކުފާނުގެ އަނބިކަނބަލުންގެ ހިއްސާ އޮތް ކަމަށާއި، އެ ހިއްސާ 2010 ވަނަ އަހަރު ވިއްކާލާފައިވާ ކަމަށެވެ.

ހިއްސާ ވިއްކާލާފައި ވަނީ 30،000 ޕައުންޑަށް ކަމަށްވެސް ކެމަރަން ވިދާޅުވި އެވެ.

ކެމަރަން ވިދާޅުވީ "ފޮރުވާނެ އެއްވެސް އެއްޗެއް ނެތް" ކަމަށާއި ދައްކަންޖެހޭ ހުރިހާ ޓެކްސް އެއް ދައްކާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އިދިކޮޅު ލޭބަ ޕާޓީ އިން ވަނީ ޑޭވިޑް ކެމަރަންގެ މާލީ ބަޔާން އާންމު ކުރުމަށްވެސް ގޮވާލާފަ އެވެ.

ޕެނަމާ ޕޭޕާސްގެ ނަމުގައި ލީކުވި ޑޮކިއުމެންޓުތަކުގައި، ސައުދީ ރަސްގެފާނާއި، ޗައިނާގެ ރައީސްގެ ދެކަނބަލުންނާއި ރަޝިއާގެ ރައީސް ވްލަޑީމިއާ ޕޫޓިން އަދި އިންޑިއާގެ މަޝްހޫރު ބައްޗަން އާއިލާފަދަ ފަރާތްތަކާ ކޮރަޕްޝަނާ ގުޅުން ހުރިކަން ވަނީ ފަޅައި އަރައިފަ އެވެ.

ޕެނަމާ ޕޭޕާސް އިން އައިސްލެންޑުގެ ބޮޑުވަޒީރާއި ކޮރަޕްޝަނުގެ ބޮޑު މައްސަލަތަކެއް ފަޅައި އަރުވާލުމުގެ ސަބަބުން، އެގައުމުގެ ބޮޑުވަޒީރު ސިގްމަންޑުއާ ޑޭވިޑް ގުންލާގްސަން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އިސްތިއުފާ ދެއްވުމުގެ ކުރިން މިއަދު ބޮޑުވަޒީރު ގަންލާގްސަން ވަނީ، އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައި، އަލުން އިންތިޚާބެއް ބާއްވައިގެން އާ މަޖިލީހެއް އިންތިޚާބު ކުރުމަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެކަމަށް އައިސްލެންޑުގެ ރައީސް އެއްބަސްވެވަޑައި ނުގެންނެވި އެވެ.

އައިސްލެންޑުގެ ބޮޑުވަޒީރަކީ، ޕެނަމާ ޕޭޕާސްގެ މައްސަލައާ ގުޅިގެން އިސްތިއުފާ އިޖާބައެއް ދީ، މަގާމުގެ މަސްއޫލިއްޔަތުން އިސްތިއުފާ ދެއްވި ފުރަތަމަ ފަރާތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.