ސިއްހީ ދާއިރާއިން ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައި - ހެލްތު މިނިސްޓަރު

media-a1PDocApu2c2LDF_lg

ވޭތުވެ ދިޔަ އަހަރު ސިއްހީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ހެލްތުމިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އިއްޔެ ފާހަގަކުރި ދުނިޔޭގެ ހެލްތު ދުވާހާއި ގުޅިގެން ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެން ބައްދަލުމުގައި ވާހަކަފުޅުން ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ ރިޔާސީ މެނިފެސްޓޯގައި، ސިއްހީ ދާއިރާއަށް އަމާޒުކުރައްވައި 20 ލަނޑުދަނޑިއެއް ކަނޑައަޅުއްވާފައިވާކަމަށާ، އެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

އެގޮތުން ވޭތުވެ ދިޔަ އަހަރު އެކަނި ވެސް ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މެޝިނަރީއާއި އެހެނިހެން އިކުއިޕްމެންޓުތައް ހޯދުމަށް ސަރުކާރުގެ ބަޖެޓުން 194 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ސިއްހީދައިރާއިން ދެމުންގެންދާ ޚިދުމަތްތައް ފުޅާވެ ކުރިއަރުވަމުންދާކަން ފަހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންހެނުންގެ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާއި އަދި ހޭނައްތާ ޑޮކްޓަރުންގެ އިތުރުން ފޫޅުމައިން ހަރަކާތްތެރިވަމުންދާކަމަށެވެ.

އަދި ބައިނަލް އަގްވާމީފެންވަރުގައިވެސް ރާއްޖޭގެ ސިއްހީ ދާއިރާއިން ކުރިންއެރުންތައް ހޯދައްވަމުންގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.